ENGLISH
19 އޭޕްރީލު 2026
މުއްތަލިބު ވިދާޅުވެދެއްވީ ރައީސްގެ ތަސައްވުރުގެ ތެރެއިން ރިއަލް އެސްޓޭޓު އިގުތިސާދުގެ އިންޖީނަށް ހެދޭނެ ގޮތް
19 އޭޕްރީލު 2026
|
އި ބިނާރާއި ގެދޮރުވެރިކަމާއި އުމްރަނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު
އެންމެ މަޤްބޫލު
ލިންކެޑިންގައި ޝާއިއުކުރެއްވި ލިޔުއްވުމެއްގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރަނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ލިޔުއްވުމެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގެ އިގުތިސާދުގެ އިންޖީނަކަށް ރިއަލް އެސްޓޭޓު ވިޔަފާރި ބަދަލުކުރެވޭނެ ގޮތްތަކުގެ ތަފުސީލު ހިއްސާކުރައްވައިފިއެވެ.
މުއްތަލިބު ލިޔުއްވި ގޮތުގައި ތަބީއީ ޗާލުކަމާއި، ހާއްސަކަމާއި އެހެން ތަނަކުން މަދުން ނޫނީ ނުލިބޭ ދިރިއުޅުމުގެ ފެންވަރާއެކު ރާއްޖެއަކީ މުޅި ދުނިޔެއަށް މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑުގެ ބާރު ފަތުރުވެރިކަމުގެ ތެރެއިން ސާބިތުވެ، މި ގައުމަށް ޒިޔާރަތްކުރުމަކީ އެތައް މިލިއަން މީހުންނެއްގެ ހުވަފެނަކަށްވެފައިވާކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ ފަތުރުވެރިކަން ފަހަނައަޅައި ރާއްޖޭގައި އިންވެސްޓުކޮށް މިގައުމުން ލިބެން ހުރި އުފާތަކުގެ ހިއްސާ ލިބިގަތުމަށް އެތައް ބަޔަކު އުންމީދުކުރާނެ ކަމަަށެވެ.
ރައީސް ޑރ.މުޢިއްޒުގެ ތަސައްވުރަކީ ނުހޯދި އޮތް މި މަންފާ ހޯއްދެވުމަށް އަމާޒުކުރައްވާފައިވާ ތަސައްވުރެއް ކަމަށާއި، ފަތުރުވެރިކަމުން އެއް ދާއިރާއިން ހޯދިދާނެ މަންފާ ދައްކުވައިދެވިފައި އޮތް ގޮތަށް ރިއަލް އެސްޓޭޓު ދާއިރާއިން ފުޅާ އިގުތިސާދަށް ލިބޭނެ މަންފާ ސާބިތުކޮށްދެވޭނެ ކަމަށް ޑރ.މުއްތަލިބު ލިޔުއްވިއެވެ.
އަދި ރަނގަޅަށް ތަރައްގީކުރެވިފައިވާ ރިއަލް އެސްޓޭޓް ދާއިރާއިން އިމާރާތްކޮށް ތަންތަން ވިއްކުމަށްވުރެ ގިނަ ބޮޑެތި މަންފާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން މުއްތަލިބު ލިޔުއްވީ، އެ ދާއިރާ ތަރައްގީކުރުމުން ބޭރާއި އެތެރެއިން ބޮޑެތި އިންވެސްޓުމެންޓުތައް ލިބިގެންދާނެ ކަމަށެވެ. އަދި އިމާރާތްކުރުމުގެ އިތުރަށް ފައިނޭންސާއި ގާނޫނާއި ފަރުމާކުރުމާއި ޕްރޮޕާޓީ މެނޭޖުކުރުމާއި މާކެޓިން ދާއިރާއިން އެތައްހާސް ވަަޒީފާ އުފެދިގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރިއަލް އެސްޓޭޓު ދާއިރާ ކުރިއެރުމަކީ އައު އާބަން ސަރަހައްދުތައް ތަރައްގީކުރެވި، ރޭވިގެން މުޖުތަމައުތައް ތަރައްގީކުރުމަށް މަގުފަހިވާނެ ކަމެކެވެ. އަދި އެއީ ފަތުރުވެރިކަމާއި މަސްވެރިކަމާ ދުރުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ފަހިވާނެ ކަމެކެވެ.
ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަންކަމަށްވާތީ، ރައީސްގެ ސިޔާސަތުގައި އެ މައްސަލަ ހައްލުކުރެއްވުމަށް ބޮޑު ސަމާލުކަމެއް ދެއްވާފައި އޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރިއަލް އެސްޓޭޓަކީ އެ މައްސަލަ ހައްލުކުރުމުގެ މުހިއްމު ބައެއް ކަމަށެވެ.
ތަރައްގީވަމުންދަ ރިއަލް އެސްޓޭޓު ދާއިރާއެއްގެ މަންފާ ލިބެނީ މުއްސަނދި އިންވެސްޓަރުންނަކަށް ނޫނެވެ. މުއްތަލިބު ވިދާޅުވީ ރަނގަޅަށް ތަރައްގީކުރެވިއްޖެނަމަ އެ ދާއިރާގެ ތެރެއިން ތަފާތު އެކި މީހުންނަށް އެކި ފުރުސަތުތައް އުފަންވާނެ ކަމަށެވެ. މެދުފަންތީގެ އާއިލާތަކަށް އެފޯޑަބަލް ގެދޮރު އަދި މަތީ ފަންތީގެ ފަރާތްތަކަށް މަތީ ފަންތީގެ ގެދޮރުގެ ފުރުސަތުތައް ހުޅުވޭނެ ކަމަށެވެ.
ރިއަލް އެސްޓޭޓު ދާއިރާ ތަރައްގީނުވުމުގެ ނަތީޖާއަކީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ބުރަ ސަރުކާރުގެ ކޮނޑުގައި އެކަނި އެޅުމެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރަނގަޅު ރިއަލް އެސްޓޭޓު ދާއިރާއެއް ބިނާވެއްޖެނަމަ، އަމިއްލަ ވިޔަފާރިތައް ނުކުމެ މިދާއިރާގައި އިންވެސްޓުކޮށް ޑިމާންޑާ އެއްވަރަށް ގެދޮރު ބިނާކުރެވޭނެއެވެ. އެއީ ރައީސް ގެންނަވަން ބޭނުންފުޅުވާ ބަދަލުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވަރގަދަަ ރިއަލް އެސްޓޭޓު ދާއިރާއެއް ތަރައްގީކުރެވޭނީ ހަރުދަނާ ބިންގާތަކެއްގެ މަތީގައެވެ. އެންމެ އަސާސީ ކަމެއްގެ ގޮތުން ބިން ބެލެހެއްޓުމާއި، މިލްކުވެރިކަމުގެ ރެކޯޑުތައް ބެލެހެއްޓުމާއި ބިން ބޭނުންކުރާނެ ގޮތް ރޭވުމާއި، ސަރަހައްދީ ޑާޓާއާއި ބިނާކުރުމާއި ތަރައްގީކުރުމުގެ ސާފު އުސޫލުތަކަކީ ރިއަލް އެސްޓޭޓު ދާއިރާގެ މައިބަނދަކަމުގައި ސިފަކުރެއްވިއެވެ.
ވަޒީރުގެ ވުޒާރާގެ މަސައްކަތުގެ ދާއިރާ ފުޅާކުރެއްވުމަށް ރައީސް 14 އޭޕްރީލުގައި ނިންމެވި ނިންމެވުމުގެ މައިގަނޑު މަގުސަދަކީ ބިމާއި، ގެދޮރުވެރިކަަމާއި ރިއަލް އެސްޓޭޓާއި ބިނާރާއި، އާބަން ތަރައްގީ އެއް ފުރާޅެއްގެ ދަށަށް ގެންނަވައި އެކަން ހަރުދަނާކުރެއްވުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ރައީސްގެ ރިއަލް އެސްޓޭޓު ވައުދުތަކަކީ ވަރަށްވެސް ބޮޑެތި ވައުދުތަކެއްކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ އެ ވައުދުތަކުގެ މަގުސަދަކީ ރާއްޖެއަކީ މީހުން ޒިޔާރަތްކުރާ މަންޒިލަކުން މީހުން އިންވެސްޓުކޮށް އެތަނަކަށް އިތުބާރުކުރާ ތަނަކަށް ބަދަލުކުރުން ކަމަށެވެ.
މި ތަސައްވުރަކީ ދެމިގެންދަނިވި ތަނަވަސްކަމާއި، ވަޒީފާތަކާއި ދާއިމްވަނިވި ފުރުސަތުތަކެއް ފަހިކޮށްދޭނެ ތަސައްވުރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ޒިންމާދާރުކަމާއެކު ބިނާކޮށް ހަރުދަނާ އުސޫލުތަކެއް އެކަށައަޅައި ރަނގަޅު ރޭވުންތެރިކަމުގެ ތެރެއިން، ދިގު ރާސްތާ ގައުމީ މަސްލަހަތު ވިސްނުމުގައި ބަހައްޓައިގެން މަސައްކަތްކުރެވިގެން ކަމަށެވެ.