ENGLISH
23 އޭޕްރީލު 2026
ސުކޫކުގެ ދަރަނީގެ ބުރަ މުސްތަގުބަލުގެ ޖީލަށް ފުރޮޅައިނުލައްވައި އަދާކުރެއްވުން؛ ހިމޭން ހިކުމަތުގެ ނަމޫނާ ކާމިޔާބެއް
23 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުެވަޑައިގަތްއިރު ރާއްޖޭގެ މައްޗަށް ހިޔަނިއަޅަމުންއައި އެންމެ ބޮޑު ބިރުވެރިކަމަަކީ ދަރަނި އަދާނުކުރެވިދާނެކަމުގެ ކަންބޮޑުވުމެވެ. މާލީ އިދާރާތަކުން ރާއްޖެ އޮތް ހާލަތު ސިފަކުރުމަށް ބޭނުންކުރި މުސްތަލަހަކީ "އިން ޑެޓް ޑިސްޓްރެސް" އެވެ. މާނައަކީ ދަރަނި އަދާނުކުރެވުމުގެ ބިރު ބޮޑުވެ، ބަނގުރޫޓުވުމުގެ ތުންފަތްމަތީ އޮތުމެވެ.
މިދެންނެވި ހާލަތަށް ބަލާއިރު 2024 ވަނަ އަހަރު ނިމުނުއިރު 130 ބިލިއަނަށް ރާއްޖޭގެ ދަރަނި އޮތީ އަރާފައެވެ. ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދަރަނި އަދާކުރުމަށް އެކަށީގެންވާ އިންތިޒާމުތަކެއް އޭގެ ކުރީގެ ސަރުކާރުން ހަމަޖައްސާފައި ނެތެވެ. ފައިސާ ރައްކާކޮށްފައި ނެތެވެ. މުސްތަގުބަލުގައި ރައްކާކުރާނެ ފައިސާއެއް ލިބޭނެ ގޮތެއް ހަމަޖައްސާފައި ނެތެވެ.
2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު ތަންފީޒުކުރަމުންދިޔައީ ދެ އަދަދުގެ ޑެފިސިޓުގައެވެ. މާނައަކީ ކޮންމެ އަހަރަކުވެސް އެ އަހަރެއްގައި ލިބުނު އާމްދަނީއަށްވުރެ އިތުރަށް ދިހަ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް އެތެރެއާއި ބޭރުން ދަރަނި ނަގަން މަޖުބޫރު ހާލަތެއް އޮތީ އުފަންކޮށްފައެވެ.
މި ހާލަަތު ބަދަލުކުރެއްވުމަށް 2025 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއެވެ. ނުވަ ބިލިއަން ރުފިޔާއިން އެ އަހަރުގެ ބަޖެޓު ޑެފިސިޓުވާނެ ކަމުގައި އަހަރު ނިމުނުއިރު އެ އަދަދުވަނީ 6.4 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ދައުލަތަށް ލިބޭ އާމްދަނީގެ ބޭރުން ކުރަމުންއައި ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުން ހާސިލުކުރެވުނު ކާމިޔާބެކެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް އަބަދުވެސް ސަރުކާރުތަކުން ބަރޯސާވަނީ ރީފައިނޭންސް ކުރުމުގެ އުސޫލަށެވެ. އެއީ ކުރިން ނެގި ދަރަނި އަދާކުރުމަށް އަލުން ދަރަނި ނެގުމެވެ. 2017 ވަނަ އަހަރު އެއިރުގެ ސަރުކާރުން 7.5 އިންސައްތައިގެ އިންޓަރެސްޓުގައި ވިއްކި ސަނީ ސަައިޑް ބޮންޑެއްގެ ދަރަނި އަދާކުރުމަށް 500 މިލިއަން ޑޮލަރުގެ ސުކޫކެއް 2021 ވަނަ އަހަރު 9 އިންސައްތައިގެ ފައިދާ ދައްކަންޖެހޭ ގޮތަށް ވިއްކީ މިދެންނެވި އުސޫލުން ދަރަނި އަދާކުރުމަށް ދަރަނި ނެގުމަށެވެ.
ނަމަވެސް މުސްތަގުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ފުރޮޅައިނުލެއްވުމަކީ ރައީސް ޑރ.މުއިއްޒުގެ ވިސްނުންފުޅެވެ. އެ ވިސްނުންފުޅާ އެއްގޮތަށް ދައުލަތުގެ ސިޔާސަތުތައް ތަރުތީބުކުރެއްވިއެވެ. ބަޖެޓު ޑެފިސިޓު ކުޑަކުރެއްވުމަކީ އެ ސިޔާސަތުތަކުގެ ތެރެއިން އެއް ކަމެވެ.
އެއާއެކު ދަރަނި އަދާކުރުމަށް ދައުލަތުގެ އަމިއްލަ މާލީ ގާބިލުކަން އިތުރުކުރެވޭނެ ގޮތްތަކެއް އިންތިޒާމުކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. ފުރަތަަަމަ ފިޔަވަޅެއްގެ ގޮތުން ތަންފީޒުކުރެއްވީ ދަރަނީގެ ބުރަ މުސްތަގުބަލުގެ ޖީލުތަކަށް ވާރުތަވިޔަނުދިނުމަށް ގާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ބޭރު ފައިސާ ޖަމާކުރެއްވުމުގެ މަސައްކަތެވެ. ރައީސް ގައުމުގެ ހުންގާނުގައި ހިއްޕެވިއިރު 2 މިލިއަން ޑޮލަރު ހުރި އެ ފަންޑަށް 230 އެތައް މިލިއަން ޑޮލަރެއް ދެ އަހަރު ތެރޭ ޖަމާކުރެއްވިއެވެ.
ބޭރުގެ ދަރަނި އަދާކުރުމުގައި އެންމެ ބޮޑަށް ބަަރޯސާވެވޭ، އަދި ދަރަނީގެ ސަބަބުން މާލިއްޔަތަށް ކުރިމަތިވާ ލޮޅުންތަކުން އަރައިގަތުމަށް އެންމެ ބޮޑަށް ބަރޯސާވެވޭ ފަންޑަކީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްއެވެ. ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރިޒާވް އޮތީ ހުސްވާން ކައިރިވެފައެވެ. 300 އެތައް މިލިއަންް ޑޮލަރަކަށް ވެއްޓި ރިޒާވް ހީނަރުވެފައި އޮތް އޮތުމުން އަރައިގެންނެވުމަށް އަވައްޓެރި އިންޑިޔާގެ އެހީތެރިކަމާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖެއްސެވިއެވެ.
ކަރަންސީ ސްވޮޕަކީ ނޭވާލައި، ހިންދެމިލައި އޮނިގަނޑުގެ އިސްލާހުތަކެއް ތަންފީޒުކުރެއްވުމަށް ލިބިވަޑައިގަަތް ފުރުސަތެއްކަން ދެނެވަޑައިގެން، ނިޒާމީ ގޮތެއްގައި ރިޒާވްއަށް ބޭރު ފައިސާ ވަންނާނެ އިންތިޒާމެއް ރައީސް ތަރުތީބުކުރެއްވިއެވެ. ޖަނަވަރީ އެކެއް 2025 ވަނަ ދުވަހު ތަންފީޒުކުރަން ފެށި ބޭރު ފައިސާގެ ގާނޫނާއެކު މާލީ ނިޒާމުގެ ތެރެއިން ރިޒާވްއަށް ބޭރު ފައިސާ ހޯދޭނެ ބާރުވެރިކަން މަރުކަޒީ ބޭންކަށް ލިބުނެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީން ވަކި މިންވަރެއް ކޮންމެ މަހަކުވެސް ބޭންކުތަކަށް މާރުކޮށް އެ ފައިސާއިން ވަކި އިންސައްތައެއް އެމްއެމްއޭއަށް ނަގައި ރިޒާވްގައި ރައްކާކުރެވޭނެ ގާނޫނީ އޮނިގަނޑު ފުރިހަމަކުރެވުމާއެކު، 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވް 1.3 ބިލިއަނަށް އެރިއެވެ. ރާއްޖޭގެ ބޭންކުތަކުގައި ބޭނުންކުރެވޭ ގޮތަށް މަރުކަޒީ ބޭންކުން ޑިޕޮސިޓުކޮށްފަައިހުރި ފައިސާއާއެކު 1.4 ބިލިއަންް ޑޮލަރަށް ރިޒާވް އެރިއެވެ.
މި އިސްލާހީ ބަދަލުތަކާއެކު އޭޕްރީލު 2، 2026 ވަނަ ދުވަހު ދިވެހި ސަރުކާރުންވަނީ ދިވެހި ދައުލަތުގެ ތާރީހުގައި އެއްފަހަރާ ދެއްކި އެންމެ ބޮޑު ދަރަނި އަމިއްލަ ބާރުވެރިކަމުގައި ދައްކައި ހަލާސްކޮށްފައެވެ. 2021 ވަނަ އަހަރު ވިއްކި ސުކޫކުގެ ޕޭމެންޓުގެ ގޮތުގައި 524.68 މިލިއަން ޑޮލަރު އެއްފަހަރާ ދެއްކީއެވެ.
ދުރަށް ވިސްނުމެއް ނެތި، އަންނާން އޮތް ޖީލުތަކުގެ ހައްގަށް ރިއާޔަތްކުރުމެއް ނެތި، ތަންފީޒުކުރި ޣައިރު ޒިންމާދާރު މާލީ ސިޔާސަތުތަކުގެ ސަބަބުން އުފެދިފައި އޮތް ބިރުވެރިކަމުން ރާއްޖެ މިންޖުކޮށްދެއްވީ ރައީސް ޑރ.މުއިއްޒު ހިމޭން ހިކުމަތާއެކު ކުރެއްވި މަސައްކަތްޕުޅާއި ތަންފީޒުކުރެއްވި ދުރުވިސްނުމުގެ ސިޔާސަތުންނެވެ.
މި ސުކޫކު އަދާކުރެވުމާއެކު، ރާއްޖެއަށް "ޑެޓް ޑިސްޓްރެސް"ގެ ހާލަތު އަރައިގަނެ، ކްރޭޑިޓް ރޭޓިން ރަނގަޅުކޮށް މާލީ އިތުބާރު ގާއިމުކުރާނެ ޖާގަ މިވަނީ ތަނަވަސްވެފައެވެ. ދަރަނި އަދާކުރުމަށް އިތުރު ދަރަންޏެއް ނުނެންގެވީތީ މިއަދުގެ ލީޑަރުން އުފަންކުރެއްވި ދަރަނީގެ ބުރައިން މާދަމާގެ ދަރީން އެވަނީ ސަލާމަތްވެފައެވެ. ގައުމުގެ އިގުތިސާދު ބިނާކޮށް އުމްރާނީ ތަރައްގީގެ އާރޯކަން ގެނައުމަށް ބޭނުންވާ ފަހިކަަން މިއަދު މިވަނީ ލިބިފައެވެ.