ENGLISH

31 މާރިޗު 2026

Advertisement

ދައުލަތުގެ އާމްދަނީ 10.2 އިންސައްތަ އިތުރުވެ، 10.6 ބިލިއަން ރުފިޔާއަށް

31 މާރިޗު 2026

|

އަޙުމަދު ޙަމީދު

މާލީ ވުޒާރާ

ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 9.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.2 އިންސައްތަ އިތުރު އަދަދެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން 26 މާރިޗުއާ ހަމައަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 2.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. 

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 8.6 ބިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ  81 އިންސައްތައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަށް ބަލާއިރު، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބުނު2.7 ބިލިއަން ރުފިޔާ އަޅާބަލާއިރު 23.9 އިންސައްތަ އިތުރުވެ، 3.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މުދަލާއި ޚިދުމަތުގެ ޓެކުހުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާއެވެ.

މީގެ އިތުރުން، ނޮން-ރެސިޑެންޓް ވިތު ހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59.0 އިންސައްތަ އިތުރުވެ، 324.8 މިލިއަން ރުފިޔާއިން 516.4 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 14.7 އިންސައްތަ އިތުރުވެ، 332.5 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވެފައިވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ.

ޚަރަދުތަކަށް ބަލާއިރު، 26 މާރިޗު އާ ހަމައަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. އެއީ 3.2 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 8.8 އިންސައްތަ އިތުރުވެ 891.2 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދުތައް ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ބިން ހިއްކުމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު137.5 އިންސައްތަ އިތުރުވެ، 442.7 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސޮވެރިންގް ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖުމްލަ 520.6 މިލިއަން ރުފިޔާއަށްވާ ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. މީގެ ތެރޭގައި ފާއިތުވި ހަފުތާގައި ޖަމާކުރި 95.5 މިލިއަން ރުފިޔާ ހިމެނެ އެވެ. އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ލަފާކުރެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު