ENGLISH
24 އޭޕްރީލު 2026
ނަޒާހަތްތެރިކަމާ އެކު ހިދުމަތްކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަށް އިލްތިމާސްކުރައްވައިފި
24 އޭޕްރީލު 2026
|
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރެއްވުން. ފޮޓޯ؛ ފުލުހުން
އެންމެ މަޤްބޫލު
ނަޒާހަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށް، މުޖުތަމައުގެ އިތުބާރާއި އިހުތިރާމް ހޯދުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އިލްތިމާސްކުރައްވައިފި އެވެ.
ސީޕީ މިފަދައިން އިލްތިމާސްކުރެއްވީ އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އަށް ޒިޔާރަތްކުރައްވައި، އެ ކޮލެޖުގައި ތަމްރީނު ހަދަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ނެވެ.
ފުލުހުންގެ ހިދުމަތުން ބުނީ މި ޒިޔާރަތުގައި ކޮމިޝަނަރ ވަނީ ކޮލެޖުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކުރައްވައި، ކުރިއަށްދާ މަސައްކަތްތައް މުރާޖައާކުރައްވައި، ތަމްރީނާ ގުޅޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައި ކަމަށެވެ. ފުލުހުންގެ ތަމްރީންތައް އިތުރަށް ހަރުދަނާކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވަރުގަދަކުރުމާއި، ޒަމާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭނުންތަކާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކުރުމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެެއެވެ.
އަދި އެ ކޮލެޖުގައި މިހާރު ކުރިއަށްގެންދާ ޕޮލިސް އިނީޝަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނާ މުހާތަބުކުރައްވައި، ތަމްރީނުގެ މަރުހަލާގެ މުހިންމުކަން ފާހަގަކުރައްވައި، މިއީ ގާބިލު، ޕްރޮފެޝަނަލް އަދި އަހުލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ ކަމުގައި ވިދާޅުޅުވެފައި ވެއެވެ.
"ތަމްރީނު މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއެއް. ތަމްރީނު ފުރިހަމަކޮށް ޢަމަލީ މައިދާނަށް މާދަމާ ނުކުމެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުން ގަބޫލުކުރާ، އަދި މުއައްސަސާ އެދޭފަދަ ރަނގަޅު ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވޭ،".ކޮމިޝަނަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، އިންސްޓްރަކްޓަރުންގެ އިރުޝާދަށް ފުރިހަމައަށް ތަބާވެ، ޤަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ކޮމިޝަނަރ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވި ކަމަށް ފުލުހުންގެ މައުލޫމާތު ދެއެވެ. އަދި އިތުބާރާއި ޒިންމާދާރުކަމާ އެކު އަމަލީ މައިދާނަށް ނުކުތުމަށް ތައްޔާރުވެ، ނަޒާހަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށް، މުޖުތަމައުގެ އިތުބާރާއި އިހުތިރާމް ހޯދުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ ދަރިވަރުންނަށް ހިތްވަރުދެއްވިކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.