ENGLISH

10 އޭޕްރީލު 2025

Advertisement

ފްރާންސްގެ އާ ބޮޑުވަޒީރަކަށް ފްރާންސުއާ ބެއިރޫ ޢައްޔަނުކޮށްފި

13 ޑިސެމްބަރު 2024

|

އެމް އެމް

ފްރާންސްގެ އާ ބޮޑުވަޒީރު ފްރާންސުއާ ބެއިރޫ. --

ފްރާންސް މިހާރު ވެއްޓިފައި އޮތް ސިޔާސީ ހަމަނުޖެހުމުން ސަލާމަތް ކުރުމުގެ ބުރަ ޒިންމާ އާ އެކު، އެ ޤައުމުގެ އާ ބޮޑުވަޒީރަކަށް ފްރާންސުއާ ބެއިރޫ، ރައީސް އެމެނުއެލް މެކްރޮން ޢައްޔަންކުރައްވައިފިއެވެ.

އުމުރުން 73 އަހަރުގެ ބެއިރޫ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރައްވާފައިމިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި މިޝެލް ބާނިއޭގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، މަޤާމުން ދުރުކުރިތާ ނުވަ ދުވަސް ފަހުންނެވެ.

ބެއިރޫ އަކީ މެކްރޮންގެ ޕާޓީއާ ގުޅިފައިވާ މޮޑެމް ގްރޫޕްގެ ވެރިޔާއެވެ.

ބާނިއޭ އާ މެދު، އިދިކޮޅު ޕާޓީން ނުރުހުނީ، އަންނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން ކޯޅުން ބޮޑުވެ، އިޖުތިމާއީ ޚިދުމަތްތަކުގެ ބަޖެޓު ޕާލިމަންޓުގެ ވޯޓަށް ނާހައި ފާސްކުރުމުންނެވެ.

ބޮޑުވަޒީރު ކަމަށް ބެއިރޫ ޢައްޔަންކުރުމާ އެކު ވައަތު ފިޔައިގެ އިދިކޮޅު ޕާޓީން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ބެއިރޫގެ މައްޗަށް ވެސް އިތުބާރު ނެތް ކަމަށް ފާސްކުރާނެ ކަމުގެ އިންޒާރު ވެސް އެ ޕާޓީން ވަނީ ދީފައެވެ. 

އެއާ އެކު، އިދިކޮޅު ފަރާތްތަކުން ވެސް ޤަބޫލުކުރާނެ ކެބިނެޓެއް އެކުލަވާލައި، އަންނަ އަހަރުގެ ބަޖެޓުގެ ކަންކަން ޤާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް ފާސްކުރުމަށް، ބެއިރޫ އަށް އޮތް ގޮންޖެހުން ވަނީ އިތުރަށް ބޮޑުވެފައެވެ. 

މެކްރޮން 2017 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މިއީ އާ ބޮޑުވަޒީރަކު އައްޔަނުކުރެއްވި ހަ ވަނަ ފަހަރެވެ. 

އަދި ބެއިރޫ އަކީ މި އަހަރު ފްރާންސްގެ ބޮޑުވަޒީރު ކަން ކުރައްވާނެ ހަތަރު ވަނަ ބޭފުޅާއެވެ. 

ބާނިއޭގެ ސަރުކާރަކީ، 1958 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފްރާންސްގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކުރި ސަރުކާރެވެ.

ކިޔުންތެރިންގެ ހިޔާލު