ENGLISH
10 އޭޕްރީލު 2025
ސޫރިޔާގެ އާ ސަރުކާރާ "ވާހަކަ" ދައްކަމުންދާ ކަމަށް އެމެރިކާއިން ބުނެފި
15 ޑިސެމްބަރު 2024
|
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން. --
ސޫރިޔާގެ ރައީސް ބައްޝާރް އަލް އަސަދުގެ ވެރިކަން ވައްޓާލައި، އެ ޤައުމުގައި އިންތިޤާލީ ސަރުކާރެއް ޤާއިމުކޮށްފައިވާ ހަނގުރާމަވެރިންނާ އެކު ވާހަކަ ދައްކަމުންދާ ކަމަށް އެމެރިކާ އިން ބުނެފިއެވެ.
އަސަދުގެ ދިގުވެރިކަން ކުއްލި ގޮތަކަށް ވެއްޓުނީ، ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކަށްފަހު، ބޮޑެތި ސަހަރުތައް ހިފުމާ ގުޅިގެންނެވެ.
ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަދެގަތުމާއެކު، ބައްޝާރު ވަނީ ރަޝިޔާއިން ހިމާޔަތް ހޯއްދަވައިގެން، ޤައުމު ދޫކޮށް ވަޑައިގެންފައެވެ.
އެއާ އެކު، އެޗްޓީއެސް އިން ވަނީ، އިންތިޤާލީ ސަރުކާރެއް ޤާއިމުކޮށް، އެ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމު މުޙައްމަދު އަލް ބަޝީރުއާ ޙަވާލުކޮށްފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ، އެމެރިކާއިން 2018 ވަނަ އަހަރު ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެޗްޓީއެސްގެ ވެރިންނާ އެކު ސީދާ "ވާހަކަ" ދައްކަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެޗްޓީއެސް އާއި އަދި އެހެން ފަރާތްތަކާ ވެސް ދަނީ ވާހަކަ ދައްކަމުން،" އެޗްޓީއެސް އާ އެކު މުޢާމަލާތް ކުރެވުނު ގޮތެއް ހާމަނުކުރައްވައި ބްލިންކެން ވިދާޅުވިއެވެ.
ބްލިންކެން މި ވާހަކަ ދެއްކެވީ ސީރިއާއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އުރުދުންގައި ތިއްބެވި މެދުއިރުމައްޗާއި ތުރުކީ އަދި ހުޅަނގުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
އުރުދުންގައި ބޭއްވި ބައްދަލުވުމަށްފަހު އެމެރިކާ، ތުރުކީ، ޔޫރަޕިއަން ޔޫނިއަން އަދި އަރަބި ގައުމުތަކުގެ ޑިޕްލޮމެޓުން ނެރުނު ބަޔާނެއްގައި ވަނީ، އުއްމީދީ، އަމާން އަދި ސުލްޙަވެރި މުސްތަޤުބަލެއް ބިނާކުރުމަށް މި ލިބުނު ތާރީޚީ ދަނޑިވަޅުގައި، ސޫރިޔާގެ ރައްޔިތުންނަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.
އަދި އިންސާނީ ހައްޤުތަކަށް އިޙްތިރާމްކޮށް، އެންމެންގެ ބައިވެރިވުން އޮންނަ ސަރުކާރެއް އުފެއްދުމަށް، އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
"އެތައް ޒަމާނެއް ވައްދެން، އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ސޫރިޔާއަށް މި ވަނީ ފުރުޞަތު ލިބިފައި،" އެ ބަޔާނުގައި ބުންޏެވެ.
އެމެރިކާ އާ އެކު، ހުޅަނގުގެ ގިނަ ޤައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޗްޓީއެސް އިން އަލްޤައިދާ އާ އެކު މީގެ ކުރިން އޮތް ގުޅުމެވެ.
ނަމަވެސް، ސޫރިޔާގެ ސަރުކާރު ހިންގުމާ ޙަވާލުވުމަށްފަހު، ހުރިހާ ދީންތަކަށް ވެސް އިޙްތިރާމްކޮށް، ހައްޤުތައް ކަށަވަރުކޮށްދޭނެ ކަމުގެ ވަޢުދުތަކާ އެކު އެޗްޓީއެސްގެ ރާގު ވަނީ ބަދަލުކޮށްފައެވެ.
"ފާއިތުވި ދުވަސްތަކުގައި އަޑުއިވުނު ބައެއް ރަނގަޅު ވާހަކަތައް ބަލައިގަންނަން. އެކަމަކު މިކަމުގައި އެންމެ މުހިންމީ އަމަލުކުރާ ގޮތް، އަދި ދެމެހެއްޓެނިވި ގޮތެއްގައި އަޅާ ފިޔަވަޅުތައް،" ބްލިންކެން ވިދާޅުވިއެވެ.
އެގޮތުގައި އެޗްޓީއެސް ދެމިއޮވެއްޖެނަމަ، މިހާރު އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކާމެދު ދެވަނަ ވިސްނުމަކަށް ދާނެކަމުގެ އިޝާރާތެއް ވެސް ބްލިންކެން ވަނީ ދެއްވައިފައެވެ.