ENGLISH

23 އޭޕްރީލު 2026

Advertisement

ހަނގުރާމައިގެ ސަބަބުން މަޝްރޫއުތައް ލަސްވުމަކީ އެކަށީގެންވާ ކަމެއް: މުއްތަލިބު

23 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

އިމާރާތްކުރުމާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ރައީސް އޮފީސް

އީރާނު ހަނގުރާމައިގެ ސަބަބުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިން ރާވާފައިވާ މިންވަރަށްވުރެ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްް އިމާރާތްކުރުމާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސް އޮފީހުގައި އެ ވުޒާރާގެ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ އީރާނު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، އިމާރާތްކުރުމަށް ބޭނުންވާ ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ މި ދަތިތަކުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށާއި، ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިދަތިތައް ކުރިމަތިވިޔަސް އިމާރާތްކުރުމަށް ބޭނުންވާ ތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދަކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ތެލުގެ އަގު ދެގުނަ ބޮޑުވެފައިވާތީ، ގިނަ އަދަދަކަށް ތެޔޮ ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވޭ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ބަނދަރުތައް ހެދުން ފަދަ މަޝްރޫއުތައް ހިމެނިގެންދޭ. މިވަގުތު އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ހަރަދު ކުޑަކޮށް މަޝްރޫއުތައް ކުރިއަށްގެންދިއުން،" ވަޒީރު ވިދާޅުވިއެވެ. 

މުއްތަލިބު ވިދާޅުވީ ސަރުކާރުން އެއްވެސް މަޝްރޫއެއް ހުއްޓައިލަން ގަސްތުނުކުރާކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ މަޝްރޫއުތަކުގެ ޓައިމްލައިންއަށް ބަދަލުތަކެއް ގެނެސްގެން މަސައްކަތްކުރިއަށް ގެންދިއުމެވެ. އަދި ސަރުކާރުގެ އުންމީދަތަކީ މެދުއިރުމަތީގެ ހަމަނުޖެހުންތައް ހުއްޓި އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައި އޮތް ދަތިކަމުން އަވަހަށް އަރައިގަނެވުމެވެ. 

ހަނގުރާމައިގެ ސަބަބުން ދަތިތައް ކުރިމަތިވަނީ ސަރުކާރަށް އެކަނި ނޫންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އަމިއްލަ ވިޔަފާރިތަކުން ކުރިއަށްގެންދާަ ތަރައްގީގެ ތަފާތު މަޝްރޫއުތަކަށްވެސް ހަނގުރާމައިގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. 

މި ހާލަތުގައި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ ރައްޔިތުންގެ އަސާސީ ކަންކަން ބަރާބަރަށް ކުރިއަށްގެންދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައި، ފެނާއި ކަރަންޓާއި މަސްވެރިންނަށް ފޯރުކޮށްދޭ ތެލާއި ކައްކާ ގޭހާއި އެސްޓީއޯއިން ރައްޔިތުންނަށް ވިއްކާ އަސާސީ ކާނާގެ ބާވަތްތަކުގެ އަގު ބޮޑުނުކޮށް ލިބޭނެ އިންތިޒާާމު ހަމަޖެއްސުމަށް ކަމަށެވެ. 

"މިދެންނެވި ކަންތައްތައް ފުރިހަމަކުރުމަށްފަހު ދެން ސަރުކާރުން އަމާޒުކުރަނީ ވީހާވެސް ރަނގަޅަކަށް މަޝްރޫއުތައް ކުރިއަށްްގެންދަން. މިދެންނެވީ މިގޮތަށް މަޝްރޫއުތައް ކުރިއަށްގެންދާއިރު ޕްރޮޖެކްޓުތަކުގެ ޓައިމްލައިނަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކޭ،" މުއްތަލިބު ވިދާޅުވިއެވެ. 

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ބޮޑެތި ލޮޅުންތައް އަންނަނީ ކުރިމަތިވަމުންނެވެ. ތެލާއި ގަސްކާނާގެ އަގު މަތިވުމުގެ ސަބަބުން ދަތުރުފަތުރާއި ދަނޑުވެރިކަމަށް ނޭދެވޭ އަސަރުކުރަމުންދެއެވެ. އެކަމުގެ ސަބަބުން އެހެނިހެން ސިނާއަތްތައްވެސް ދުނިޔޭގެ ފެންވަރުގައި އަންނަނީ މަޑުޖެހި ހީނަރުވަމުންނެވެ. 

ރާއްޖެއަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް މި ހަނގުރާމައިން ނޭދެވޭ އަސަރުކޮށްފައިވެެއެވެ. ގިނަ އަދަދެއްގެ ފުލައިޓުތައް ކެންސަލްވެ ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. އަދި ބައެއް މުދާ ލިބުމުގައި ދަތިތަކެއްވެސް އަންނަނީ ކުރިމަތިވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު