ENGLISH

19 އޭޕްރީލު 2026

Advertisement

ހަނގުރާމައިގެ ދިލައިން މަސްވެރިކަން ނެތިނުދާނެކަން ސަރުކާރުން ކަށަވަރުކުރާނެ

19 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

--

އިސްރާއީލާއި އެމެރިކާ އިސްވެ އޮވެ މިދިޔަ ފެބުރުއަރީމަހުގެ 28 ވަނަ ދުވަހު ދޭންފެށި ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އެޅި ފިޔަވަޅަކީ ދުނިޔޭގެ ފިޔާފާރީގެ މައި ދޮރޯއްޓެއް ކަމުގައިވާ ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްލުމެވެ. މި ރައްދުގެ ނަތީޖާ މިވީ ފަންސާހަކަށް ދުވަހުގެ ތެރޭގައި ވަކި ގައުމެއް ފަރަގު ނުކޮށް ހަަމަކޮންމެ ގައުމެއްގެ އިގްތިސާދުން ވެސް ފެނިގެން ހިނގައްޖެ އެވެ. 

ރާއްޖެ ކަަހަލަ ނާޒުކު އިގްތިސާދެއް އޮތް އަދި މުޅި އިގްތިސާދު އެންމެ ސިނާއަތަކަށް ބަރޯސާވެފައިވާ ގައުމަކަށް މިފަދަ ކާރިސާއެއްގެ ވަގުތު ލިބޭނެ ގެއްލުން އެހާމެ ބޮޑެވެ. ރާއްޖެއަށް ތެލާއި ގޭސް ގެނައުމުގައި މެދު އިރުމަތީގެ ގައުމުތައް މުހިންމު ދައުރެއް އަދާކުރެ އެވެ. ހަމައެހެންމެ ރާއްޖޭގެ އިގްތިސާދީ ނާރެސް ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް މެދުއިރުމަތީގެ ގައުމުތަކުގެ ފަތުރުވެރިންނާއި މެދުއިރުމަތީގެ ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ނިޒާމު  މުހިންމު ރޯލެއް ކުޅެ އެވެ. ބައިނަލްއަގްވާމި ގޮތުން ކޮންމެ ގައުމަކާވެސް ލައިގަތް ކާރިސީ ކޮޅިގަނޑު ރާއްޖެ ވެސް މިދަނީ ތަޖުރިބާ ކުރަމުން ނެވެ. 

މެދު އިރު މަތީގައި ހިނގަމުން އައި ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ ރޭވުންތެރިކަމާއެކުގަ އެވެ. އެންމެ ފުރަތަމަ މިކަމަށް ހާއްސަ ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައިގެން ގައުމީ ފެންވަރުގައި މިކަންކަން ރާވާލައިގެން ކުރިއަށް ގެންދިއުމުގެ ހެޔޮ ނަތީޖާ ކޮންމެވެސް ވަރަކަށް މިހާރުވެސް ފެންނަމުން އެބަ ދެއެވެ. ވަކި ދާއިރާއެއް ނަގަނީ ނަމަ މަސްވެރިކަމުގެ ދާއިރާ ނަންގަވަމާތޯ އވެެ.  ހަގުރާމައާއި ގުޅިގެން ދުނިޔޭގެ އިގްތިސޯދު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް ސަރުކާރުން ދިވެހި މަސްވެރިންނަށް މަހަށް ނިކުމެވޭނެކަން ޔަގީންކޮށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.

ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނެވެ. މަސްވެރިކަމުގެ ދާއިރާއަކީ ފަތުރުވެރިކަން ފިޔަވައި ދެން ދިވެހި އިގްތިސާދު އެ ދާއިރާއެއްގެ މައްޗަށް ބިނާވެފައިވާ ދިވެހިންގެ ލޭނާރެވެ. މިފަދަ ކާރިސާއެއް ނުވަތަ ލޮޅުމެއް އައުމުން ދިވެހި މަސްވެރިކަމަށް އޭގެ އަސަރު ކުރާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ނަމަވެސް މި ސިނާއަތަށް މަޑުޖެހުމެއް ނައިސް ކުރިއަސްދާ ދިއުމުން ދޭހަކޮށްދެނީ ސަރުކާރުން މި ސިނާއަތަށް މަޑުޖެހުމެއް އަޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅައިފި ކަމެވެ. ދިވެހި މަސްވެރި އާއިލާތަކަށް ސަރުކާރުން ދެނީ ޔަގީންކަމެކެވެ. ދިވެހި މަސްވެރިންނަށް މަހަށް ފުރޭނެކަން ކަށަވަރުކޮށް މަސްވެރިންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން މިހާރު ވެސް އަންނަނީ އަޅަމުން ނެވެ.

މަހަށް ފުރޭނެކަމުގެ ޔަގީންކަން ދީ ހަރުދަނާ ފިޔަވަޅުތަކެއް:

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން ފަހި ހަކަތަ ޕްރޮގްރާމުގެ ދަށުން ތެލަށް ސަބްސިޑީ ދޭން ވަނީ ފަށާފަ އެވެ.

މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން ފަހި ހަކަތަ ސަބްސިޑީ ރިވައިޒްކޮށް ކޮންމެ ލީޓަރަކުން 0.84 ލާރި ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ހަނގުރާމައާއި ގުޅިގެން ތެޔޮ އަގު ބޮޑުވި ވަގުތުވެސް ހަނގުރާމައިގެ ކުރިން މިފްކޯއިން ތެޔޮ ވިއްކަމުން ދިޔަ އަގުގައި މިހާރުވެސް މަސްވެރިންނަށް ދަނީ ތެޔޮވިއްކަމުން ނެވެ.

ކަޅުބިލަ މަހުގެ މަސްވެރިންނެކޭ އެއްގޮތަށް ބޮޑުކަންނެލި މަސްވެރިންނަށް އެސް. ޓީ.އޯ ޝެޑް ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ. ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިހާރު ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެ ގޮތް ވަނީ ހަމަޖައްސާދީފަ އެވެ. 

ހަނގުރާމައިގެ ހާލަތުގައި ސަރުކާރުގެ މަސްކުންފުނި-- މިފްކޯއަށް ކުރިމަތި ވެފައިވާ ގޮންޖެހުންތަކާއެކު ވެސް ސަރުކާރުގެ އެހީތެރިކަމާއެކު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް އަންނަނީ ބަރާބަރަށް ފައިސާދައްކަމުން ނެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ މިގޮތުން މަސްވެރިންނަށް ދޫކޮށްފައި ވެއެވެ. 

މީގެއިތުރުން ދުނިޔޭގެ އިގުތިސާދަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން މިފްކޯއަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުންފުނީގެ ޚަރަދުތައް ހަރުދަނާ ގޮތެއްގައި ކޮންޓްރޯލްކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފަ އެވެ. 

މީގެ އިތުރަށް މިފްކޯ ހަރަކާތްތެރި ނުވާ ސަދަހައްދުތަކުން މަސްވެރިންނަށް ސަބްސިޑައިޒް އަގުގައި ތެޔޮ ނުލިބޭތީ އެކަމަށް ހައްލެއް ހޯދުމަށްޓަކައި މިހާރުވެސް އިފުރުގެ ހަތަރު ސަރަހައްދަކުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުން ނެވެ.

މީގެ އިތުރުން ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށްވެސް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މަސްދަޅުގެ އަގު ބޮޑު ނުކޮށް ހިފެހެއްޓުމަކީ ކާބޯތަކެތީގެ އަގު މައްޗަށް ދިޔަ ނުދީ ހިފަހައްޓަން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއީ ހައްތަހާވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިވެހި ރައްޔިތުންނަށް އަދި ވަކި ސިނާއަތެއްގެ ގޮތުގައި ބަލާނަމަ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ތަކްލީފް ކުޑަކުރުމަށް ސަރުކާރުން ކޮށްފައިވާ ކަންކަމެވެ. ހަރުދަނާ އަދި ވިލުންތެރި އިގްތިސާދަކަށް ވާސިލުވުމަށް މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރަންެޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. އެއާއެކު މި ދަތި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ދޭ ޔަގީންކަމަކީ ދިވެހި މަސްވެރި އުޅަނދުތަކަށް މަހަށް ފުރޭނެ ކަމުގެ ޔަގީންކަމެވެ. ދިވެހި މަސްވެރި އާއިލާތަކަށް އާމްދަނި ލިބޭނެ ކަމުގެ ޔަގީންކަމެވެ. މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަމެވެ. ދިވެހި މަސްވެރި އުފެއްދުންތައް ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަމެވެ.

ކިޔުންތެރިންގެ ހިޔާލު