ENGLISH

02 އޭޕްރީލު 2026

Advertisement

ގަން އެއާޕޯޓުގައި ޑިއުޓީ ފްރީ ޚިދުމަތްދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދަނީ

02 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ގަން އިންޓާނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގެ އެންމެ ފަހުގެ ތައްޔާރީތައް. ފޮޓޯ: އެމްއޭސީއެލް

އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕްރޭޝަނެއް ގާއިމުކޮށް ހިންގުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ މޯލްޑިވްސް ޑިއުޓީ ފްރީގެ ފަރާތުން ކަމާގުޅޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނެފި އެވެ.

އެމްއޭސީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ގާއިމުކޮށް ހިންގުމަށްޓަކައި އެކަމާ ގުޅޭ ފަރާތްތަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، މި މަސައްކަތަކީ ލަގްޒަރީ ރީޓެއިލްގެ ހިދުމަތް ރާއްޖޭގެ ދެކުނަށް ތައާރަފްކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމާއެކު، ދިވެހިރާއްޖޭގެ ދެކުނުގެ ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް، ފަތުރުވެރިކަމާއި އިގްތިޞާދީ ދުވެލި ހަލުވިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކަމެކެވެ.

މީގެ އިތުރުން، މިއީ ރާއްޖޭގެ އިގުތިޞާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެމްއޭސީއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމްކުރުމަށް ތައްޔާރުވަމުންދާ މި ޑިއުޓީ ފްރީ އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ރޫޓުތައް ދެކުނުގެ ވިއުގައަށް ތަޢާރަފްކުރުމުގެ ފުރުސަތުތައް ފަހިވެގެން ދިއުމާއެކު، ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތައް އުފެދިގެންދާނެއެވެ. އަދި މި ޑިއުޓީ ފްރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރެވިގެންދާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުންނެވެ.

މިއީ އައްޑޫސިޓީގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން ގެންގުޅެމުން އަންނަ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން އެޅިގެންދާ އިޤްތިޞާދީ މުހިންމު ފިޔަވަޅެއް ކަމަށާއި، މިކަމަކީ ދިވެހިރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އުފުލާލުމަށާއި ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު މުހިންމު ބަހާއެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު