ENGLISH
19 އޭޕްރީލު 2026
ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމުގެ ވަގުތީ އަމުރު ނެރެނުދިން
19 އޭޕްރީލު 2026
|
ސުޕްރީމް ކޯޓުން ވަގުތީ އަމުރު ނުނެރޭ، ފޮޓޯ:
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ނުގެއްްލޭ ގޮތަށް ނެރެދިން ވަގުތީ އަމުރު ނެރެނުދިނުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވުމަށްފަހު ޕާޓީގެ މެންބަރުކަމުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލެއެވެ.
އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމުގައި ވިދާޅުވެ ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިނެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ކުރިއަށްގެންދިޔަ ހުރިހާ އަޑުއެހުމެއް މިހާރުވަަނީ ނިމިފައެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމްކުރަންދެން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ނުގެއްލޭނެކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓުގައި އަލީ ހުސައިންގެ ފަރާތުން އެދިފައިވެއެވެ.
މިއަދު އެ އަމުރާމެދު ކޯޓުންވަނީ ގޮތެއް ނިންމާފައެވެ. ސުޕްރީމް ކޯޓން ނިންމާފައިވަނީ ހުކުމެއް ނެރެވެންދެން ގޮނޑި ނުގެއްލޭނެކަމަށް ވަގުތީ އަމުރެއް ނެރެފިނަމަ އެކަމުގެ ސަބަބުން މައްސަލަައިގެ މައުޟޫއަށް އަސަރުކުރާނެތީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށެވެ.
މެންބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެނުދޭން ނިންމުމާއެކު، ފަނޑިޔާރުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރެއް ނެރުމަށް އެދިފައިވާ މައްސަލާގަައި ކޯޓުން ބުނެފައިވަނީ އެއީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލުގެ ދަށުން ނެރުން މަނާވާނެ އަމުރެއް ކަމަށެވެ.
ގޮނޑި ގެއްލޭ އިސްލާހާމެދު ހުށަހަޅާފައިވާ މައްސަލައިގައި ދެން އޮންނާނީ ހުކުމްކުރުމެވެ. އެ މައްސަލާގައި ދައުލަތުންވަނީ ގާނޫނުއަސާސީއަށް މަޖިލީހުން ސައްހަ އިޖުރާއާތުގެ ތެރެއިން ގެންނަ އިސްލާހެއް ބާތިލުނުކުރެވޭނެކަމަށް ވަކާލާތުކޮށްފައެވެ.