ENGLISH
31 މާރިޗު 2026
ފަހު މެޗުގައި ޓިމޯ ލެސްޓޭ އަތުން ރާއްޖެ މޮޅުވެއްޖެ
31 މާރިޗު 2026
|
އެންމެ މަޤްބޫލު
އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ކުޅުނު މެޗުގައި ފަހަތުންއަރައި 2-1 އިން ޓިމޯ ލެސްޓޭ އަތުން ދިވެހިރާއްޖެ މޮޅުވެއްޖެއެވެ.
މިއީ މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން ގަލޮޅު ރަސްމީ ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ. ރާއްޖެ އެންމެ ފަހުން ގަލޮޅު ދަނޑުގައި މޮޅުވީ އެކުވެރިކަމުގެ މެޗެއްގައި 2022 ވަނަ އަހަރުގެ މާރިޗް މަހުގައި ބަންގްލަދޭޝް އަތުންނެވެ. އޭގެފަހުން، އެކުވެރިކަމުގެ މެޗެއްގައި 2023 ވަނަ އަހަރު ލ. ގަމުގައި ޕާކިސްތާން އަތުން ވަނީ މޮޅުވެފައެވެ.
ގަަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ރާއްޖޭން ވަނީ ލީޑުނެގުމާ ގާތަށް ޖެހިލައިފައެވެ. އެގޮތުން، ރާއްޖޭގެ ކުޅުންތެރިއަކު ނަގައިދިން ހުރަހެއްގައި ޕެނަލްޓީއޭރިޔާ ތެރެއިން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ބޯޅަ ޓިމޯ ލެސްޓޭގެ ގޯލްކީޕަރު، ޑިލަން ނިސްކީ ވަނީ މަތަކޮށްފައެވެ.
އޭގެފަހުން، މެޗުގެ 30 ވަނަ މިނެޓުގައި ރާއްޖޭގެ ނާއިޒް ހަސަން (ދާދު) ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ޓިމޯ ލެސްޓޭގެ ކީޕަރު، ނިސްކީ އެވެ. އަދި، އޭގެ ހަ މިނެޓުފަހުން، ޓިމޯ ލެސްޓޭގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ދާދު ފޮނުވާލަން މަސައްކަތްކުރި ބޯޅަ ވެސް ނިސްކީ ވަނީ ސަލާމަތްކޮށްފައެވެ.
ދެވަނަ ހާފުގައި ޓިމޯ ލެސްޓޭ އިން ކުޅުން ރަނގަޅުކޮށް، ރާއްޖޭގެ ޑިފެންސަށް ނުރައްކާކޮށްފައިވާއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމުގެ ޒިއޯން ކްރޫޒް ފޮނުވާލި ބޯޅައެއް ރާއްޖޭގެ ކީޕަރު، މުޙައްމަދު ފައިސަލް ވަނީ ހުއްޓުވާފައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ޓިމޯ ލެސްޓޭ އިން ލީޑުނެގީ ކައުންޓާއެޓޭކެއްގައި ތަނަވަސްކުރި ފުރުޞަތެއްގައި އަލެކްސެންޑްރޯ ލެމޯސް ވައްދާލި ލަނޑުންނެވެ.
މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، ރާއްޖޭން އެއްވަރުކުރި ލަނޑުޖަހައިދިނީ މުޙައްމަދު އިރުފާން (އިރޭ) އެވެ. މިއީ އަރިމަތިން ރާއްޖޭގެ ކުޅުންތެރިއަކު ނަގައިދިން ހުރަހެއްގެ އެހީގައި ޕެނަލްޓީއޭރިޔާ ތެރެއިން ރާއްޖޭގެ ކެޕްޓަން، ސަމޫހު އަލީ ބޮލުން ފޮނުވާލަން މަސައްކަތްކުރި ބޯޅަ އިރުފާނަށް ލިބުމުން އޭނާ ފުރަތަމަ ވޮލީއަކުން ފޮނުވާލި ބޯޅަ ޓިމޯ ލެސްޓޭގެ ކީޕަރު، ނިސްކީ މަތަކުރުމުން ދެވަނަ ފަހަރަށް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އިތުރުވަގުތުގެ ތެރޭގައި ރާއްޖެ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ރާއްޖޭގެ އަލީ އަޝްފާޤު (ދަގަނޑޭ) އަށް ޓިމޯ ލެސްޓޭގެ ކީޕަރު، ނިސްކީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ސެންޓޭ ކާމިޔާބުކުރި ގޯލެކެވެ. ފަހު ހާފުގައި ކުޅެން ނިކުމެ ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުން ހޯދީ މޮޅާއެކު އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭ ގައި ރާއްޖެ ނިންމާލީ ތިންވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި ފިލިޕީންސް އޮތީ ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ތަޖިކިސްތާނަށް 13 ޕޮއިންޓް ލިބިފައިވާއިރު، ރާއްޖެ އާއި ފުލުގައި އޮތް ޓިމޯ ލެސްޓޭ އަށް ލިބުނީ ތިން ޕޮއިންޓެވެ. ރާއްޖެ އަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ.