ENGLISH
22 އޭޕްރީލު 2026
ޕީއެންސީގެ އާއްމު މެންބަރުންނަށް ރައީސްގެ އިލްތިމާސް؛ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވެވަޑައިގަންނަވާ
19 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަަދު މުއިއްޒު ރަސްދޫ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މި އަހަރު ފަހުކޮޅު ކުރިއަށްގެންދަން ނިންމާފައިވާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސްއަށް އެ ޕާޓީގެ އާއްމު މެންބަރުން ތައްޔާރުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރޭ އއ.ރަސްދޫގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮންގްރެސްގެ މަގުސަދަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ޕާޓީގެ ހިންގުން އިތުރަށް ރަނގަޅުކުރުން ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރަނގަޅު މީހުން ޕާޓީގެ މަގާމުތަކަަށް އިންތިހާބުވުމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރުގެ އޮކްޓޯބަރު މަހާ ހިސާބުގައި ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ލީޑާޝިޕުން އޮތީ ނިންމަވާފައެވެ. އެމަަނިކުފާނު ވިދާޅުވީ މި ދަނޑިވަޅަކީ ޑިމޮކްރަސީގެ އުސޫލުތަކުގެ މަތިން ޕާޓީ ވަރުގަދަކުރުމަށް ފިޔަވަޅުތައް އަޅަަންވީ އެންމެ މުހިއްމު ދަނޑިވަޅު ކަމަށެވެ.
"އެހެންވީމާ ކުރިއަށް އޮތް މަސްތަކުގައި މި ރަށް ހިމެނޭހެން، މި ދާއިރާ ހިމެނޭހެން ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ ސަޕޯޓަރުން ކުރައްވަންވީ ކަމަކީ މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް. އެއްކަމަކަށް ހުރިހާ ރަށެއްގެ ސްޓިއަރިން ކޮމިޓީތައް އިންތިހާބުކުރެވޭނެ. އަދި އެގޮތަށް އިންތިހާބުކުރެވޭ މުހިއްމު މަގާމުތަކެއް އަސާސީ ގަވާއިދުގައި ކަނޑައެޅިފައި އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ހުރިހާ ރަށެއްގަައި ތިއްބެވި ޕީއެންސީގެ މެންބަރުން ކިބައިން ރައީސް އެދިވަޑައިގަތީ އިންތިހާބުކުރަންޖެހޭ މަގާމުތަކަށް ރަށްރަށާއި ދާއިރާތަކާއި ޖުމްލަކޮށް މުޅި ގައުމުގެ މަސްލަހަތު އިސްކުރެވޭނެ ގޮތަށް ބޭފުޅުން އިންތިހާބުކޮށްދިނުމަށެވެ. އެމަނިކުފާނު އިލްތިމާސްކުރެއްވީ ޕާޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެވިގެން އެކަށީގެންވާ ހަރުދަނާ ބޭފުޅުން އެ މަގާމުތަކަށް ނެރެދިނުމަށެވެ.
"އެ މަސައްކަތުގެ ތެރެއިން އަދި އިތުރު މެންބަރުން ޕާޓީއަށް ވަނުމަށް ދައުވަތުދީ ޕާޓީ އިތުރަށް ވަރުގަދަކުރެވި، ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ދެފުށް ފެންނަ އެންމެ އަދުލުވެރިކޮށް އިންސާފުވެރިކޮށް ބޭއްވޭ ކޮންގްރެސްއަށް ހެދުން، އެ މަސައްކަތް ކުރަން ޕާޓީގެ ހުރިހާ ލޮބުވެތި މެންބަރުންނަށް ގޮވައިލަން،" ރައީސް ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގައި ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް ނެތި، ގައުމުގެ ކަންކަން ކުރުމުގައި އެފަދަ ނިޒާމެއް ގެންގުޅެވޭނީ ކިހިނެއްތޯ ސުވާލުކުރައްވަމުން ރައީސް ވިދާޅުވީ ގިނަ ޕާޓީ ބައިވެރިވާ ނިޒާމެއްގައި ޕާޓީތަކުގެ ހިންގުން ހަރުދަނާކުރުމަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ކުރިއަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވީ އެ މަސައްކަތުގެ ސަބަބުން ޕާޓީއަށް އެކުވެރިކަމާއެކު ރިޔާސީ އިންތިހާބުގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވުމާއެކު، އޭގެ ފަހުން އޮންނަ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބުކުރެވޭނެ އޮއްޓަރުހުރި ގާބިލު ކެނޑިޑޭޓުން ނެރެވިގެންދާނެ ކަމެވެ.