ENGLISH

23 އޭޕްރީލު 2026

Advertisement

މަޖިލީހުގެ ނައިބުރައީސް ނާޒިމާ ގުޅުންހުރި ޖިނާއީ ތަހުގީގެއް ހިންގާ ވާހަކައަކީ ހިޔާލީ ފޮލާ

23 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމު

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ނާޒިމާ ދެކޮޅަށް ފުލުހުންގެ ހިދުމަތުން ޖިނާއީ ތަހުގީގެއް ހިންގަމުންދާކަމަށް ފަތުރާފަައިވާ ވާހަކައަކީ ދޮގެއްކަމަށް ދާހިލީ ސަލާމަތާއި، މަސައްކަަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މަޖިލީހުގެ ނައިބުރައީސްއާ ގުޅުންހުރި ޖިނާއީ ތަހުގީގެއް ކުރިއަށްގެންދާކަމަަށް އެއްވެސް ފަރާތަކުން މަައުލޫމާތު ދޭނަމަ އެ މައުލޫމާތު ދޭ ފަރާތެއް ބަދަލުކުރަންޖެހޭ ކަމަށެވެ. 

"ރަނގަޅު މައުލޫމާތު ހޯދަން ޖެހޭނީ ތިޔަ ބޭފުޅުން. އެއީ (ނާޒިމްގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް ދައްކާ ވާހަކައަކީ) ހަމަ އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން، އެއްވެސް ތަހުގީގެއް ނުހިނގާ،" އިހުސާން ވިދާޅުވިއެވެ. 

މަޖިލީހުގެ ނައިބުރައީސާ ގުޅުވައިގެން އެކި ބާވަތުގެ ވާހަކަތައް މީޑިޔާގައި ފެތުރެން ފެށީ މަޖިލީހުގައި އޭނާ ކުރިން ހިމެނިވަޑައިގެންނެވި ކޮމިޓީތަކުގެ ތެރެއިން މާލިއްޔަތު ކޮމިޓީއައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަކިކުރެވުނުކަން ހާމަވުމުންނެވެ. 

މަޖިލީހުގެ ރިޔާސަތުން އިއްޔެ ކޮމިޓީތަކަށް ގެނެވިފައިވާ ބަދަލުތައް އިއުލާނުކުރައްވާފަައިވާއިރު، މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ނާޒިމު ކޮމިޓީތަކުން ވަކިކުރީ، އޭނާ އަމިއްލައަަށް ކޮމިޓީތަކުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. 

ނާޒިމު މަަޖިލީހުގެ ނައިބުރައީސްކަމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން މަސައްކަތް ފަށާފައިވާކަމަށްވެސް ބައެއް މީޑިޔާއިން ރިޕޯޓުކުރިއެވެ. ނަމަވެސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުވަނީ އެ ހުރިހާ ވާހަކަތަކެއް ދޮގުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު