ENGLISH
23 އޭޕްރީލު 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަަފުންނަށް ރަނުގެ ފުރުސަތެއް؛ ބީއެމްއެލްގެ ހާއްސަ ލުއި ހައުސިން ފައިނޭންސް ސްކީމެއް
23 އޭޕްރީލު 2026
|
ފޮޓޯ: ބީއެމްއެލް
އެންމެ މަޤްބޫލު
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަަފުންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ މުވައްޒަފުންނަށް ހާއްސަަކޮށްގެން ބޭންކް އޮފް މޯލްޑިވްސްއިން ހައުސިން ފައިނޭންސްގެ ހާއްސަ ލުއި ލޯނު ސްކީމެއް ތައާރަފުކޮށްފިއެވެ.
ބީއެމްްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ސްކީމަކީ އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިން ރޭޓަކާއެކު ތައާރަފުކުރި ސްކީމެކެވެ. އެއީ މިހާރު ރާއްޖޭގައި ގެދޮރު ގަތުމަަށާއި ބިނާކުރުމަށް ދޫކުރާ ލޯނުތަކުގެ ތެރެއިން ސަރުކާރުގެ ހިޔާވަހި ފައިނޭންސް ސްކީމު ފިޔަވައި ހިންގާ އެންމެ ލުއި ސްކީމުކަމަށް ބީއެމްއެލްއިން ބުނެއެވެ.
"މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެންދާނެ،" ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލްގެ ސިއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި މި ސްކީމު ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިގުތިސާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ، ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ސަފާރީ އުޅަނދުފަހަރާއި ހޮޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިން ލިބޭނެ މަގުތައް ތަނަވަސްކުރުމަށެވެ.
" ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭކަމެއް،" ޝަރީފު ވިދާޅުވިއެވެ.
މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށްކަމަށާއި، އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބަލާނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި މި އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ އަކަށެވެ.
ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް މި ފައިނޭންސިންގ ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވާތީ، މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިޚްތިޔާރުކުރާ ފައިނޭންސިންގ އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް މި ފެސިލިޓީ ފޯރުކޮށްދިނުމަށް މަގުފަހިވާނެހެންނެވެ.