ENGLISH
10 އޭޕްރީލު 2025
ދެކުނު ކޮރެޔާގެ ރައީސް ޔޫން އަޒުލުކުރި މައްސަލަ ކޯޓުން ބަލަން ފަށައިފި
16 ޑިސެމްބަރު 2024
|
ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުގެ ބޭރުގައި މީހަކު ޔޫން އާ ދެކޮޅަށް އަޑުއުފުލަނީ. --
ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔެއޯލްގެ މައްޗަށް އިތުބާރު ނެތް ކަމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ މައްސަލަ، އެ ޤައުމުގެ ދުސްތޫރީ ކޯޓުން ބަލަން ފަށައިފިއެވެ.
ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ދަށުން، އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައި، އެކަމާ މެދު ގޮތެއް ކަނޑައަޅަން ދުސްތޫރީ ކޯޓަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ޔޫންގެ މަޤާމު ގެއްލޭނީ، މަޖިލީހުގެ ނިންމުމަށް ކޯޓުން ތާއީދުކޮށްފި ނަމައެވެ.
އެ މައްސަލަ ބަލަން ފަށައި، ކުއްލި ޙާލަތު އިޢުލާނުކުރުމާ ގުޅޭގޮތުން ސުވާލުކުރުމަށް ޕްރޮސެކިޔުޓަރުން އެދުނު އެދުމަށް ޔޫން ވަނީ އިންކާރު ކުރައްވައިފައެވެ.
އެއާ އެކު މިއަދުގެ ވަގުތެއްގައި ޔޫން ހާޒިރުކުރަން އިތުރު އަމުރެއް ނެރޭނެ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، އެ މަނިކުފާނާ ދެކޮޅަށް ގިނަ ތަހުޤީޤުތައް ކުރެވެމުންދާ އިރު، ޤައުމުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް އެ މަނިކުފާނުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.
ޤައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތު ޔޫންއަށް ކުރެވޭއިރު، އެ ކުށް ސާބިތުވެއްޖެނަމަ، މަރުގެ ހުކުމެއް އައުމުގެ ފުރުޞަތު އޮންނާނެއެވެ.
ދުސްތޫރީ ކޯޓުގެ ތަރުޖަމާނު ވިދާޅުވީ، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން މި މަހުގެ 27 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަޑުއެހުމަށް ޔޫން ހާޒިރުވާން މަޖުބޫރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.