ENGLISH
24 އޭޕްރީލު 2026
އެމްޑީޕީއަށް ދެވަނަ "ލޮލް"އެއް، މިފަހަރު ޝުޖާއުގެ ފަރާތުން
24 އޭޕްރީލު 2026
|
މެމްބަރު ޝުޖާއު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެންމެ މަޤްބޫލު
ނިމިދިޔަ ކައުންސިލް އިންތިހާބުގައި ހއ. އަތޮޅުގެ ދަށްބިތުގެ ގޮނޑިތައް ބެހިގެން ދިޔަ ގޮތުގެ ވާހަކަފުޅު ދައްކަވާ އެ ދާއިރާގެ ރަށްތަކުން އިދިކޮޅު އެމްޑީޕީއަށް ނިބުނު ނަތީޖާއަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު "ލޮލް" އަކުން ރައްދު ދެއްވައިފި އެވެ.
ހއ. ފިއްލަދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއުވަނީ އިންތިހާބުން ކާމިޔާބު ލިބުނީ ޕާޓީގެ މެމްބަރުން ވެވަޑައިގެންނެވި ގުރުބާނީތަކުގެ ނަތީޖާއިން ކަމަށް ވިދާޅުވެފަ އެވެ.
"ކެލާ ދާއިރާގެ މެމްބަރު ކުރައްވާ މަސައްކަތްޕުޅު އަޅުގަނޑުމެންނަށް އެބަ ފެނޭ. ކެލާ ދާއިރާގެ ތަރައްގީއަށް ހާއްސަގޮތެއްގައި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތައް. މި އިންތިހާބު ކާމިޔަބުކުރުމަށް ވެސް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި. ނިމިދިޔަ ދެވަނަ ބުރުގައި ކެލާއިން އަޅުގަނޑުމެންނަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމުގެ ގޮނޑި ލިބިގެންދިޔަ އެހެން ގޮނޑިތަކެއް ކަންދިމާކުރިގޮތުން ނުލިބުނު. އޭގެންވެސް އިނގެނީ އެއްބައެއްގެ ގޮތުގައި ކުރިއަށްދިޔައީމަ ކާމިޔާބު ލިބޭނެކަން. އެމްޑީޕީން އޮންނާނީ އޭގެންވެސް ބަލިކޮށްފައި. ދެން "ލޮލް"،". ކެލާ ދާއިރާގައި ހިމެނޭ ކެލާ، ފިއްލަދޫ އަދި ވަށަފަރުގެ ނަތީޖާތަކާ ބެހޭގޮތުން އެމްޑީޕީއަށް ރައްދު ދެއްވައި މެމްބަރު ވިދާޅުވި އެވެ.
ފިއްލަދޫއަކީ އެމްޑީޕީ ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ރަށެއްކަން ވެސް ޝުޖާއު ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން އެންމެ ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ފިއްލަދޫގެ ބައެއްގެ ގޮތުގައި އޮތް ދައްޕަރު އެ ރަށުގެ އިހުތިސާސްގެ ތެރެއިން ބޭރުކުރުމެވެ. ޝުޖާއު ވިދާޅުވީ ދައްޕަރު އަލުން އަނބުރައި ފިއްލަދޫގެ ރައްޔިތުންނަށް ހޯދައިދިނުމަށް ތެދުވީ ފިއްލަދޫގެ ޒުވާނުންކަމަށާއި، އެމީހުންނަށް އެމްޑީޕީގެ ސަރުކާރުގައި އެތައް ގޮތަކުން ބިރު ދެއްކި ކަމަށެވެ.
ދެއްކިހާ ބިރަކަށް ނުސިހެ ދައްޕަރު ސަލާމަތްކޮށްދިނީ ފިއްލަދޫގެ ޒުވާނުންނާއި ޕީއެންސީގެ މެމްބަރުން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ފިއްލަދޫގެ އުތުރުކޮޅުގައި އޮންނަ ދައްޕަރު އެ ރަށުގެ އިހުތިސޯސުން ވަކިކޮށް، ޓޫރިޒަމްގެ ބޭނުމަށް ހާއްސަ ކުރީ 2021 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 29ގަ އެވެ. އެ ނިންމެވުމާއެކު، ފިއްލަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން 'ސޭވް ދައްޕަރު'ގެ ނަމުގައި ހަރަކާތެއް ފެށި އެވެ. އެ ހަރަކާތުން އިސްނަގައިގެން ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.
ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި އަލުން ދައްޕަރު ހިމެނުމަށް ފެށި މަސައްކަތުގެ ނަތީޖާއަކަށްވީ، ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސޯސުގެ ތެރެއަށް ވެއްދުމަށް ރައީސް ސޯލިހް ނިންމެވުމެވެ.
"އެހެންވީމަ ފިއްލަދޫއަކީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ރަށެއް އެމްޑީޕީ ބަލިކުރަން. އެހެންވީމަ މި އިންތިހާބުގައި ވެސް ފިއްލަދޫ މި އޮތީ އެމްޑީޕީގެ ކިބައިން ސަލާމަތްވެފައި،". ޝުޖާއު ވިދާޅުވި އެވެ.
އޭޕްރީލު ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ދިހަ އަތޮޅެއްގެ ގިނަ ރަށްތަކުގެ ކައުންސިލު ރައީސްކަން ޕީއެންސީއަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހއ. އަތޮޅު ހިމެނެ އެވެ. އެގޮތުން ހއ.އަތޮޅުގެ ހަތް ރަށެއްގެ ކައުންސިލް ރައީސްކަން ލިބުނީ ޕީއެންސީއަށެވެ.
މި އިންތިހާބުގައި 75 ރަށެއްގެ ކައުންސިލު ރައީސްކަމަަށް ހޮވިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުން ނެވެ.