ENGLISH

10 އޭޕްރީލު 2025

Advertisement

ދެކުނު ކޮރެޔާގެ ރައީސް ޔޫން އަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024

|

އެމް އެމް

ދެކުނު ކޮރެޔާގެ ރައީސް ޔޫން. --

ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔެއޯލްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފިއެވެ.

ދެކުނު ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހުން ޔޫންގެ މައްޗަށް އިތުބާރު ނެތް ކަމަށް ދާދި ދެންމެ އަކު ފާސްކުރީ، ޖުމްލަ 300 މެމްބަރުންގެ ތެރެއިން 204 މެމްބަރުން ތާއީދާ އެކުއެވެ.

އެ ޤަރާރާ ދެކޮޅަށް 85 މެމްބަރުން ވޯޓު ދިން އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ ތިން މެމްބަރުން ތިއްބެވިއެވެ. މީގެއިތުރުން، އަށް މެމްބަރެއްގެ ވޯޓު ވަނީ ބާތިލުވެފައެވެ.

މިދިޔަ ހަފްތާގައި ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، މިއީ ޔޫން މަޤާމުން ދުރުކުރަން ހުށަހެޅި ދެވަނަ އިތުބާރު ނެތް ކަމުގެ މައްސަލައެވެ.

ޔޫން މަޤާމުން ދުރުކުރަން އިދިކޮޅު ޕާޓީތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ ފުރަތަމަ މައްސަލަ ފެއިލްވީ، ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)ގެ މެންބަރުން އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ނެގި ވޯޓު ބޮއިކޮޓްކޮށް، މަޖިލީހުގެ ތަޅުމުން ނުކުތުމުންނެވެ.

ޕީޕީޕީން ބުނީ، އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއީދުނުކުރީ، ޔޫން އިސްތިޢުފާ ދެއްވަން އެއްބަސްވެވަޑައިގެންފައިވާތީ ކަމަށެވެ. 

އެކަމަކު މިއަދުގެ ވޯޓާ ހަމައަށް ވެސް ޔޫން އިސްތިޢުފާ ނުދެއްވުމުން، ވޯޓުގައި ބައިވެރިވުމަށް ޕީޕީޕީގެ ލީޑަރު ވަނީ އެ ޕާޓީގެ މެމްބަރުންނަށް އަންގަވައިފައެވެ. 

ޔޫންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރުމުން، އެ މައްސަލަ ދެން ބަލާނީ ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުންނެވެ. ޔޫންގެ މަޤާމު ގެއްލޭނީ، މަޖިލީހުގެ ނިންމުމަށް ކޯޓުން ތާޢީދުކޮށްފިނަމައެވެ.

ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، އެ މަނިކުފާނާ ދެކޮޅަށް ގިނަ ތަހުޤީޤުތައް ކުރެވެމުންދާ އިރު، ޤައުމުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް އެ މަނިކުފާނުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު