ENGLISH
19 އޭޕްރީލު 2026
ތާރީހީ އިންތިހާބެއް، ދެވަނަ ބުރުގައިވެސް 71 އިންސައްތަ މީހުން ވޯޓުލި
19 އޭޕްރީލު 2026
|
އިންތިހާބުގެ ތެރެއިން މީހަކު ވޯޓުލަނީ.
އެންމެ މަޤްބޫލު
އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުބުރުގެ ވޯޓުލުމުގައި 71 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިއްޔެ އިންތިހާބު ކުރިއަށްދިޔައީ ފަސް ދާއިރާއެއްގައި ފަސް މަގާމަކަށް މީހުން އިންތިހާބުކުރުމަށެވެ. އެއީ ފުވައްމުލަކު ސިޓީގެ ދަޑިމަގުގެ ދާއިރާގެ ކައުންސިލު އިންތިހާބާއި، ބ.ދޮންފަނުގެ ކައުންސިލު އިންތިހާބާއި، ހއ.ކެލާ އަންހެނުންގެ ތަރައްގީއަސް މަސައްކަތްްކުރާ ކޮމިޓީއާއި ހދ.ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ލ.މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެވެ.
މި ދާއިރާތަކުގައި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިޔައީ ފުރަތަަމަަ ބުރުގައި އެ ދާއިރާތަކުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެން ނެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 6،093 މީހުން ރަޖިސްޓްރީކުރި އެވެ. އޭގެ ތެރޭގައި 1،729 މީހުން ކެލާ އިންތިހާބުގައި އަދި ނޭކުރެންދޫ އިންތިހާބުގައި 1،056 މީހުން އަދި ދޮންފަނު އިންތިހާބުގައި 441 މީހުންނާއި، މާވަށު އިންތިހާބުގައި 1،556 މީހުންނާއި ފުވައްމުލަކު ސިޓީގެ ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.
ކޮމިޝަނުން "އެމްއެމްޓީވީ" އާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ތެރެއިން 71.43 އިންސައްތަ މީހުން އިއްޔެ ވަނީ ވޯޓުލުމުގެ ހައްގު އަދާކޮށްފަ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ބުންޏެވެ. އެއީ ޖުމްލަ 214،898 މީހުން ނެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 253،714 އެވެ.
އެއާއެކު މި އިންތިހާބު ވެފައިވަނީ އެންމެ ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާން ނިކުތް ލޯކަލް ކައުންސިލް އިންތިހާބަށެވެ.