ENGLISH
21 އޭޕްރީލު 2026
މަޖީދިއްޔާގެ "ސައްތަވީ ބިނާ" އެ ސުކޫލަށް 100 އަހަރު ވާންވާއިރަށް ހުޅުވަނީ
19 އޭޕްރީލު 2026
|
ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު
އެންމެ މަޤްބޫލު
މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އަންނަ އަހަރު އެ ސުކޫލަށް 100 އަހަރު ވާންވާއިރަށް ހުޅުވުމަކީ އަމާޒެއްކަމަށް ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އެ ސްކޫލުގައި ބޭއްވި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ވަޒީރު ވިދާޅުވީ މަޖީދިއްޔާގެ ހުޅަނގު ފަރާތުގައި އޮތް ޕާކިން އޭރިއާ ނަގައި އެތަނުގައި މަޖީދިއްޔާގެ 100 އަހަރު ރަމްޒުކޮށްދިނުމަށްޓަކައި އަޅާ ޚާއްޞަ ބިނާގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެންމެން އެކީގައި މަސައްކަތް ކުރާނީ 100 އަހަރު ފުރެންވާއިރަށް އެ ބިނާގެ މަސައްކަތް ނިންމައި ހުޅުވައި، ޓެކްނޮލޮޖީގެ އައު މަރުހަލާއަކަށް ކިޔެވުން ބައްޓަން ކުރެވިގެންދާނެ މުހިންމު މަސައްކަތެއްގެ ގޮތުގައި އެކަން ކުރައްވާނެކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑު އިސްކަމެއް ދެވިގެން ދިޔައީ މާއްދާތައް ކިޔަވައި މާއްދާތަކުން ދަރިވަރުން ރަނގަޅު ނަތީޖާތައް ހޯދައި ކުރިއެރުވުމަށް ކަމަށާއި ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ހުނަރާއި އިލްމާމެދު މާބޮޑަށް ވިސްނަން ވެއްޖެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ 60 ދަރިވަރުންނާއެކު ފެށި މަޖީދިއްޔާ ސްކޫލުން ހޯދި ފަޚުރުވެރި ކާމިޔާބީ 60 ދަރިވަރުންނާއެކު ފެށި އެ ސްކޫލުން ނުހޯދެންވީ ސަބަބެއް ނެތް ކަމަށެވެ.
މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލުގެ އައު ވެބްސައިޓާއި ޔޫޓިއުބް ޗެނަލް ވަނީ ލޯންޗްކޮށްފަ އެވެ.
މަޖީދިއްޔާއަށް 100 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ތައުލީމާ ބެހޭ ވުޒާރާއިން ވަނީ ނިންމާފަ އެވެ.
މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާއެވެ. މަޖީދީ "ސައްތަވީ ބިނާ" ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ ޢިލްމީ ހިޔާވައްސެވެ. މި ސައްތަވީ ބިނާ އުފަންކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ.