ENGLISH
23 އޭޕްރީލު 2026
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ސެގްމެންޓް ފަހެއްގެ މުހިއްމު މަސައްކަތްތަކެއް ނިންމާލައިފި
23 އޭޕްރީލު 2026
|
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، ސެގްމަންޓް ފަހެއްގެ މުހިއްމު ގިނަ މަސައްކަތްތަކެއް ފުރިހަމަކޮށް އިތުރު މަސައްކަތްތައް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު މީސްމީޑިއާގައި އާއްމުކުރި މަޢުލޫމާތުގައި ބުނީ، ސެގްމަންޓް ފަހެއްގެ ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތާއި ސެޓްލްމަންޓް ޓޭންކްތައް ހަރުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި، ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ކީވޯލްގެ ކައިރީގައި ކުރްބްސްޓޯން ޖެހުމާއި، ކޭބަލް ޖަންކްޝަންތަކާއި އަދި ވާރޭފެން ހިންދާ ކެޗްޕިޓްތައް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ނިންމުމަށް ތާވާލުކުރެވިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ފަސް ވަނަ ސެގްމަންޓުގެ ދަށުން އަންނަ ހަފްތާވެސް ބައެއް މަސައްކަތްތައް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން، ސަބް-ބޭސް ތައްޔާރުކުރުމާއި އޭބީސީ އެޅުމާއި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ފަސް ވަނަ ސެގްމަންޓުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ދެންހުރި ސެގްމަންޓްތަކުގެ ޝީޓްޕައިލިންގެ މަސައްކަތް ވަނީ ފަށައި މިހާތަނަށް ޖުމްލަ 243 މީޓަރުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. އެއީ އެ މަސައްކަތުގެ 47 އިންސައްތައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. އެއީ، ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ.