ENGLISH

23 އޭޕްރީލު 2026

Advertisement

ރަސްމާލޭގެ 50 އިންސައްތަ ބިން ހިއްކައިފި، ކަނޑުފަޅުން ގޯތި ދޫނުކުރާނެކަން ޔަގީން

23 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރަސްމާލެ ހިއްކުން ކުރިއަށްދާ ގޮތް ރައީސް ޑރ.މުއިއްޒު ބައްލަވައިލައްވަނީ، ފޮޓޯ: ރައީސް އޮފީސް

މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ރަސްްމާލޭ މަޝްރޫއަށް ބޭނުންވާ ބިމުގެ ތެރެއިން 50 އިންސައްތަ ބިން ހިއްކައި ނިމިފައިވާއިރު، ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލާފަައިވާ ބިންތަކަށް ކުުރިމަތިލުމުގެ ފުރުސަތު ހަމަވެ މީހުންނަށް ބިން ދޫކުރަންވާއިރަށް ހުރިހާ ބިމެއް ހިއްކައި ނިމޭނެ ކަމުގައި އިމާރާތްކުރުމާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ މިހާރު ފުށިދިއްގަރުފަޅުން ރަަސްމާލެ ތަރައްގީކުރުމަށް ހިއްކަން ކަނޑައަޅާފައިވާ ބިމުގެ 50 އިންސައްތަ ހިއްކައި ނިމިފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި ހިއްކައި ނިމިފައިވަނީ 500 ހެކްޓަރުގެ ބިމެވެ. އެއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބޮޑުމިނުގެ ސަރަހައްދެކެވެ. ބާކީބައި ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. 

ވަޒީރު ވިދާޅުވީ މިހާރު ހިނގަމުންދާަ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބައެއް މަޝްރޫއުތައް ހިންގުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކާއެކު އެ މަޝްރޫއު ހިންގުމަށް ކަނޑައަޅާފަައިވާ ތާވަލު ނުވަތަ ޓައިމްލައިނަށް ބަދަލުތަކެއް މުސްތަގުބަލުގައި ގެންނަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިހާރު ބިން ދޫކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން މަރުހަލާ ނިމެންވާއިރަށް ބިން ހިއްކައި ނިމޭނެކަމުގެ ޔަގީންކަން ޑރ.މުއްތަލިބު ދެއްވިއެވެ. 

ވަޒީރު ޑރ.މުއްތަލިބު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ 

"އެހެންނަމަވެސް އަޅުގަނޑުމެން މިހާރު ހުޅުވާލާފައިވާ އެޕްލިކޭޝަން ޕްރޮސެސް ނިމި (ބިން ލިބޭ) ފަރާތްތައް ހޮވެންވާއިރަށް އިރާދަކުރެއްވިއްޔާ ބިންތައް ހިއްކަައި ނިންމައި އެފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް ބިން ހަވާލުކުރެވޭ މިންވަރަށް ގެންދެވޭނެ،" ވަޒީރު ވިދާޅުވިއެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުވަނީ މި ސަރުކާރުން ނުހިއްކާ ހުރި ކަނޑުފަޅުން ބަޔަކަށް ގޯތި ދޫނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެ ޔަގީންކަން ދެއްވީ ކުރީ ސަރުކާރުގައި ހުޅުމާލޭ ތިންވަަނަ ފިޔަވައްސާއި، ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރިއިރު އެއިން އެއްވެސް ތަނެއްގައި ބިން ހިއްކައި ނިންމާފައިނުވާތީއެވެ. 

ކުރީ ސަރުކާރުން ގޯތި ދޫކުރި ހުރިހާ ބިމެއް ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ މި ސަރުކާރުންނެވެ. ގުޅިފަޅު ހިއްކައި ނިންމުމަށްފަހު، ހުޅުމާލޭ ތިންވަނަ ފިޔަވަހިވެސް ހިއްކައި ނިންމީ މި ސަރުކާރުންނެވެ. އަދި ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަން ބޭނުންކުރި ޑްރެޖަރުތައް ބޭނުންކޮށްގެން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ހަލުއިދުވެލީގައި އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު