ENGLISH

20 އޭޕްރީލު 2026

Advertisement

ފާއިތުވި ހަފުތާގައި ސްކޭމްތަކުން ގެއްލުނު ފައިސާގެ 43 އިންސައްތަ ރިކަވާކޮށްފި

20 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ފާއިތުވި ހަފުތާގައި ސްކޭމްތަކުން ގެއްލުނު ފައިސާގެ 43 އިންސައްތަ ވަނީ ރިކަވާކޮށްފައި

މިދިޔަ ހަފުތާގައި ސްކޭމްތަކަށް ފަސް ލައްކައެއްހާ ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން ހޯދުނީ ދެ ލައްކަ ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ފުލުހުން ބުނީ މި ހަފުތާގައި ޖުމުލަ ސްކޭމްގެ 41 މައްސަލަ ހުށަހެޅިފައިވާ އިރު، ޖުމުލަ ގެއްލުމުގެ އަދަދަކީ 496،383.50 ރުފިޔާ އެވެ. އޭގެ ތެރެއިން 211،684.50 ރުފިޔާ ވަނީ ރިކަވާކޮށްފަ އެވެ. ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމް މައްސަލަތަކެވެ. އެ ބާވަތުގެ 21 މައްސަލައެއް ހުށަހެޅިފައި ވެއެވެ. އޭގެ އިތުރުން އިމްޕާސަނޭޝަން ނުވަތަ އެހެން މީހެއް ކަމަށް ހެދިގެން ހިންގި ސްކޭމްގެ ނުވަ މައްސަލައަކާއި ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ ތިން މައްސަލައަކާއި ފިޝިން، ވިޝިން އަދި ވަޒީފާގެ ސްކޭމްގެ އެއް މައްސަލައެއް ހިމެނެ އެވެ. ބާކީ އަށް މައްސަލައަކީ އެ ނޫން އެހެނިހެން ބާވަތުގެ ސްކޭމް މައްސަލަތަކެވެ.

މި ސްކޭމްތައް ހިންގާފައިވަނީ ވައިބާ، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެސެޖިން ޕްލެޓްފޯމްތަކާއި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސް އަދި ފޯން ކޯލްތަކާއި ނުދަންނަ ލިންކުތައް މެދުވެރިކޮށެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށް، އޮންލައިންކޮށް ވިޔަފާރިކުރާ އިރު ތަކެތި ލިބުމުގެ ކުރިން ޕޭމަންޓް ނުދެއްކުމަށާއި، ބޭންކު ނުވަތަ ސަރުކާރު އިދާރާއެއް ކަމަށް ބުނެ ގުޅާ ފަރާތްތަކާ އޯ.ޓީ.ޕީ އަދި ޕިން ފަދަ މައުލޫމާތު ހިއްސާ ނުކުރުމަށާއި، ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސްކޭމެއް ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އަވަހަށް ރިޕޯޓު ކުރުމަކީ ގެއްލުނު ފައިސާ ރިކަވާ ކުރެވުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު