ENGLISH
11 ޖޫން 2026
ގާނޫނުއަސާސީއަށް ދެން ގެންނާނީ ކުރިން އިއުލާނުކޮށްފައިވާ އިސްލާހުތައް އެކަނި: ރައީސް
20 އޭޕްރީލު 2026
|
ރަައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ގާނޫނުއަސާސީ އިސްލާހުކޮށް ބަދަލުކުރުމަކީ ރައްޔިތުން އެންމެ ރުހޭ ގޮތް ނޫންކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައި ގާނޫނުއަސާސީ ގެންނާނީ މީގެކުރިން އިއުލާނުކޮށްފައިވާ އިސްލާހުތައް އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގާނޫތައް ބަދަލުކޮށްގެން ގެނެވެންހުރި މުހިއްމު ބޮޑެތި އިސްލާހުތައް ގެންނެވުމަށް ކުރައްވާ މަސައްކަތްޕުޅަށް ބަދަލެއް ނާންނަ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ބޮޑެތި އިސްލާހީ ބަދަލުތަކެއް އަންނަންޖެހެއެވެ. އެގޮތުން މަޖިލީހުގެ މެންބަރުން އިތުރުނުވާނެހެން މެންބަރުންގެ އަދަދު ހިފެހެއްޓުމާއި ޖުޑީޝަރީގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށުން ސަލާމަތްކޮށް، އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ކައުންސިލަކަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖަވާބުދާރީވާ ގޮތަށް ހަމަޖެއްސުމަކީ ގެންނަންޖެހޭ ބަދަލުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އެއާއެކު، ރައީސް ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއެކު ކުރިއަށްގެންދިޔަ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ގާނޫނުއަސާސީއަށް އިސްލާހުތައް ގެނެސް ބަދަލުކުރުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫންކަން ސާފުކޮށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
"ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތް ތަނުގައި ގެންނާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން. ނަމަވެސް، ކުރިން އިއުލާނުކޮށްފައިވާ، ގާނޫނީ އިސްލާހުތަކުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާނެ" ރައީސް ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނެ ތާރީހަކީ ޑިސެންބަރު 1، 2028 ގެ ގޮތުގައި ކަނޑައެޅުމަށް ގެނެވުނު އިސްލާހެކެވެ. އެ އިސްލާހު ތަސްދީގުކުރަން ރައްޔިތުންނަށް ފެނޭތޯ ބެލުމަށް އޭޕްރީލު ހަތަރުވަނަ ދުވަހު ނެގި ވޯޓުގައި ރައްޔިތުންގެ 69 އިންސައްތަ ރައްޔިތުން ވޯޓުލީ އެ އިސްލާހު ތަސްދީގުކުރަން ނުފެންނަ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެންނަވައި އިންތިހާބުގައި ރައްޔިތުން ދެއްވި މެސެޖު ގަބޫލުކުރައްވައި އެގޮތަށް އަމަލުކުރައްވަމުންދާނެ ކަމަށެވެ.