ENGLISH

21 އޭޕްރީލު 2026

Advertisement

އެމްޑީޕީ ކައުންސިލުތަކުން ހުރަސްއެޅިޔަސް ސަރުކާރު ދާނީ ކުރިއަށް: ރައީސް

19 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭގެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވަނީ.

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ-- އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލުތަކުން ރަށްރަށުގައި ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅިޔަސް ސަރުކާރު ދާނީ ކުރިއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މިހެން ވިދާޅުވީ ރޭ އއ. ރަސްދޫގައި އޮތް ޕީއެންސީގެ ހާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މި ހަފްލާއަކީ ނިމިދިޔަ އިންތިޚާބުގައި އއ. އުކުޅަހާއި ތޮއްޑުއާއި އެ އަތޮޅު ރަސްދޫއިން އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އުފާފާޅުކުރުމުގެ ހަފްލާ އެކެވެ.

ރައީސް ވިދާޅުވީ އަބަދުވެސް އިސްކުރަންޖެހޭނީ ދިވެހި ގައުމު ކަމަށެވެ. ނިމިދިޔަ ކައުންސިލް އިންތިހާބުގައި ހޮވިގެން ދިޔަ އެމްޑީޕީގެ ކައުންސިލަރުންގެ ކިބައިންވެސް ފެންނަންޖެހޭނީ ގައުމު އިސްކުރާތަން ކަމަށާއި ވަކި ސިޔާސީ ފިކުރެއް ކުރިއަރުވާ މަންޒަރު ނޫންކަމަށް ރައީސް ވިދާޅުވި އެވެ. 

"ކޮންމެ ސިޔާސީ ފިކުރެއްގައި ހޮވުނު ނަމަވެސް އެމީހާ ހޮވޭ ހިސާބުން އެއީ ހުރިހާ ރައްޔިތުންނަށް ހިދުމަތްކުރަން ހޮވާ މީހެއް. އިސްކުރަންޖެހޭނީ އެ ރަށެއްގެ މަސްލަހަތު. ޕާޓީގެ މަސްލަހަތެއް ނޫން. ޕާޓީން ގައުމާ ހިލާފަށް ދާނަމަ ދީނާ ހިލާފަށް ދާނަމަ އަދި އަމުދުން އަވަހަށް އެކަމުން އެއްކިބާވާންޖެހޭނެ،". ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ރައްޔިތުން ސަރުކާރުގައި އެދޭ ކަންކަން ކުރުމަށް އިދިކޮޅު ފިކުރުގެ ކައުންސިލަރުން ހުރަސްއަޅުއްވާނަމަ އެކަން ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ. 

އެގޮތުން އެމަނިކުފާނު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު އެ ބައްދަލުވުމުގެ ތެރެއިން ހަފްތާއެއްގެ ތެރޭގައި މަޝްރޫއުތަކަށް ހުރަސްއަޅައިގެން ލިބޭ ޝަކުވާތައް ރައްޔިތުންނަށް ތިލަކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ. 

"އިދިކޮޅު ކައުންސިލަރުން ހޮވި ރަށްރަށާއި ސިޓީތަކުގެ ރައްޔިތުންނަށް ވެސް ދަންނަވާލަން އޮތީ ސަރުކާރު އިސްކުރަނީ ގައުމުކަން. ސަރުކާރުން މަސައްކަތް ކުރާނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ އެކު މަސައްކަތް ކުރެވޭތޯ. އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަ. ސިޓީތަކަށް ވެސް އަދުލުވެރިކަމާއެކު މަސައްކަތް ކޮށްދޭނަން. އެކަމަކު އެ މުއައްސަސާއަކުން ސަރުކާރަށް އެހީތެރިކަން ނުދޭނަމަ އެވާހަކަ އަޅުގަނޑުމެން ދައްކާނަން،". ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ކައުންސިލުތަކުން ހުރަސްއެޅިޔަސް ސަރުކާރު ދާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކުރިއަށް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު