ENGLISH

21 އޭޕްރީލު 2026

Advertisement

އީރާނުގެ އަގުހެޔޮ އާދައިގެ ޑްރޯނުތަކުން އެމެރިކާއަށް ކުރިމަތިކުރި ގެއްލުން

19 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

އީރާނުގެ ޑްރޯނެއް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަައިން ހާމަވި އެއް ހަގީގަތަކީ އީރާނަކީ އެމެރިކާއާ ދެކޮޅަށް ހަނގުރާމައިގެ މައިދާނުގައި ގާބިލު ނަތީޖާ ނެރެވޭ ވާދަވެރިއެއްް ކަމެވެ. އުދުވާނުގެ ރައްދުގައި ހަމަލާދީ ހަނގުރާމައަށް ނުކުތުމުގެ އިތުރަށް އީރާނުންވަނީ އެމެރިކާއާއި އެ ގައުމުގެ ބައިވެރިންނަށް އަގުހެޔޮ ޑްރޯނުތައް ހަނގުރާމައިގައި ނަތީޖާ ނެރެވޭ ގޮތަށް ބޭނުންކުރުމުގެ ގެއްލުންތަކާ ކުރިމަތިލާން މަޖުބޫރުކޮށްފައެވެ. 

ވިޔަފާރި ފަންތީގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީރާނުން އުފައްދާ ޑްރޯނުތަކުގެ އަގެއްކަމަށް އެކި ރިޕޯޓުތަކުގައި އަންދާޒާކުރަނީ ގާތްގަނޑަކަށް 35،000 އެމެރިކާ ޑޮލަރެވެ. މިއީ މި ޑްރޯނުތަކަށް ހުރަސްއެޅުމަށް އެމެރިކާއިން ބޭނުންކުރާ އަސްކަރީ އިންޓަސެޕްޓާތައް އުފެއްދުމަށް ހޭދަވާ އަގުގެ ބައިކުޅަ ބައެކެވެ. 

އަގުހެޔޮ ޑްރޯނުތަކުގެ ސަބަބުން ޔޫކުރެއިން ހަނގުރާމަ ބަދަލުކޮށްލިއެވެ. އަދި އެ ޑްރޯނުތައް ވެފައިވަނީ އެމެރިކާގެ އަސްކަރީ އިންވެސްޓުމެންޓުތަކުގެ ތެރޭގައި އޮތް ހުސްކަމެއްގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިން ވަސީލަތަކަށެވެ. އެމެރިކާގެ އަސްކަރިއްޔާއިން އަބަދުވެސް އިސްކަންދީފައިވަނީ އަގުބޮޑު، އަމާޒަށް ވާސިލުވުމުގައި ގާބިލު ހަތިޔާރު އުފެއްދުމަށެވެ. 

އެމެރިކާގެ ކުރީގެ ރައީސް ބައިޑެންގެ ވެރިކަމުގައި ޕެންޓަގަނުގެ އިސް މަގާމުތައް ފުރުއްވި މައިކަލް ހޮރޮވިޓްޒް ނިއުޔޯކް ޓައިމްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި ޑްރޯނުތަކާ ކުރިމަތިލާނެ ރަނގަޅު ނިޒާމުތަކެއް އީޖާދުކުރުމަކީ އެމެރިކާއިން ފާއިތުވި ދިހަ ވަރަކަށް އަހަރު ވަރަށް ބޮޑަށް އިސްކަންދެމުންއައި ކަމެއް ކަމަށެވެ. ނަމަވެސް އެކަށީގެންވާ ފުޅާމިނުގައި ޑްރޯނުތަކާ ދެކޮޅު ހައްލެއް ހޯދިފައިނުވާކަމަށް އޭނާ އެއްބަސްވެވަޑައިގަންނަވައެވެ. 

މި ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހު އެމެރިކާއިން 11.3 ބިލިއަން ޑޮލަރު ހަރަދުކުރިއެވެ. އޭގެ ފަހުން ހިނގި ހަރަދުތަކުގެ ތަފުސީލެއް އެމެރިކާގެ ސަރުކާރުން ހާމަނުކުރެއެވެ. ނަމަވެސް ކޮންޒަވޭޓިވް ތިންކު ޓޭންކު (ފިކުރު ހާނާ)އެއް ކަމުގައިވާ އެމެރިކަން އެންޓަޕްރައިސް އިންސްޓިޓޫޓްއިން އަންދާޒާކުރާ ގޮތުގައި އެމެރިކާއިން މި ހަނގުރާމައިގަ 25 ބިލިއަނާއި 35 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް މިހާތަނަށް ހޭދަކޮށްފައިވެއެވެ. މިސައިލް ޑިފެންސް ހަބީރުން ނުވަތަ މާހިރުން ވިދާޅުވާ ގޮތުގައި އެމެރިކާގެ އިންޓަސެޕްޓާ ނުވަތަަ ވައިގެ ދިފާއީ މިސައިލުތަކުުގެ އަދަދުވެސް ނުރައްކާތެރި މިންވަރަކަށް މަދުވުމުގެ ބިރު ބޮޑެވެ. 

އީރާނުގެ ޑްރޯނުތަކާ ދެކޮޅަށް އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ބޭނުންކުރާ ދިފާއީ ނިޒާމުތަކަށް ބަލައިލުމުން ޑްރޯނުތަކުން އެމެރިކާއަށް ލިބޭ ގެއްލުމުގެ ބޮޑުކަން ވަޒަންކުރެވޭނެއެވެ. 

ވައިގެ މަގުން ޑްރޯނުތައް ހުއްޓުވުން 

ޑްރޯނު ހަމަލާތަކުން ދިފާއުވުމުގައި ވައިގެ ބާރު ބޭނުންކުރެވޭނެ ހާލަތަަކީ ޑްރޯނެއްގެ އޭގެ އަމާޒާ އެތައް ސަތޭކަ މޭލެއްގެ ދުރުން ހޯދައިގަތުމަށްފަހު، ހަނގުރާމަ މަތީ ޖެޓެއް މެދުވެރިކޮށް އެ ޑްރޯނު ވައްޓައިލުމެވެ. އެމެރިކާގެ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުގައި ބޭނުންކުރާ އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމް ރޮކެޓުތަކަކީ ހަ މޭލުގެ ދުރުމިނުން ޑްރޯނުތައް ވައްޓައިލުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމެކެވެ. 

ނަމަވެސް މިބާވަތުގެ ވައިގެ އޮޕަރޭޝަންތަކަކީ ހަރަދު ބޮޑު އޮޕަރޭޝަންތަކެކެވެ. އަދި ހަނގުރާމަ ފުޅާވަމުންދާ މިންވަރަށް ބަަލާއިރު މިއީ ކޮންމެ ފަހަރަކު ކުރިއަށްގެންދެވޭނެ އޮޕަރޭޝަންތަކެއްވެސް ނޫނެނެވެ. އަދި ޑްރޯނުތައް ހޯދުމަށް އެމެރިކާއިން ބޭނުންކުރާ ކުރިއާލާ އިންޒާރުދޭ ވައިގެ އުޅަނދުފަހަރަށް މި ހަނގުރާމައިގަ އީރާނުން ހަަމަލާތަކެއް ދީފައިވާކަމަށް އެންބީސީން ރިޕޯޓުކޮށްފައިވެއެވެ. 

ޑްރޯނުތައް ހޯދައި، އެތަކެތި ވައްޓައިލުމަށް ބޭނުންކުރެވޭނެ ދެން ހުރި ނިޒާމުތަކަކީ ބިމުގައި ބަހައްޓާފައި ހުންނަ ޑިޓެކްޝަން ސިސްޓަމްތަކެވެ. މިފަދަ ނިޒާމުތަކަށް ކުރިމަތިވާ މައްސަލައަކީ ބިމުގެ ލެނބުމުގެ ސަބަބުން ތިރިން ދަތުުރުކުރާ ޑްރޯނުތައް ހޯދައިނުގަނެވުމުގެ މައްސަލައެވެ. 

ޑްރޯނުތަކާ ދެކޮޅު ދިފާއީ ނިޒާމުތައް

ކައިރިން ޑްރޯނުތައް ވައްޓައިލުމަށް ބޭނުންކުރުމަށް އެމެރިކާއާއި އެ ގައުމުގެ ބައިވެރިން އުފައްދާފައިވާ އެއް ނިޒާމަކީ ކަޔޯޓީ ނިޒާމެވެ. މި ނިޒާމުގެ މިސައިލުތައް ބޭނުންކޮށްގެން ނުވަ މޭލު ކައިރިން ޑްރޯނު ވައްޓައިލެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. 

އެމެރިކާއިން ބޭނުންކުރާ ބިމުގަައި ގާއިމކުރާ ދިފާއީ ނިޒާމުތަކުގެ ތެރެއިން ގިނަ ނިޒާމުތަކަށްވރެ ކަޔޯޓީ ނިޒާމަކީ ހަރަދު ކުޑަ ނިޒާމެކެވެ. އަދި މުހިއްމު އެސެޓުތައް ދިފާއުކުރުމުގައި އެ ނިޒާމުގެ ގާބިލުކަން ތަޖުރިބާއިން ސާބިތުވެފައިވެއެވެ. އެ ނިޒާމުން ނަތީޖާ ނެރެވޭ މިންވަރު ސާބިތުވެފައިވުމާއެކު ހަރަދުގެ ގޮތުން ރަނގަޅު ނިޒާމަކަަށްވީ ނަމަވެސް ފާއިތުވި އަހަރުތަކުގައި މި ނިޒާމު އެމެރިކާގެ އަސްކަރިއްޔާއިން ހޯދާފައިވަނީ ވަރަށް މަދުންނެވެ. 

މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް 2023 އަދި 2024 ގައި އީރާނުން މަދަދުވެރިވާ ހަނގުރާމަވެރިން ދިން ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރަން ހުރި ކަޔޯޓީ ނިޒާމުތައް މަދުވެގެން މެދުއިރުމަތީގަައި ހުުރި އަށް އެމެރިކާ ބޭސްއެއްގެ މެދުގައި އެ ނިޒާމުތައް ދައުރުކުރާ ގޮތަށް ބޭނުންކުރަންޖެހުނު ކަމުގައި ސެންޓާ ފޯ އަ ނިއު އެމެރިކަން ސޮސައިޓީން ރިޕޯޓުކޮށްފައިވެއެވެ. 

ބޯޓުފަހަރުގައި ހަރުކޮށްފައި ހުންނަ ދިފާއީ ނިޒާމުތައް 

ބިމުގައި އަދި ކަނޑު އުޅަނދުފަހަރުގައި ބަހައްޓައިގެން ބޭނުންކުރާ، މިސައިލުތަކުން ދިފާއުވާ ގިނަ ނިޒާމުތަކަކީ އަގުބޮޑު ނިޒާމުތަކެވެ. އެ ނިޒާމުތައް ފަރުމާކޮށްފައިވަނީ ހަނގުރާމަމަތީ ބޯޓުފަހަރާއި ބެލިސްޓިކް މިސައިލުތައް ވައްޓައިލުމަށެވެ. އެއީ ޑްރޯނުތަކާ ދެކޮޅަށް ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ނިޒާމުތަކެއް ނޫނެނެވެ. 

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ ޑިސްޓްރޯޔާތަކުގައި ހަރުކޮށްފައި ހުންނަ ރާޑަރުތަކުން 30 މޭލު ދުރުމިނުން ޑްރޯނު ހޯދައިގަނެވެ. އަދި އެ އުޅަނދުފަހަރުގައި ހުންނަ ސްޓެންޑަޑް މިސައިލް-2 އިންޓަސެޕްޓަރުތައް ބޭނުންކޮށްގެން އެ ދުރުމިނުން ޑްރޯނުތައް ވައްޓައިވެސް ލެވޭނެއެވެ. އަސްކަރީ ޕްރޮޓޮކޯލުތައް ލާޒިމުކުރަނީ ކޮންމެ ފަހަރަކު މަދުވެގެން މި ބާވަތުގެ ދެ މިސައިލު ފޮނުވުމަށެވެ. 

ސްޓެންޑަޑް މިސައިލް-2 ގެ އެއް މިސައިލުގެ އަގަކީ 4.2 މިލިއަން ޑޮލަރުކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ. ކޮންމެ ޑްރޯނެއް ވައްޓައޮލުމަށް ދެ މިސައިލު ބޭނުންކުރާނަމަ އެއީ 35،000 ޑޮލަރަށް އުފެއްދި ހަތިޔާރެއް ނެތިކޮށްލުމަށް 8.4 މިލިއަން ޑޮލަރު ހަރަދުކުރަންޖެހުމެވެ. 

އެމެރިކާގެ ދިފާއީ ނިޒާމުތަކާއި މިޒަމާނުގެ ހަނގުރާމައިގެ އިސްތިރާޖިއްޔާތަކުގެ މެދުގައި އޮތް މި ފަރަގުގެ ފެށުމަކީ ފިިނި ހަނގުރާމައެވެ. އެ ހަނގުރާމައަށްފަހު އެމެރިކާގެ މުޅި ދިފާއީ ނިޒާމުގެ ފަހަތުގައި އޮތް ފަލްސަފާއަކީ ހަލުއި މަދު ވަރުގަދަ މިސައިލުތައް ހުއްޓުވުމަށް ސަމާލުކަން ދިނުމެވެ. އެއްފަހަރާ ގިނަ ޑްރޯނުތަކެއް ބޭނުންކޮށްގެން ދޭ ހަމަލާތައް ހުއްޓުވުމުގެ ވިސްނުމެއް އެއިރު ނެތެވެ. 

އީރާނުން އަންނަނީ އެ ގައުމުގެ ހަމަލާތަކުގައި ޝާހިދް-136 މަރުކާގެ ގިނަ އަދަދެއްގެ ޑްރޯނުތައް އެއްފަހަަރާ ބޭނުންކުރަމުންނެވެ. މި ޑްރޯނުތައް ފޮނުވުމުގެ ކުރިން އެ ޑްރޯނަށް ދާންވީ މަންޒިލު އޮންނަނީ ޕްރޮގުރާމުކޮށް ބުނެދީފައެވެ. އެ ޑްރޯނުތައް 1،500 މޭލުގެ ދުރުމިނަށް ދަތުރުކުރާތީ މެދުއިރުމަތީގައި ހުރި ހުރިހާ އަމާޒުފަތްގަނޑުތަކަށް މި ޑްރޯނުތައް ބޭނުންކޮށްގެން ހަމަލާދެވެއެވެ. 

"މިބާވަތުގެ އަގުހެޔޮ އަމާޒަށް ވާސިލުވަނވި ހަތިޔާރުތަކަކީ އެމެރިކާގެ ގިނަަ ވައިގެ ދިފާއީ ނިޒާމުތައް އުފެއްދި ދުވަސްވަރު ވުޖޫދުގައި ހުރި ހަތިޔާރުތަކެއް ނޫން،" ހޮރޮވިޓްޒް ވިދާޅުވިއެވެ. 

ބިމުގައި ބަހައްޓާ މިސައިލުތަކުން ދިފާއުވާ ނިޒާމުތައް 

އެމެރިކާގެ އަސްކަރިއްޔާއިން މިސައިލުތަކުން ދިފާއުވުމަށް ބޭނުންކުރާ މައިގަނޑު ނިޒާމަކީ ޕެޓްރިއޮޓް ނިޒާމެވެ. އަސްކަރީ ބޭސްތަކުގައި ބަހައްޓައިގެން ބޭނުންކުރާ މި ނިޒާމުތަކުން 27 މޭލު ދުރުމިނުން ޕީއޭސީ-3 މަރުކާގެ މިސައިލުތައް ބޭނުންކޮށްގެން ޑްރޯނުތައް ވައްޓައިލައެވެ. މި ނިޒާމު ބޭނުންކުރާއިރުވެސް އެއްފަހަރާ ދެ މިސައިލު ފޮނުވައިލުން އަސްކަރީ ޕްރޮޓޮކޯލުތައް ލާޒިމުކުރެއެވެ. ޝާހިދު ޑްރޯނެއް 35،000 ޑޮލަރަށް ވުޖޫދުކުރެވޭއިރު މިބާވަތުގެ އެންމެ މިސައިލެއްގެ އަގަކީ އަށް މިލިއަން އެމެރިކާ ޑޮލަރެވެ. 

މި ހިސާބަުތަަކށް ބަލާއިރު 35،000 ޑޮލަރުގެ އަގުހުރި ޑްރޯނެއް ހަލާކުކޮށްލުމަށް ޖުމްލަ 16 މިލިއަން ޑޮލަރު އެމެރިކާގެ އަސްކަރިއްޔާއިން ހަރަދުކުރަންޖެހެއެވެ. 

މިފަދަ ހަރަދު ބޮޑު ދިފާއީ ނިޒާމެއްގެ އެހީގައި މަރާމާތުކުރަން ބޮޑު ހޭދައެއް ހިނގާނެ ނުވަތަ އައު އެސެޓެއް ގާއިމުކުރުމަށް އުދަގޫ އެސެޓުތައް ދިފާކުރުމަކީ މައްސަލަައެއްކަމަށް އެމެރިކާގެ ހަބީރުން ގަބޫލުނުކުރައްވައެވެ. މިސާލަކަށް ގަތަރުގައި ހުރި އެމެރިކާގެ ބޭސްއެއްގެ 1.1 ބިލިއަން ޑޮލަރުގެ ރާޑަރު ނިޒާމާއި، އުރުދުނުގައި ހުރި ބޭސްެއެއްގައި ގާއިމުކޮށްފައި ހުރި 500 މިލިއަން ޑޮލަރުގެ އެއާ ޑިފެންސް ސެންސަރުތަކަކީ ބޮޑު ހޭދަކޮށްގެން ދިފާއުކުރަންޖެހޭ ނިޒާމުތަކެވެ. ހަނގުރާމައިގެ ކުރީ ކޮޅުގައި އީރާނުން ދިން ހަމަލާތަކުގައި މި ދެ އެސެޓަށްވެސް ބޮޑެތި ގެއްލުންތައްވެ މަރާމާތަށް ބޮޑު ހޭދައެއްކުރަންޖެހިފައިވެއެވެ. 

މިހުރިހާ ހިސާބުތަކަށް ބަލާއިރު އެމެރިކާގެ ދިފާއީ ނިޒާމުތަކަކީ އަގު ބޮޑު ނިޒާމުތަކެކެވެ. އަދި އެ ނިޒާމުތަކުގައި ބޭނުންކުރާ ހަތިޔާރަކީ އުފައްދަން ވަގުތު ނަގާ ހޭދަ ބޮޑު ނިޒާމުތަކެވެ. އެ ސަބަބަށްޓަކައި އެ ހަތިޔާރު ބޭނުންކުރަންޖެހޭ މިންވަރު ގިނަވުމަކީ އެ ހަތިޔާރު ބޭނުންކުރަންޖެހޭ މިންވަރާ މުނާސަބު އަދަދަކަށް އެ ހަތިޔާރު ނުއުފެއްދިދާނެ ސަބަބެއްކަމަށް މާހިރުން ގަބޫލުކުރައްވައެވެ. 

ވޮޝިންޓަނުގައި ހުންނަ ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސްގެ މިސަައިލް ޑިފެންސް ޕްރޮޖެކްޓު ޑިރެކްޓަަ ޓޮމް ކަރާކޯ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ބޮޑު ބިރަކީ ހަރަދު ބޮޑުވުމެއް ނޫނެވެ. ނަމަވެސް ހަތިޔާރު ބޭނުންކުރަންޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުން އެތަކެތި ހުސްވަމުންދާ މިންވަރަށް އެތަކެތި ނުއުފެއްދުމެވެ. އޭގެ ނަތީޖާއަކަށްވާނީ އެމެރިކާގެ މުޅި ދިފާއީ ނިޒާމު ހުލިވުމެވެ. 

ކިޔުންތެރިންގެ ހިޔާލު