ENGLISH

29 މާރިޗު 2026

Advertisement

ކުރިއަށް އޮތް ވޯޓުގައި ޕީއެންސީއާއެކު އެމްޑީޕީގެ ނިޔާ ހުންނެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް: ރައީސް

29 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރެފަރެންޑަމް ވޯޓުގައި އެމްޑީޕީގެ އަހުމަދު ނިޔާޒް (ނިޔާ) ޕީއެންސީއާ އެކު މަސައްކަތް ކުރައްވަން ނިންމެވި ނިންމުމަކީ އެ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބު ތަކާއި ގުޅިގެން ކޮންގްރެސް ޕާޓީން ސިލްސިލާކޮށް ކުރިއަށް ގެންދާ ކެމްޕެއިން ޑޯޓުޑޯ ހަރަކާތުގައި، އެމްޑީޕީގެ މެންބަރު ނިޔާ ރިފަރެންޑަމް ވޯޓާއި އެއްކޮޅަށް މަސައްކަތް ކުރައްވަން ނިންމެވި ނިންމުމާ ގުޅިގެން ދެއްވި ބަސްދީގަތުމެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، އެންމެންވެސް ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ތެރޭގައި އިސްކޮށް، ރައްޔިތުުންނަށްޓަކައި ހިދުމަތްކުރައްވާފައިވާ އަދި ރައްޔިތުން ބަލައިގަނެފައިވާ ބޭފުޅެއް ކޮންގްރެސް ޕާޓީއަށް ތާއިދު ދެއްވާ މަސައްކަތް ކުރައްވަން ނިންމެވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"މިއާއެކީގައި އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ގޮތުގައި ހަމަ އެންމެނެްވެސް ގަބޫލުކުރާނެ އެމްޑީޕީގެ ތެރޭގައި އިސްކޮށް، ގައުމީ ވިސްނުމުގައި، ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި ހިދުމަތްކުރައްވާފައިވާ އަދި ރައްޔިތުން ވަރަށް ބަލައިގެންފައިވާ ބޭފުޅެއް، ހާއްސަކޮށް ރައްޔިތުން ގަބޫލުކުރައްވާ ޝަހުސިއްޔަތެއް. އެހެންވީމާ، ތިފަދަ ބޭފުޅެއް އަޅުގަނޑުމެންނާ އެކީގައި މި މަގުސަދުގައި އަޅުގަނޑުމެން ކުރާ މި މަސައްކަތުގައި ތާއީދުދެއްވަން ނިންމެވުމަކީ އަޅުގަނޑަށް އަދި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ވަރަށް ބޮޑު ފަހުރެއް".  ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާގެ މި ނިންމެވުމަށް ރައީސް ވަނީ ތަކުރާރުކޮށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

އިދިކޮޅު އެމްޑީޕީން ރިފަރެންޑަމް ވޯޓާ ދެކޮޅަށް ކެމްޕެއިންތައް ކުރިއަށް ގެންދާ މި ދަނޑިވަޅުގައި އެމްޑީޕީގެ މެންބަރެއް މި ވަނީ ފާޅުގައި ރިފަރެންޑަމް ވޯޓު ނަގަން ފެންނަ ކަމަށް ވިދާޅުވެފައެވެ.

ނިއު ރޭޑިއަންޓާއި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު ނިޔާ ކުރިން ވަނީ ސިޓީ ކައުންސިލްގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު