ENGLISH

10 އޭޕްރީލު 2025

Advertisement

ހޮނިހިރު ދުވަހުގެ ކުރިން ކުއްލި ޙާލަތާ ގުޅިގެން ޖަވާބުދާރީވާން ޔޫން އަށް އަންގައިފި

17 ޑިސެމްބަރު 2024

|

ހަސަން އާމިރު

ދެކުނު ކޮރެޔާގައި އިޢުލާނުކުރި ކުއްލި ޙާލަތާ ގުޅިގެން ޖަވާބުދާރީވެވަޑައިގެންނެވުމަށް، ރައީސްކަމުން އަޒުލުކޮށްފައިވާ ޔޫން ސުކް ޔެއޯލް އަށް އަންނަ ހޮނިހިރު ދުވަހާ ހަމައަށް މުޙުލަތެއް ދީފިއެވެ.

ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ދަށުން، އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައި، އެކަމާ މެދު ގޮތެއް ކަނޑައަޅަން ދުސްތޫރީ ކޯޓަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ޔޫންގެ މަޤާމު ގެއްލޭނީ، މަޖިލީހުގެ ނިންމުމަށް ކޯޓުން ތާއީދުކޮށްފި ނަމައެވެ.

އެ މައްސަލަ ބަލަން ފަށައި، ކުއްލި ޙާލަތު އިޢުލާނުކުރުމާ ގުޅޭގޮތުން ސުވާލުކުރުމަށް ޕްރޮސެކިޔުޓަރުން އެދުނު އެދުމަށް ޔޫން ވަނީ އިންކާރު ކުރައްވައިފައެވެ.

އެއާ އެކު، ޕްރޮސެކިޔުޓަރުން އިއްޔެ ވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޔޫން ހާޒިރުވެވަޑައިގެން، ސުވާލުތަކަށް ޖަވާބު ނުދެއްވައިފިނަމަ، ހައްޔަރުކުރުމުގެ އަމުރެއް ނެރޭނެކަމުގެ އިންޒާރުދީފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، އެ މަނިކުފާނާ ދެކޮޅަށް ގިނަ ތަހުޤީޤުތައް ކުރެވެމުންދާ އިރު، ޤައުމުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް އެ މަނިކުފާނުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.

ޤައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތު ޔޫންއަށް ކުރެވޭއިރު، އެ ކުށް ސާބިތުވެއްޖެނަމަ، މަރުގެ ހުކުމެއް އައުމުގެ ފުރުޞަތު އޮންނާނެއެވެ.

ދުސްތޫރީ ކޯޓުގެ ތަރުޖަމާނު ވިދާޅުވީ، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން މި މަހުގެ 27 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަޑުއެހުމަށް ޔޫން ހާޒިރުވާން މަޖުބޫރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު