ENGLISH

23 އޭޕްރީލު 2026

Advertisement

އިންތިހާބަކާ ގުޅިގެން މި ސަރުކާރުން އެއްވެސް ކުށްވެރިއަކު ބަންދުން މިނިވަންނުކުރޭ: އިހުސާން

23 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް

ފާއިތުވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބުކުރުމުގެ ބޭނުމުގައި އެއްވެސް ކުށްވެރިޔަކު ސަރުކާރުން ދޫކޮށްލާފައިނުވާނެ ކަމުގައި ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ނިމުނު އިންތިހާބާ ދިމާކޮށް ޖަލުގައި ހުރި ކުށްވެރިޔަކު ދޫކޮށްލި ކަމުގައި ތުހުމަތުކޮށް ނޫސްވެރިޔަކު ކުރިމަތިކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާނުވަނީ އެ އިޝާރާތްކުރި ކުށްވެރިޔާ މިނިވަންވި ގޮތް ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައެވެ. 

އިހުސާން ވިދާޅުވީ މީހަކު ބަންދުކުރުމާ ހަމައިން އެމީހަކާމެދު ޖިނާއީ އިޖުރާއާތުގައި ބަޔާންކުރާ އުސޫލުތަކަށް އަމަލުކުރުން ލާޒިމުވާ ކަމަށެވެ. އެ އުސޫލުތަކުގެ ތެރެއިން މީހަކު ބަންދުގައި ބެހެއްޓޭނެ ވަކި ދުވަސްތަކެއް އަދި ބަންދުގައި ބެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތްތަައް ބަޔާންވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި މީހާ ދޫކުރަންޖެހުނީ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި މީހަކު ހައްޔަރުކޮށް ބަންދުކުރުމަށްފަހު، ތަހުގީގު ފެށުމަށްފަހު ދައުވާކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ގޮތެއް ނިންމަންޖެހޭ މުހުލަތުކަމަަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތު ފަހަނައެޅިއިރު ދައުވާކުރުމާމެދު ގޮތެއް ނުނިންމި ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނެތުމުން ކަަމަށް ވަޒީރު ވިދާޅުވިއެވެ. 

"މީހަކު ހައްޔަރަށް ނަގާ ހިސާބުން ފެށިގެން ޓައިމްލައިނެއް އެބަ ފެށޭ. އެ ޓައިމްލައިން ބައްލަވައިފިއްޔާ އެނގޭނެ މިއީ އިންތިޚާބާ ގުޅުންހުރި ނިންމުމެއް ނޫންކަން. އެއީ ޕީޖީން ދައުވާ އުފުލާނީތޯ ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީތޯ ކަނޑައަޅަން އޮތް ދުވަސް އެ ހިސާބަށް ދިމާވީމާ ވީކަމެއް،" އިހުސާން ވިދާޅުވިއެވެ. 

އެ މައްސަލާގައި ފުލުހުން ގިނަ ހެކިތަކެއް ހޯދިކަން ފާހަގަކުރައްވައި އިހުސާނު ވިދާޅުވީ އެ މައްސަލާގައި ޕީޖީ އޮފީހުން ދިން ލަފައަކީ އެވަގުތު ލިބިފައި ހުރި ހެއްކަކީ ކޯޓަށް އެހެކިތައް ހުށަހަޅައިގެން މައްސަލަ ކާމިޔާބުކުރެވޭ މިންވަރުގެ ހެކިތަކެއް ނޫން ކަމަށެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ ބަންދުގައި މީހަަކު ބަހައްޓަންޖެހޭ މުއްދަތު ގާނޫނުގައި ބަޔާންކޮށްފައި އޮންނައިރު އެ މުއްދަތަަށްފަހު ބަންދުން ދޫކޮށްލަންޖެހޭ ކަމަށެވެ. ނަމަަވެސް ބަންދުން މީހަކު މިނިވަންވުމަކީ އެ މައްސަލައެއް އެ ހިސާބުން ހުއްޓި ތަހުގީގު ނިމުން ނޫންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކުރީ ސަރުކާރުގައި އެކި އިންތިހާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިން ޖަލުތަކުން ދޫކުރިއެވެ. ބަންދުގައި ތަހުގީގަށް ހައްޔަރުކޮށްފައި ތިބި މީހުންގެ އިތުރަށް ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުންއައި ގިނަ ބަޔަކު އެއިރު ސަރުކާރުން އިންތިހާބުތައް ކާމިޔާބުކުރުމަށް މިނިވަންކުރިއެވެ. އޭގެ ތެރޭގައި ބޮޑެތި ކުށްތައް ސާބިތުވެފައި ތިބި މީހުން ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު