ENGLISH
20 އޭޕްރީލު 2025
ތިން ވުޒާރާ ވަގުތީ ގޮތުން ދަރުބާރުގޭގައި ހިންގުމާ ގުޅޭ އިރުޝާދު ރައީސް ދެއްވައިފި
14 ޑިސެމްބަރު 2024
|
ދަރުބާރުގޭގައި ތިން ވުޒާރާގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ކަމާބެހޭ އިސް ވެރިންނާ ބައްދަލުކުރައްވައި ރައީސް އިރުޝާދު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަނދައިގެން ތިން ވުޒާރާގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލަވާލައްވައި އެކަމަށް ބޭނުންވާ އިރުޝާދު އެމަނިކުފާން ދެއްވައިފި އެވެ.
އަލިފާނުގައި އަނދައިގެން ދިޔަ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ މަސައްކަތް ދަރުބާރުގޭގައި ވަގުތީ ގޮތުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ.
ދަރުބާރުގެއަށް ވަޑައިގެން މަސައްކަތް ކުރިއަަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް
އެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަހައްމަދު މުޢިއްޒު ވަނީ ރޭ ދަރުބާރުގެއަށް ވަޑައިގެން އެތަނުގައި ހަމަޖައްސަމުންދާ އިންތިޒާމުތައް ބައްލަވާލައްވައި ކަމާގުޅޭ ބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ. އަދި އެކަމުގައި އަމަލުކުރަންވީ ގޮތްތަކާ ގުޅޭ އިރުޝާދުތައް ރައީސް ވަނީ އެ ވުޒާރާތަކުގެ ވެރިންނަށް ދެއްވާފައެވެ.
އަލިފާނުގައި ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން އެ ތިން ވުޒާރާ ހިންގަމުން އައި ޢިމާރާތް ވަނީ ބިމާ ހަމަވެފައެވެ. އެހެންވެ އެ ތިން ވުޒާރާ އިން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ބުރޫނާރާނެ އިންތިޒާމްތައް ހަމަޖައްސަވައި ތިން ވުޒާރާގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.