ENGLISH
24 އޭޕްރީލު 2026
މި މަހު މަސްވެރިންނަށް 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
24 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
މި އޭޕްރީލް މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 6،136،593ރ. (ހަ މިލިއަން އެއްލައްކަ ތިރީސް ހަ ހާސް ފައްސަތޭކަ ނުވަދިހަ ތިން ރުފިޔާ) އެވެ.
މިއާއެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް 36،686،909ރ. (ތިރީސް ހަ މިލިއަން ހަލައްކަ އަށްޑިހަ ހަ ހާސް ނުވަ ސަތޭކަ ނުވަ ރުފިޔާ) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.
މީގެތެރެއިން، ކަޅުބިލަމަސް ކިރުވި ދޯނި ފަހަރަށް 36،293،624ރ. (ތިރީސް ހަ މިލިއަން ދެ ލައްކަ ނުވަދިހަ ތިން ހާސް ހަ ސަތޭކަ ސައުވީސް ރުފިޔާ) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 29،660ރ. (އޮނަތިރީސް ހާސް ހަ ސަތޭކަ ފަސްދޮޅަސް ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 363،625ރ. (ތިން ލައްކަ ފަސްދޮޅަސް ތިން ހާސް ހަ ސަތޭކަ ފަންސަވީސް ރުފިޔާ) ޖަމާކޮށްދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.
މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށި މުޅި ދުނިޔޭގައިވެސް ތެޔޮ ލިބުން ދަތިވެ ތެޔޮގެ އަގު ވަރަށް ބޮޑަށް އުފުލިފައިވަނިކޮށް މިދިޔަ ދުވަސްތަކުގައި ހެޔޮ އަގުގައި މަސްދޯނިތަކަށް މިފްކޯ މެދުވެރިކޮށް، ސަރުކާރުން އަންނަނީ ތެޔޮ ފޯރުކޮށްދެމުންނެވެ.