ENGLISH

19 އޭޕްރީލު 2026

Advertisement

ނަޝީދަށް ހަމަލާދިން މައްސަލައިގައި ފަންޑުކުރި މީހުންގެ ތަހުގީގު އަވަސްކުރަން އަންގައިފި

19 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައިސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅޭ މައްސަލައިގެ ތަހުގީގު ފުޅާކޮށް، ވީހާވެސް އަވަހަށް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދިވެހި ފުލުހުންގެ ހިދުމަތަށް އަންގައިފި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "އެމްއެމްޓީވީ"އަށް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ފަންޑުކުރި މީހުންގެ ތަހުގީގު އަވަސްކޮށް ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް މި މަހުގެ އަށް ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތަށް ލަފާދީފައިވާކަމަށެވެ.

މައްސަލައިގެ ފަސްފަހަތް:

ރައީސް ނަޝީދު އަވަހާރަކޮށް ބޮން ގޮއްވާލީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނާ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ސައިކަލެއްގަ ބޮމެއް ހަރުކޮށްގެން ނެވެ. ހަމަލާދިނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ. މި ހާދިސާއަށް އަންނަ މަހު ހަ އަަހަރު ފުރޭނެ އެވެ. 

ބެއަރިން ބޯލްސްތަކެއް އަޅައިގެން ވަރަށް ބާރުގަދަކޮށް ހަދާފައިވާ ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ އެމަނިކުފާނު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ.

އެ ހަމަލާގެ ސަބަބުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ. މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނާއި އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދެވި އެވެ. 

ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީ އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނައެއް ބާރުގަދަ އައިއީޑީއެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް އޭރު ސިފައިން ހާމަކޮށްފައި ވެއެވެ. 

ހަމަލާގެ އަޑީގައި ތިބި މީހުން އަދިވެސް ނުހޯދޭ:

ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލާގައި ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި، މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ. މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.

މިބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު އަދިވެސް ހޯދިފައެއް ނުވެ އެވެ.

މި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުންވަނީ ހުކުމްކޮށްފަ އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން:

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އިރު މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލާފައިވެއެވެ. މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން ވަކިވަކި ސިފައިންނަށް އަންގާފައިވީ ނަމަވެސް އެކަމަށް އޭރުގެ ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފަ އެވެ. އެކަން އެގޮތަށް މަޖިލީހަށް އެންގި ސިޓީގައި ސޮއި ކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްއަށް ވެސް ހުށަހަޅައިފަ އެވެ. އިންކުއަރީއަށް  ހާޒިރުވެވަޑައިގަތީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. ކޮމިޓީން މަސައްކަތް ކުރީ ވަކިވަކި ސިފައިން ހާޒިރުކުރުމަށެވެ. އެގޮތުން ސާޅީހަކަށް ސިފައިންގެ މީހަކަށް ހާޒިރުވާން އަންގައި އޭރު ސިޓީ ފޮނުވި އެވެ. 

އޭގެ އިތުރުން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސްލޫކާ ބެހޭ ކޮމެޓީއަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ކޮމެޓީން އެ މައްސަލަ ނުބަލަން ނިންމައި ވަނީ ބޭރުކޮށްލައިފަ އެވެ.

ޒަމީލުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލުމުގައި އިސްކޮށް ހުންނެވީ ރައީސް ސޯލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަމަށް އޭރު އަޑު ފެތުރުނު އިރު މައްސަލަ ބައްލަވަން ރައީސް ސޯލިހު ފާޅުގައި ހުރަސްއަޅުއްވަމުން ގެންދަވާކަމަށް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އޭރު ތުހުމަތު ކުރި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ތިން ފަހަރެއްގެ މަތީން ބޮން ގޮއްވާ އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ އެނގިފައިކަމަށް ވެސް އޭރު ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. 

މި މައްސަލަ ހިމެނޭހެން އޭރުގެ ސަރުކާރާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމުގައި އެމްޑީޕީއާ ފެޔަށްޖެހިވަޑައިގެން އައު ޕާޓީ އެއް އުފައްދަވައިގެން މަސައްކަތް ކުރެއްވި ނަމަވެސް މިހާރު ރައީސް ނަޝީދު ވަނީ އަލު އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. 

ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެ މީހުންގެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިން ނެވެ. 

ކިޔުންތެރިންގެ ހިޔާލު