ENGLISH

18 އޭޕްރީލު 2026

Advertisement

މާލެއަށް އިންތިޚާބުވި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން މިހާ އަވަހަށް ހުތުރު މަންޒަރު ފެންނަން ފަށައިފި: ރައީސް

18 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

މާލެސިޓީ ކައުންެސިލަށް އިންތިޚާބުވި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން މިހާ އަވަހަށް ހުތުރު މަންޒަރު ފެންނަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ އއ. ރަސްދޫގައި އޮތް ކޮންގްރެސް ޕާޓީގެ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާއަކީ ނިމިދިޔަ އިންތިޚާބުގައި އއ. އުކުޅަހާއި ތޮއްޑުއާ ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އުފާފާޅުކުރުމުގެ ހަފްލާ އެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކަށް އަންނަ ބޭފުޅުންގެ ފަރާތުން ރިވެތި އަޚްލާޤު ފެންނަން ރައްޔިތުން އެދޭނެ ކަމަަށެވެ.

ނަމަވެސް ހިތާމައަކީ ބައެއް ބޭފުޅުންގެ ފަރާތުން އެކަން ފެންނަމުން ނުދިއުން ކަމުގައި ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ރައީސް ފާހަގަ ކުރެއްވީ މާލެސިޓީ ކައުންެސިލަށް އިންތިޚާބުވި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންގެ ފަރާތުން މިހާރު ފެންނަމުންދާ ކަންކަމެވެ.

ރައީސް ވިދާޅުވީ އެފަދަ ބައެއް ބޭފުޅުންގެ ފަރާތުން މިހާ އަވަހަށް ހަޑިހުތުރު ބަސްތައް ގޮވާ ހަމަޖެހުން ނަގާލާތަން ފެންނަން ފަށައިފި ކަމަށެވެ. އަދި ކޮންމެ ރެއަކު އެމްޑީޕީން މިހާރު ކުރިއަަަށް ގެންދާ މުޒާހަރާތަކުގައި އެފަދަ ބޭފުޅުން ވަރަށް ބޭއަދަބީ އަދި ހުތުރުބަސްތައް ބޭނުންކޮށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެފަދަ މީހުންގެ ފަރާތުން އަޚްލާޤީ ރީތި ސިފައެއް ނުފެންނަތާންގައި ދީނެއް މިއްލަތެއް އިސްކުރާ މަންޒަރު ވެސް ނުފެންނަ ކަމުގައި ރައީސް ވިދާޅުވި އެވެ.

“އަޅުގަނޑުމެން އިސްކުރަން ޖެހޭނީ ޤައުމު. ޤައުމު އިސްކުރުމުގެ މާނައަކީ މި ޤައުމު ވާރުތަކޮށްދޭން ޖެހޭނީ މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައިވާ ޤައުމެއްގެ ގޮތުގައި،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ މަޤާމެއްގައި ހުންނަވާ ބޭފުޅަކު ޤާނޫނާއި ޚިލާފު ކަމެއް ކުރައްވައިގެން ނުވާނެ ކަމަށެވެ. އަމުދުން ދީނާ ޚިލާފު ކަންކަމަށް ފުރުސަތު ދީގެން ނުވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ހުރިހާ ކައުންސިލްތަކާއެކު ތަރައްްޤީ ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމަަށް ކަމަަށެވެ. ނަމަވެސް މާލެ ސިޓީގެ އެމްޑީޕީގެ އިންތިޚާބީ މެންބަރުންގެ ކިބައިން އެކަން އަދި ނުފެންނަ ކަމުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު