ENGLISH
10 އޭޕްރީލު 2025
ކުރުސްކު ހިފަން ރަޝިޔާއިން އުތުރު ކޮރެޔާގެ ފައުޖުތައް ބޭނުންކުރާކަމުގެ ތުހުމަތު
15 ޑިސެމްބަރު 2024
|
ޔޫކްރޭންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ. --
ރަޝިޔާގެ ކުރުކްސް ސަރަޙައްދުގައި ތިބި ޔޫކްރޭނުގެ ސިފައިން ފަހަތަށް ޖައްސައި، އެ ސަރަޙައްދު އަނބުރާ ހޯދުމަށް ރަޝިޔާއިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގައި އުތުރު ކޮރެޔާގެ ފައުޖުތައް ބޭނުންކުރަމުންދާ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ތުހުމަތުކުރައްވައިފިއެވެ.
ކުރުކްސްގެ ސަރަޙައްދުގެ ބޮޑު ބައެއް ޔޫކްރޭންއިން ހިފާފައިވަނީ، މިދިޔަ އޯގަސްޓު މަހު ރަޝިޔާ ސިފައިންނަށް އަމާޒުކޮށް ދިން ކުއްލި ޙަމަލާތަކެއްގައެވެ. ނަމަވެސް، އޭގެފަހުން ރަޝިޔާ ސިފައިން ދަނީ އެ ސަރަޙައްދު މަޑުމަޑުން ކޮންޓްރޯލްގެ ދަށަށް ގެންނަމުންނެވެ.
"ރަޝިޔާއިން އުތުރު ކޮރެއާގެ ސިފައިން، ޙަމަލާތަކުގައި ބޭނުންކުރަން ފަށާފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައި،" ޒެލެންސްކީ ވިދާޅުވިއެވެ.
ކުރުކްސްގެ އިތުރުން އިތުރު ސަރަޙައްދުތަކަށް ވެސް އުތުރު ކޮރެޔާގެ ސިފައިން ފޮނުވާފައިވާ ކަމަށް ވެސް ޒެލެންސްކީ ތުހުމަތުކުރެއްވިއެވެ.
ރަޝިޔާއާ އެކު ސޮއިކުރި ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ޔޫކްރޭން އާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެހީވާން އުތުރު ކޮރެޔާއިން 10،000 އަށް ވުރެ ގިނަ ސިފައިން ފޮނުވާފައިވާ ކަމަށް އެމެރިކާގެ އިތުރުން ދެކުނު ކޮރެޔާއިން ތުހުމަތުކުރެއެވެ.
ޒެލެންސްކީ މީގެކުރިން ވިދާޅުވެފައި ގޮތުގައި، ކުރުކްސް ސަރަޙައްދުގައި އެކަނި އުތުރު ކޮރެޔާގެ 11،000 ސިފައިން އެބަތިއްބެވެ.
މިދިޔަ އޯގަސްޓް މަހު ޔޫކްރޭން ދިން ޙަަމަލާތަކަށްފަހު ކުރުކްސް ސަރަޙައްދުގެ 1،400 އަކަކިލޯމީޓަރު ޔޫކްރޭންގެ ބާރުގެ ދަށަށް ގެނައެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި ހިންގި އޮޕަރޭޝަންތަކަށްފަހު އޭގެ ތެރެއިން 600 އެއްހާ އަކަކިލޯމީޓަރު ރަޝިޔާއިން އަނބުރާ ހޯދާފައިވާ ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވަނީ ބުނެފައެވެ.