ENGLISH

23 އޭޕްރީލު 2026

Advertisement

ތިލަމާލެ ބުރިޖުގެ އަދާހަމަ؛ %72 މަސައްކަތް ނިމިއްޖެ، އަމާޒު ހުރީ އެހީތެރިވެދީގެން އަވަަހަށް އެކީ ނިންމަން

23 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

އިމާރާތްކުރުމާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު

އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރިއަށްގެންދާ މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅިފަޅު ގުޅުވައިލާ ބުރިޖުގެ މަސައްކަތުގެ %72 މަސައްކަތް ނިމިފައިވާކަމަށާއި، ސަރުކާރުގެ އަމާޒަކީ އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު ކަމުގައިވާ އެފްކޯންސް ކުންފުންޏަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީގެ ވީހާވެސް އަވަހަށް މަސައްކަތް ނިންމުން ކަމަށް  އިމާރާތްކުރުމާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައްޔިތުންނަށްވެސް ފެންނާނެ ކަމަށެވެ. މިހާރު މާލެއާއި ވިލިމާލޭގެ މެދުގައި ތަރައްގީކުރާ ބުރިޖުގެ ސެގްމެންޓުގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް ކުރިއަށްގޮސްފައިވާ ކަމަށެވެ. އަދި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދާ މަސައްކަތަަކީ ސެގްމެންޓުތައް ކާސްޓުކުރުމާއި، ތަނބުތަކާއި ސެގްމެންޓުތައް ގުޅައިލުމުގެ މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތް ނުހުއްޓި ވީހައިވެސް އަވަހަކަށް މަސައްކަތް ނިންމަައިލުން. ނަމަވެސް ކުރިންވެސް އަޅުގަނޑު ދަންނަވާލި ފަދައިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ޕްރޮޖެކްޓު ނުނިމޭނެ. މިވަގުތު އެއްވެސް ބައެއްގެ މަސްލަހަތެއް ނޫން ޕްރޮޖެކްޓު ހުއްޓިގެންދިއުމަކީ،" މުއްތަލިބު ވިދާޅުވިއެވެ. 

މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ވިސްނުމުގައި ކޮންޓްރެކްޓު ބާތިލުކޮށް އައު ކޮންޓްރެކްޓަރެއް ހޯދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ސަބަބެއްކަމަށް ވަޒީރު ވިދާޅުވީ އެ ހާލަތުގައި އައު ކޮންޓްރެކްޓަރެއް ހޯދައިގެން މަސައްކަތް ފެށުމަށް ގިނަ ވަގުތު ހޭދަވުމާއި، އެއްބަސްވުން އޮތް ގޮތުން އެފަދަ ހާލަތެއްގައި ދިވެހި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުގެ އިހުތިމާލު އޮތުމެވެ. 

"އެގޮތުން ނުހުއްޓި ވީހާވެސް ބާރަށް ކުރިއަށްްގެންދިއުމުގެ ގޮތުން ކޮންޓްރެކްޓަރަށް އިތުރު ޕެނަލްޓީއެއް ނާންނަ ގޮތަށް މުއްދަތު އިތުރުކުރުމަށް މަޝްވަރާކުރަމުންދާ ވާހަކަ ދަންނަވައިލަން. މިހާރުގެ އެސްޓިމޭޓަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަތް ނިންމަައި ހުޅުވައިލެވޭނެ ކަމަށް،" މުއްތަލިބު ވިދާޅުވިއެވެ. 

މުއްދަތު އިތުރުކޮށްދިނުމާއި އެނޫނަސް މަސައްކަތް ހަލުއިކުރުމަށް ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮންޓްރެކްޓަރު އެދޭ ގޮތުގެ މަތިން ކޮށްދެމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު