ENGLISH

18 އޭޕްރީލު 2026

Advertisement

އިންތިހާބުގެ ދެވަނަ ބުރު؛ ވޯޓުލުން ނިމެން ގަޑިއިރަކަށްވީއިރު 63.88 އިންސައްތަ މީހުން ވޯޓު ލައިފި

18 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މިއަދުގެ ވޯޓުލުމުގެ ތެރެއިން، ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އޭޕްރީލު ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެއްވަރުވީ ކެންޑިޑޭޓުންގެ މެދުގައި އަލުން ވޯޓު ނެގުމަށް މިއަދު ކުރިއަށްގެންދާ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމެން ގަޑިއިރަކަށްވީއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 63.88 އިންސައްތަ މީހުން ވޯޓު ލައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން މިއަދު ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މިހާތަނަށް އެ ކޮމިޝަނުން އާއްމުކޮށްފަައިވަނީ މެންދުރުފަހު 3:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދެވެ. 

އެ ކޮމިޝަނުން ހާމަކުރި ހިސާބުތަކަށް ބަލާއިރު މެންދުރުފަހު 3:00 އާ ހަމައަށް 3،892 މީހުން ވޯޓުލާފައިވެއެވެ. އެއީ 1،924 އަންހެނުންނާއި، 1،968 ފިރިހެނުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 2،901 އަންހެނުންނާއި، 3،192 ފިރިހެނުންނާއެކު ޖުމްލަ 6093 މީހަކަށެވެ. 

އެހެންކަމުން މިހާތަނަށް 63.12 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 2،201 މީހުން ކިއުތައް ބަންދުކުރަން ފެށުމަށް އެއް ގަޑިއިރަށްވީއިރު ވޯޓުލާފައިނުވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 36.12 އިންސައްތަ މީހުންނެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 6،172 ވޯޓު ކަރުދާސްވަނީ ޗާޕުކޮށްފއެވެ. މިއަދު އިންތިހާބު ކުރިއަށްދާނީ ފަސް ދާއިރާއެއްގައި ފަސް މަގާމަކަށް މީހުން އިންތިހާބުކުރުމަށެވެ. އެއީ ފުވައްމުލަކު ސިޓީގެ ދަޑިމަގުގެ ދާއިރާގެ ކައުންސިލު އިންތިހާބާއި، ބ.ދޮންފަނުގެ ކައުންސިލު އިންތިހާބާއި، ހއ.ކެލާ އަންހެނުންގެ ތަރައްގީއަސް މަސައްކަތްްކުރާ ކޮމިޓީއާއި ހދ.ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ލ.މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. 

މި ދާއިރާތަކުގައި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދަނީ ފުރަތަަމަަ ބުރުގައި އެ ދާއިރާތަކުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެންނެވެ. މި ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވެއެވެ. 

އެގޮތުން ކެލާއާއި މާވަށާއި ފުވައްމުލަކު ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި އަދި ނޭކުރެންދޫއާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފަައިވެއެވެ. 

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 6،093 މީހުން ރަޖިސްޓްރީކޮށްފަައިވެއެވެ. އޭގެ ތެރޭގައި 1،729 މީހުން ކެލާ އިންތިހާބުގައި އަދި ނޭކުރެންދޫ އިންތިހާބުގައި 1،056 މީހުން އަދި ދޮންފަނު އިންތިހާބުގައި 441 މީހުންނާއި، މާވަށު އިންތިހާބުގައި 1،556 މީހުންނާއި ފުވައްމުލަކު ސިޓީގެ ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. 

މި ދާއިރާތަކުގެ އިންތިހާބަށް މާލޭގައި ޖުމްލަ ހަ ވޯޓު ފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަަނުންވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ކެލާއާއި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކުރި ފޮށި ހުންނާނީ ތާޖުއްދީން ސްކޫލުގައެވެ. އަދި ނޭކުރެންދޫއާއި މާވަށުގެ ފޮށިތައް ހުންނާނީ ހިރިޔާ ސްކޫލުގައެވެ. ފުވައްމުލަކު ދަޑިމަަގު އަވަށުގެ ވޯޓުފޮށި ހުންނާނީ ދަރުމަވަންތަ ސްކޫލުގައެވެ. 

ކިޔުންތެރިންގެ ހިޔާލު