ENGLISH
01 އޭޕްރީލު 2026
ދޮގު ވާހަކަ ނުފަތުރާ، ސްވިފްޓުން ސަސްޕެންޑެއް ނުކުރޭ: ބީއެމްއެލް
01 އޭޕްރީލު 2026
|
ގައުމީ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް: ސްވިފްޓުން ސަސްޕެންޑު ނުކުރާކަމަށާއި ދޮގު ވާހަަކަ ނުފެތުރުމަށް އިލްތިމާސްކުރެއްވި. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ސްވިފްޓުން ގައުމީ ބޭންކް، ބީއެމްއެލް ސަސްޕެންޑުކޮށްފައި ވާތީ ކްރޮސްބޯޑާ ޕޭމަންޓުތައް ނުހެދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ސީއީއޯ މިފަދައިން ވިދާޅުވީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ޢިމާރާތްކުރާ 364 ހައުސިން ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ބޭންކާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރަނީ ބޭންކުގެ އިތުރަށް މުޅި ރާއްޖޭގެ އިގުތިސާދަށް ވެސް އެކަމުގެ ގެއްލުން ލިބޭ ގޮތަށްކަން ފާހަގަކުރައްވައި ޝަރީފް ވަނީ ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައި ވާތީ ޓީޓީ ފަދަ ކްރޮސްބޯޑާ ޕޭމަންޓްސް ނުހެދޭ ކަމަށާއި ބޭންކުގެ ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާއެއް ނެތް ކަމަށް ބުނެ ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފަ އެވެ.
"ސްވިޓުން ސަސްޕެންޑެއް ވެސް ނުކުރޭ. ބޭންކުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ހުންނަން ޖެހޭ ވަރަށް އެބަހުރި. އަދި ނޮސްޓްރޯ އެކައުންޓްތަކުގައި ވެސް ހުންނަން ޖެހޭ ލިމިޓަށް ބޭރު ފައިސާ އެބަހުރި. އަދި ބޭންކުން މި ދަނީ ކްރޮސްބޯޑާ ޕޭމަންޓްސް ހިދުމަތާއި ކާޑުގެ ހިދުމަތާއި ޓީޓީ ހިދުމަތް ވެސް ހިމެނޭހެން ހިދުމަތް ދެމުން. ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާ ނެތް ނަމަ، އިންޓަނޭޝަނަލް ޕޭމަންޓްސްގެ އެއްވެސް ހިދުމަތެއް ބޭންކަކަށް ނުދެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަަބަބުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މި ހައްސާސް ދަނޑިވަޅުގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމުން އާންމުންނާއި ބޭންކުގެ ކަސްޓަމަރުންނާއި ބޭންކުގެ ޕާޓްނަރުންނާއި ބޭންކާ މެދު ނުބައި ތަސައްވުރެއް އުފައްދައިގެން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ބޭންކިން ނިޒާމާއި އިގުތިސާދަށް ގެއްލުން ދިނުން ކަމަށް ޝަރީފު ވިދާޅުވި އެވެ.
ބޭންކާ ގުޅޭ މައުލޫމާތު ދޭނީ ސީދާ ބޭންކުން ނުވަތަ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ކަން ފާހަގަކުރައްވަމުން ޝަރީފް ވަނީ މިދަނޑިވަޅު ބޭންކުން ދޭ ސައްހަ މައުލޫމާތަށް ބިނާ ނުކޮށް ފަތުރާ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފަ އެވެ.