ENGLISH
23 އޭޕްރީލު 2026
ގެވެށި އަނިޔާގެ ޤާނޫނަށް 14 އަހަރު؛ ސިޔާސަތުތައް އެކުލަވާލުމާއި ވަސީލަތްތައް އިތުރުކުރުމުގައި ކުރިއެރުން ހޯދި
23 އޭޕްރީލު 2026
|
އެފްޕީއޭއިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން. ގެވެށި އަނިޔާގެ ޤާނޫނަށް މިއަދު ވަނީ 14 އަހަރު ވެފައި. ފޮޓޯ: އެފްޕީއޭ
އެންމެ މަޤްބޫލު
މިއަދަކީ ރާއްޖޭގައި ގެވެށި އަނިޔާގެ ޤާނޫނު ތަންފީޒުކުރަން ފެށިތާ 14 އަހަރުވީ ދުވަހެވެ. ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެ، އަނިޔާ ލިބޭ ފަރާތަށް ރައްކާތެރިކަން ލިބިދޭގޮތަށް ގެވެށި އަނިޔާގެ ޤާނޫނު އެކުލަވާލައި ތަޞްދީޤުކުރީ 23 އޭޕްރީލް 2012 ގައެވެ. އަދި ޤާނޫނު ތަންފީޒުކުރުމަށް، ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމާއި، އެފަދަ އަނިޔާގެ ޝިކާއަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އުފެއްދިއެވެ.
މި ޤާނޫނަކީ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމާއި މަނާކުރުމުގެ އުޞޫލުތަކާއި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ނިޒާމުތަކާއި، މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މުހިންމު މަސްއޫލިއްޔަތުތަކެއް ކަނޑައަޅާފައިވާ ޤާނޫނެކެވެ.
ޤާނޫނަށް 14 އަހަރު ފުރުމާ ގުޅިގެން އެފްޕީއޭއިން މިއަދު އާއްމުކުރި ނޫސްބަޔާނުގައި ބުނީ، މި ޤާނޫނުގެ ދަށުން، ގެވެށި އަނިޔާގެ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިޖުރާއާތްތައް ބަޔާންކޮށް، އެފަދަ މައްސަލަތަކުގައި ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅިގެން ދިޔަކަމީ މި ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނީ މިދިޔަ 14 އަހަރުތެރޭ ޤާނޫނު ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"ގެވެށި އަނިޔާ ހުއްޓުވުމުގެ ދާއިރާ ސިޔާސަތުތަކުގެ ތެރޭގައި ހިމަނައި، މި ދާއިރާ އިން ބޭނުންވާ މާލީ އަދި ފަންނީ ވަޞީލަތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މި ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ތަފާތު ޕްރޮގްރާމްތަކާއި މަސައްކަތު ބައްދަލުވުންތައް ބޭއްވިފައިވެއެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މުހިންމު ސިޔާސަތުތަކެއް އެކަށައަޅައި ތަންފީޛުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވިފައިވެއެވެ." ބަޔާނުގައި ޚުލާސާކޮށް ބުނެފައެިވއެވެެ.
އެފްޕީއޭއިން ބުނީ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ދާއިރާގައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންހުރި ކަމަށެވެ. އެގޮތުން، ބޭނުންވާ އެހީތެރިކަމާއި ޚިދުމަތްތައް، އާއިލާއާއި މުޖުތަމަޢުގެ ފެންވަރުގައި ދެވޭނެ އިންތިޒާމުތައް ހަރުދަނާކުރުމަށްޓަކައި، އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި ބުނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކުގެ މެދުގައި ގުޅުން ހަރުދަނާކުރުމާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށާއި، ގެވެށި އަނިޔާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ދައުލަތުގެ އިޖުތިމާއީ ޚިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތަކާއެކު ގިނަ ޕްރޮގްރާމްތަކެއް އެފްޕީއޭއިން މިހާތަނަށް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން، މުއައްސަސާތަކާއި، ޞިއްޙީ ދާއިރާ، ފުލުހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި މަދަނީ ޖަމިއްޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން 16 އަތޮޅެއްގައި 170 އަށް ވުރެ ގިނަ ހޭލުންތެރިކުރުވުމުގެ ސެޝަންތަކާއި ވޯކްޝޮޕްތައް ހިންގާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި، އާއްމުން ހޭލުންތެރިކުރުމުގެ ފަސް ކެމްޕޭނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިތުރު މަސައްކަތްތަކަށް ބަލާއިރު އޮތޯރިޓީގެ "ރިވިލި" މަޖައްލާގެ 10 އަދަދު މިހާތަނަށް ޝާޢިއުކޮށް ބިދޭސީ މަސައްކަތްތެރިންނަށް ގެވެށި އަނިޔާ ހުއްޓުވުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް 6 ބަހަކުން ތަރުޖަމާކޮށްފައިވާ އަތްމަތީ ފޮތެއް ވަނީ ނެރެފައެވެ.
ކުޑަކުދިންނަށް ރައްކާތެރި އަދި އުފާވެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި "އުދުހިލަން: އުފާވެރި ރައްކާތެރި މުޖުތަމަޢުއަކަށް" ނަމުގައި ޤައުމީ ކެމްޕޭނެއް އިފްތިތާހުކޮށް، މީގެ ދަށުން ހިންގާ ހަރަކާތްތައް 2025 އިން 2027 އަށް ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ ނިންމައިފައެވެ.
އޮތޯރިޓީގެ އަމާޒަކީ ގެވެށި އަނިޔާގެ އެއްވެސް ޢަމަލެއް ނުހިނގާ، އަމާން އަދި ރައްކާތެރި މުޖުތަމަޢެއް ބިނާކުރުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި، މި މަސައްކަތުގައި އާއްމު ފަރާތްތަކުގެ އެއްބާރުލުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.