ENGLISH

23 އޭޕްރީލު 2026

Advertisement

ޑިިޖިޓަލް މުސްތަގުބަލުގައި އަންހެން ކުދިންނަކީ މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި

23 އޭޕްރީލު 2026

|

ޢަލީ ޝަހީމް

11 މެއި 2025، ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލުގައި އަންހެން ކުދިންނަކީ މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ހެދުމަށް، ބައިނަލްއަގުވާމީ "ގާރލްސް އިން އައި.ސީ.ޓީ" ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ދުވަހުގެ ޝިއާރަކީ، "އޭ.އައި ފޯރ ޑިވެލޮޕްމަންޓް: ގާރލްސް ޝޭޕިން ދަ ޑިޖިޓަލް ފިއުޗަރ" އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސަކީ ދައުލަތް ހިންގުމާއި، ތައުލީމާއި، ޞިއްޙީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. 

އޭ.އައި ތަރައްގީކުރުމުގައި އަންހެން ކުދިން ބައިވެރިކުރުމަކީ ހަމައެކަނި އަދަދެއް ހަމަކުރުމެއް ނޫން ކަމަށާއި، އެއީ އިޖުތިމާއީ ހަމަހަމަކަން ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ސަބަބުން، އައު ޓެކްނޮލޮޖީތަކުގައި ހުންނަ ޖިންސީ ތަފާތުކުރުންތައް ކުޑަކުރެވި، އެފަދަ ވަސީލަތްތަކަކީ އެންމެން ބައިވެރިކުރެވޭ ފަދަ ވަސީލަތްތަކަކަށް ހެދުމަށް މަގުފަހިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން" އިނީޝިއޭޓިވް މެދުވެރިކޮށް، އައި.ސީ.ޓީ ދާއިރާގައި ހުރި ހުރަސްތައް ނައްތާލައި، ރޮބޮޓިކްސް، އޭ.އައި، އަދި ކޮމްޕިއުޓަރ ޕްރޮގްރާމިންގ ފަދަ އަންހެނުންގެ ހިއްސާ މަދު ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުސަތު އަންހެން ކުދިންނަށް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރާއްޖެއިން މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޓެކްނޮލޮޖީގެ ދާއިރާގައި އޮތް ޖިންސީ ފަރަގު ކުޑަކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އަންހެން ކުދިންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބައެއްގެ ބަދަލުގައި، ޓެކްނޮލޮޖީ އުފައްދާ ބަޔަކަށް ހެދުމަށް ބާރުވެރިކުރަންޖެހޭ ކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. 

މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ، އަންހެން ކުދިންގެ ތަރައްގީއަށް އޭއައި ބޭނުންކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ދުނިޔޭގެ ޑިޖިޓަލް ބަދަލުތައް ބައްޓަންކުރުމުގައި ކޮންމެ އަންހެން ކުއްޖަކަށްވެސް އިސްދައުރެއް އަދާކުރުމުގެ ފުރުސަތު އޮތް ދުނިޔެއެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު