ENGLISH

24 އޭޕްރީލު 2026

Advertisement

އިންޑިޔާއިން ހަމަަޖައްސައިދީފައިވާ 30 ބިލިއަން ރުފީސްގް ކަރަންސީ ސްވޮޕްގެ ފައިސާ ފުރަތަމަ ފަހަަރަށް ދޫކޮށްފި

23 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

އިންޑިޔާއިން 30 ބިލިއަން ރުފީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހަމަަޖައްސައިދިނީ 2024 ވަނަ އަހަރުއެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އިންޑިޔާގެ ރިޒާވް ބޭންކު އޮފް އިންޑިޔާގެ މެދުގައި 2024 ވަނަ އަހަރު ގާއިމުކުރެވުނު ކަރަންސީ ސްވޮޕް އެގްރީމެންޓުގެ ދަށުން ރާއްޖެއަށް ދޫކުރަން ކަނޑައެޅި 30 ބިލއިަން ރުޕީސްގެ ފައިސާއިން ފުރަތަމަ ދޫކުރާ ފައިސާ ރާއްޖެއަށް ދޫކޮށްފިއެވެ. 

މިއީ ، 'ސާކް ގައުމުތަކަށް ކަނޑައަޅާފައިވާ ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފްރޭމްވޯކް'ގެ ދަަށުން 2024 ވަނަ އަހަރު ގާއިމުކުރެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގައި އެކުލެވޭ ދެ ވިންޑޯއިން އެއް ވިންޑޯއެވެ. އެ އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަކާއި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެހުނެވެ. 

ރާއްޖެއިންވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކޮށްފައެވެ. އެ ފައިސާ އަނބުރާ ދެއްކުމުގެ މުހުލަތު ހަމަވީ 23 އޭޕްރީ 2026 ގައެވެ. މަރުކަޒީ ބޭންކު އެމްއެމްއޭއިންވަނީ އެ ފައިސާ އަނބުރާ ދައްކައި ހަލާސްކޮށްފައެވެ. 

ރުޕީ ފެސިލިޓީ 2024 ގައި ހަމަޖެހުނު ނަމަވެސް އެ ފެސިލިޓީގެ ދަށުން ރާއްޖޭގެ މަރުކަޒީ ބޭންކުން މިހާތަަނަށް ފައިސާ ނަގާފައިނުވެއެވެ. ނަމަވެސް މިއަދު ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި 30 ބިލިއަން ރުޕީސްގެ ފެސިލިޓީގެ ފުރަތަމަ ދޫކުރާ ފައިސާ ރާއްޖެއަށް ދީފައިވާކަަން ހާމަކޮށްފައިވެއެވެ. 

އަދި ހައިކޮމިޝަނުން ބުނެފައިވަނީ މި ކަރަންސީ ސްވޮޕްވާނީ ރާއްޖޭގައި މާލީ ހަމަޖެހުން ގާއިމުކުރުމަށް ބޭނުންކުރެވޭ މުހިއްމު ވަސީލަތަކަށް ކަމަށާއި، އަދި ރާއްޖެއަށް އިންޑިޔާއިން ފޯރުކޮށްދިން މާލީ އެހީތެރިކަމަކަށް ކަމުގައެވެ. 

އިންޑިޔާއާއި ރާއްޖެއަކީ ގާތް އެކުވެރިންކަމާއި، އެގައުމުގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުްނ ރާއްޖެއަށް ކުރިމަތިވާ ހުރިހާ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިވާ ގައުމެއްގެ ގޮތުގައި އިންޑިޔާ ދެމިއޮންނާނެ ކަމަށްވެސް އިންޑިޔާގެ ހައިކޮމިޝަނުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު