ENGLISH

18 އޭޕްރީލު 2026

Advertisement

އިންޑިއާގެ ސްކޮލަޝިޕްތަކާއި ޓިވެޓް ސްކޮލަޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

18 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިންޑިއާގެ ސްކޮލަޝިޕްތަކާއި ޓިވެޓް ސްކޮލަޝިޕަށް ހުށައެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްދީފައި

އިންޑިއާގެ ސްކޮލަޝިޕްތަކާއި ޓިވެޓް ސްކޮލަޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ. 

އިންޑިއާއިން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ގޮތަށް އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)ގެ ސްކޮލާޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފައިވާކަން ހާމަކުރީ އިންޑިއަން ހައިކޮމިޝަނުން ކުރި އެކްސް ޕޯސްޓެއްގަ އެވެ. 

މި ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖުމްލަ 32 ޖާގަ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި އަންޑަގްރެޖުއޭޓް ނުވަތަ ޑިގްރީ ފެންވަރުގެ ކޯސްތަކަށް 20 ޖާގަ، އާޓްސް އަދި ކަލްޗާއިން 10 ޖާގަ، ޔޯގާ އަދި ފިޓްނަސްއިން ދެ ޖާގަ ހިމެނެ އެވެ.

މި ސްކޮލަރޝިޕްތަކަށް ހުށަހަޅާނީ އައިސީސީއާރުގެ ޕޯޓަލް މެދުވެރިކޮށެވެ. 

މީގެ އިތުރުން ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު މި މަހު 26އަށް ވަނި އިތުރުކޮށްދީފަ އެވެ.

"ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް" ސްކީމްގެ ދަށުން ތައުލީމާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލީ ޑިޕްލޮމާ ހަތް ކޯހަކާއި ބެޗްލަރސް ޑިގްރީގެ ތިން ކޯހަކުން ކިޔެވުމުގެ ފުރުޞަތެއެވެ.

ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕުގެ ދަށުން ކިޔަވަން ފުރުޞަތު ލިބޭ ފަރާތްތަކަށް ކޯހުގެ ދިގުމިނަށް ބަލާ ކަނޑައެޅިފައިވާ މުއްދަތަކަށް މޯލްޑިވްސް ޕޮލިޓެކްނިކަށް ޚިދުމަތްކުރުމަށް ބޮންޑު ކުރާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެ އެވެ.

އެ ވުޒާރާއިން ބުނެފައިވަނީ، ކޯހުގައި ކިޔަވަން ދަރިވަރު އިޚުތިޔާރު ކޯހަކީ ފުލްޓައިމް އަދި އިންގްލިޝް މީޑއަމްއިން ކިޔަވައިދޭ ކޯހަކަށް ވާންޖެހޭނެ ކަމަށާއި ކިޔަވަން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ހޯދާ ކިޔަވަން ފަށަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ ސްކޮލަރޝިޕްގެ ފުރުޞަތު ކެންސަލްވާނެކަމަށް އެ އެވުޒާރާއިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު