ENGLISH
10 އޭޕްރީލު 2025
ބަންގްލަދޭޝްގައި އިންތިޚާބު ބާއްވާނީ 2025ގެ ފަހުކޮޅު، ނޫނީ 2026 ކުރީކޮޅު
16 ޑިސެމްބަރު 2024
|
ބަންގްލަދޭޝްގައި ޢާންމު އިންތިޚާބެއް އަންނަ އަހަރުގެ ފަހުކޮޅު ނޫނީ 2026 ވަނަ އަހަރުގެ ކުރީކޮޅު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް، އެ ޤައުމުގައި މިހާރު އޮތް އިންތިޤާލީ ސަރުކާރުގެ ވެރިޔާ މުޙައްމަދު ޔޫނުސް ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގައި އެތަކެއް ހާސް ދަރިވަރުންތަކެއް ނުކުމެ ކުރި މުޒާހަރާތަކަށްފަހު، ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓުމުން، އިންތިޤާލީ ސަރުކާރެއް ޤާއިމުކުރީ މިދިޔަ އޯގަސްޓު މަހުއެވެ.
އޭގެފަހުން، ޢާންމު އިންތިޚާބެއް ބާއްވާނެ ތާރީޚެއް އިޢުލާނުކުރަން، ޔޫނުސް އަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އޭގެ ދިފާޢުގައި ޔޫނުސް މިހާތަނަށް ވިދާޅުވެފައިވާ ގޮތުގައި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރު ކުރަން އޮތް ގޮންޖެހުން ބޮޑެވެ.
"އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް، އަންނަ އަހަރު ފަހުކޮޅު ނޫނީ 2026 ވަނަ އަހަރުގެ ކުރީކޮޅު ކަނޑައެޅިގެންދާނެ،" ޓީވީ މެދުވެރިކުރައްވައި ޔޫނުސް އިޢުލާނުކުރެއްވިއެވެ.
ޔުނިވާރސިޓީގެ ދަރިވަރުން އިސްވެ ކުރި މުޒާހަރާއަށް ފަހު، ހެލިކޮޕްޓަރެއްގައި ހަސީނާ ޤައުމު ދޫކުރައްވާ، އިންޑިޔާއަށް ވަޑައިގެންނެވީ، މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެގަތުމުންނެވެ.
އޭގެކުރިން، އެތައް ހަފްތާއަކަށް ދިގުދެމިގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.
ޔޫނުސް ވިދާޅުވި ގޮތުގައި، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ނިޒާމަށް ބޮޑެތި އިސްލާޙުތަކެއް ގެންނަންޖެހެއެވެ.
"އަޅުގަނޑު އަބަދުވެސް ބުނަމުން މިދަނީ، އިންތިޚާބެއްގެ އިންތިޒާމު ހަމަޖެއްސުމުގެ ކުރިން، އިސްލާޙުތައް ފުރަތަމަ ކުރިއަށް ގެންދަން ޖެހޭ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ގޮތެއްގެ މަތިން، އިންތިޚާބު ބާއްވާ ތާރީޚު އަންނަ ނޮވެމްބަރު މަހަށް ކަނޑައެޅިދާނެ ކަމަށް ޔޫނުސް ވިދާޅުވި އެވެ.
އޭގެތެރެއިން އެންމެ މުޙިންމު ކަމަކީ، ޔޫނުސް ވިދާޅުވި ގޮތުގައި، ސައްޙަ ވޯޓަރސް ލިސްޓެއް އެކުލަވާލައި، ވީހާވެސް ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްޤު ކަށަވަރުކުރުމެވެ.