ENGLISH
24 އޭޕްރީލު 2026
ޓެލެމެޑިސިންގެ ހިދުމަތް ހަރުދަނާކުރަން ޗައިނާއާ އެކު މަޝްވަރާކޮށްފި
24 އޭޕްރީލު 2026
|
މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރ އިން ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވަފުދަކާ ބައްދަލުކުރެއްވުމުގެ ތެރެއިން
އެންމެ މަޤްބޫލު
ޓެލެމެޑިސިން އަދި ކުއްލި ހާލަތްތަކުގައި ދޭ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުން ޗައިނާއާ އެކު މަޝްވަރާ ކޮށްފި އެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރ އިން ބުނީ އެ މިނިސްޓްރީ އިން ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވަފުދަކާ ބައްދަލުކުރައްވާފައިވާކަމަށާއި މި ބައްދަލުވުމުގެ މަގުސަދަކީ ދިވެހިރާއްޖެއާއި ސިޗުއާންއާ ދެމެދު ސިއްހީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށެވެ.
މި ވަފުދުގައި ސިޗުއާން ފޮރިން އެފެއާޒް އޮފީހާއި، ސިޗުއާން ޕްރޮވިންޝަލް ހެލްތު ކޮމިޝަނާއި، ވެސްޓް ޗައިނާ ސެކަންޑް ޔުނިވަރސިޓީ ހޮސްޕިޓަލުގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާ އެމްބަސީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އޯގަސްޓް 2024 ގައި ސޮއިކުރެވުނު "ސިޗުއާން–މޯލްޑިވްސް ހެލްތު ކޯޕަރޭޝަން" އެމް.އޯ.ޔޫގެ ދަށުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ތައުލީމީ ތަޖުރިބާ ބަދަލުކުރުމާއި، ޓެލެމެޑިސިން އަދި ކުއްލި ހާލަތްތަކުގައި ދޭ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުން ހިމެނެއެވެ.
މި ބައްދަލުުވުމުގައި މިނިސްޓްރީން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ރަށްރަށާއި، އަތޮޅުތަކާއި، ރީޖަނަލް އަދި ގައުމީ ފެންވަރުގައި ބެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، މައިންނާއި ކުޑަކުދިންގެ ސިއްހަތު ކުރިއެރުވުމާ ގޮތުންނާއި މި ދާއިރާއިން އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށާއި ސިއްހީ ޚިދުމަތްތެރިންނަށް ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް މަޝްވަރާކުރެވިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓްރީން ވަނީ މި ގުޅުމުގެ ދަށުން މިހާރުވެސް ކުރިއަށްދާ މަސައްކަތްތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި "ޗައިނާ (ސިޗުއާން)–މޯލްޑިވްސް ހެލްތު ސިލްކް ރޯޑް އެކްސްޗޭންޖް ޕްރޮގްރާމް" އާއި، ކުރިއަށް އޮތްތަނުގައި ޗައިނާގެ ޗެންގްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕެލްވިކް ފްލޯ ޑިސްފަންކްޝަން" އާ ގުޅޭ ޚާއްސަ ތަމްރީނުތައް ހިމެނެ އެވެ.
ބައްދަލުވުން ނިންމާލީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.