ENGLISH

10 އޭޕްރީލު 2025

Advertisement

ސޫރިޔާގައި އަސްކަރީ ބައިވެރިވުމެއް ނުބާއްވަން ތުރުކީއިން ރަޝިޔާ އަދި އީރާން ކިބައިން އެދިއްޖެ

14 ޑިސެމްބަރު 2024

|

އެމް އެމް

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން. --

ސޫރިޔާގެ ރައީސް ބަައްޝާރް އަލް އަސަދުގެ ވެރިކަން ވައްޓާލައި، އެ ޤައުމުގެ ގިނަ ސަރަޙައްދުތަކެއް ހިފާފައިވާ ހަނގުރާމަވެރި ޖަމާޢަތަށް އަސްކަރީ ގޮތުން އެއްވެސް އެހީއެއް ނުދޭން ރަޝިޔާގެ އިތުރުން އީރާން އަށް އަންގާފައިވާ ކަމަށް ތުރުކީ އިން ބުނެފިއެވެ.

"އެންމެ މުޙިންމު ކަމަކީ ރަޝިޔާ އާއި އީރާން އިން އަސްކަރީ ގޮތުން މި ކަމުގެ ތެރެއަށް ނުވަނުން. އެކަމާ ގުޅޭގޮތުން އެ ދެ ޤައުމާ އެކު ބައްދަލުވުންތައް ބާއްވައި ވިސްނައިދިނިން. އެ މީހުން އެކަމަށް އެއްބަސްވޭ،" ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ނޫސްވެރިންނަށް ވިދާޅުވިއެވެ.

ސޫރިޔާގެ ދާޙިލީ ހަނގުރާމަ 2011 ވަނަ އަހަރު ފެށުނު ފަހުން ބައްޝާރަށް އެކި ގޮތް ގޮތުން އަސްކަރީ އެހީ ފޯރުކޮށްދެމުން އައި ރަޝިޔާ އާއި އީރާން ވެސް، އަމިއްލަ ހަނގުރާމަތުގައި މަސްޢޫލުވެ ތިބުމުގެ ސަބަބުން މި ފަހަރު ސޫރިޔާގެ ޙާލަތަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. 

ރަޝިޔާ އާއި އީރާންގެ މަދަދު ލިބުނު ނަމަވެސް، ބައްޝާރުގެ މައްޗަށް ހަނގުރާމަވެރިންނަށް ކުރި ހޯދުނީސް ކަމަށް ފިދާން ޤަބޫލުކުރެއްވި ނަމަވެސް، ލޭއޮހުރުވުން އިތުރުވީސް ކަމަށް އޭނާ ވިދާޅުވިއެވެ.

އަސަދުގެ ދިގުވެރިކަން ކުއްލި ގޮތަކަށް ވެއްޓުނީ، ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކަށްފަހު، ބޮޑެތި ސަހަރުތައް ހިފުމާ ގުޅިގެންނެވެ.

ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަދެގަތުމާއެކު، ބައްޝާރު ވަނީ ރަޝިޔާއިން ހިމާޔަތް ހޯއްދަވައިގެން، ޤައުމު ދޫކޮށް ވަޑައިގެންފައެވެ.

އެއާ އެކު، އެޗްޓީއެސް އިން ވަނީ، އިންތިޤާލީ ސަރުކާރެއް ޤާއިމުކޮށް، އެ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމު މުޙައްމަދު އަލް ބަޝީރުއާ ޙަވާލުކޮށްފައެވެ.

ނަމަވެސް، އަލްޤައިދާ މީގެ ކުރިން ގުޅުން އޮތް އެޗްޓީއެސްއާ މެދު ޙާއްސަކޮށް ހުޅަނގުގެ ޤައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުން އޮންނާނެ ކަމަށް ފިދާން ވެސް ޤަބޫލުކުރައްވައެވެ. 

ނަމަވެސް، ޓެރަރިޒަމަށް ޖާގަ ނުދީ، މުޅި މެދުއިރުމަތީގެ ސުލްޙަ އާއި ހަމަޖެހުން ޤާއިމުކުރެވޭ ގޮތަށް ސޫރިޔާގެ މުސްތަޤްްބަލު ބައްޓަންކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު