ENGLISH

24 އޭޕްރީލު 2026

Advertisement

ރައްޔިތުން އުންމީދުކުރާ ތަރަައްގީ ލިބޭނީ ރައީސް ޑރ..މުއިއްޒާއެކު ކުރިއަށްގޮސްގެން: ޝަރީފު

24 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު، ފޮޓޯ: ޕީއެންސީ

ރައްޔިތުން އުންމީދުކުރާ ތަރައްގީ ހާސިލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއެކު ކުރިއަށްގޮސްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ހއ.ފިއްލަދޫ ކައުންސިލުގެ ގޮނޑިތަކަށް ވާދަކުރެއްވި ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ކައުންސިލު އިންތިހާބުގައި ޕީއެންސީއަށް ލިބުނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަަމަށެވެ. 

ލާމަރުކަޒީ ނިޒާމު ތައާރަފުކޮށް ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ބާއްވަން ފެށިފަހުން ސަރުކާރު ހިންގާ ޕާޓީއަކަށް ކައުންސިލު އިންތިހާބުގައި އަޣުލަބިއްޔަތު ގޮނޑި ކާމިޔާބުކުރެވިފައިނުވާކަން ފާހަގކުރައްވަމުން ޝަރީފު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ވެރިކަމުގައި އޮވެ، ޕީއެންސީއަށް އަޣުލަބިއްޔަތު ގޮނޑި ކާމިޔާބުކުރެވިފައިވާ ކަމަށެވެ. 

ސަބަބެއްގެ ގޮތުގައި މެންބަަރު ފާހަގަަކުރެއްވީ އިދިކޮޅު ޕާޓީތަކާއި އެ ޕާޓީތަކުގެ ލީޑަރުންގެ މިސްރާބު ރައްޔިތުންނަށް ސާފުނުވުމެވެ. ރައީސް ޑރ.މުޢިއްޒުގެ މިސްރާބަކީ ރާއްޖެއަށް ހަމަޖެހުމާއި އަމާންކަަމާއި ތަރައްގީ ގެނެސްދެއްވުންކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ އެ މިސްރާބަށް އެމަނިކުފާނު ފެއްޓެވި ދަތުރުގައި އެމަނިކުފާނަށް އެހީތެރިވުމަށް ގިނަ ރައްޔިތުން ބޭނުންވާ ކަމަށެވެ. 

ފިއްލަދޫ ހިމެނޭހެން ކެލާ ދާއިރާގެ ރަށްތަކާމެދު ގެންގުޅުއްވާ ތަސައްވުރު ވިދާޅުވެދެއްވަމުން ޝަރީފު ވިދާޅުވީ އޭނާ ބޭނުންފުޅުވަނީ ދާއިރާގެ ހުރިހާ ރަށަކަށް އިގުތިސާދީ ކުރިއެރުމާއި ތަރައްގީގެ ބަހާރު މޫސުމެއް ގެނެސްދެއްވުމަށް ކަމަށެވެ. އެކަން ހާސިލުކުރުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ ވިސްނުން ދޫކޮށް ރައީސް ޑރ.މުޢިއްޒާއެކު ކުރިއަށްދިއުމަކީ މުހިއްމ ކަމެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވިއެވެ. 

ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ ވައުދާއެކު ދެފަހަރު އިދިކޮޅު އެމްޑީޕީއަށް ވެރިކަން ރައްޔިތުން ހަވާލުކުރުމުން އެ ދެ ސަރުކާރުގައިވެސް ވެރިން ތިއްބެވީ މާލޭގެ ފިނި ކޮޓަރިތަކާއި ރާއްޖޭގެ އަގުބޮޑެތި ރިސޯޓުތަކުގައިކަމަށް ޝަރީފު ތުހުމަތުކުރެއްވިއެވެ. މެންބަރު ވިދާޅުވީ ވެރިކަމުގައި ހުންނަވައި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބެއްލެވި ހަމަައެކަނި ރައީސަކީ ރައީސް މުއިއްޒު ކަމަށެވެ. 

"އަޅުގަނޑަކަށް ހިއެއްނުވޭ މިއަށްވުރެ ދިވެހި ރައްޔިތުންނަށް އިހުސާންތެރި އޯގާތެރި ވެރިއެއް ދިވެހި ތާރީހުގައި ފެނިފަކައެއް ނޯންނާނެ. ސަބަބަކީ އަަޅުގަނޑުވެސް ދެކުނިން ވެރިކަމުގައި ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ކަން ހިނގި ގޮތް. އަޅުގަނޑުމެން ލީޑަރުން ދެކެއްޖަައިން. ސިޔާސަތުތައް ވަަކިގޮތަކަށް ބައްޓަންކޮށް، ރައްޔިތުން ބޭނުންވާ މަގަށް ވެރިކަންކުރާ ވެރިޔަކު މީގެ ކުރިން އަޅުގަނޑުމެން ދެކެފައެއް ނުވޭ،" ޝަރީފު ވިދާޅުވިއެވެ. 

ޝަރީފުވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެ ޕާޓީގެ ބައެއް ވެރިންް "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިން ކުރައްވަމުންދާއިރު، 2018 އިން ފެށިގެން 2023 ގެ ނިޔަލަށް އެމްޑީޕީން ކުރި ވެރިކަމުގެ އޮޑިޓު ރިޕޯޓުތަކުން ފެނިގެންދާ ހަގީގަތަަކީ އެ ޕާޓީގެ ވެރިކަމެއްގަައި ގެންނާނެ ބޮޑު ބަދަލަކަށްވާނީ ހިޔާނާތާއި ވައްކަންކަަމަށް މެންބަރު ތުހުމަތުކުރެއްވިއެވެ. 

އޭގެ އިތުރަށް "އިތުބާރު"ގެ ނަމުގައި އެމްޑީޕީގެ އެހެން ޓީމަކުން ކެމްޕެއިންކުރަމުންދާއިރު އެތައް ފަހަރެއްގައި ރައްޔިތުން އެމްޑީޕީއަށް އިތުބާރުކޮށް ބާރުތައް ހަވާލުކުރުމުން އެކަށީގެންވާ ނަތީޖާއެއް އެ ޕާޓީއަށް ނެރެދެވިފައި ނެތުމުން އިތުރަށް އެ ޕާޓީއަށް އިތުބާރުކުރަންޖެހޭ ސަބަބެއް ނެތްކަމަށްވެސް މެންބަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު