ENGLISH
10 އޭޕްރީލު 2025
އިޒްރޭލުގެ އާ ޙަމަލާތަކުގެ ޝިކާރައަކަށް ޣައްޒާގެ ސްކޫލްތަކާއި ގެތަކެއް
15 ޑިސެމްބަރު 2024
|
އިޒްރޭލުން ދިން ވައިގެ ޙަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތެއް. --
ފަލަސްތީނުގެ ޣައްޒާގައި ޙާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ރައްޔިތުން ޙިމާޔަތް ހޯދައިގެން ތިބި އަލް ނުސައިރަތު ރެފިޔުޖީ ކޭމްޕުގައި ހިންގި ޤަތުލުއާއްމަށް ފަހު، ސްކޫލްތަކަށާއި ގެތަކަކަށް އަމާޒުކޮށް، އިޒްރޭލު ސިފައިން ދިން ޙަމަލާއެއްގައި އިތުރު 17 މީހަކު ޝަހީދުވެއްޖެއެވެ.
އޭގެތެރޭގައި އދ.ގެ އެހީ ދޭ ޖަމްޢިއްޔާއިން ޙާލުގައި ޖެހިފައިވާ މީހުން ބައިތިއްބާފައިވާ ސްކޫލެއް ވެސް ހިމެނެއެވެ.
ޣައްޒާގެ ހުޅަނގުގައި ހުންނަ އަލް މާޖިދާ ވަސީލާ ސްކޫލަށް އަމާޒުކޮށް އިޒްރޭލުން ދިން މި ރަހުމުކުޑަ ޙަމަލާގައި އިތުރު 10 މީހަކު ޒަޚަމްވެފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން މި ޙަމަލާގެ ވެސް ބަހަނާއަކަށް ދެއްކީ، ހަމާސްގެ ހަނގަރުމާވެރިންނަށް އަމާޒުކުރި ޙަމަލާއެއް ގޮތަށެވެ.
އަލް ނުސައިރަތު ކޭމްޕަށް ހުކުރު ދުވަހު ދިން ޙަމަލާގައި 33 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.
ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 44،800 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ޙާލުގައި ޖެހިފައެވެ.