ENGLISH

10 އޭޕްރީލު 2025

Advertisement

ޣައްޒާއަށް އެހީ ވައްދާ ވެހިކަލްތަކަށް އިޒްރޭލުން ޙަމަލާދީ 58 މީހުން ޝަހީދުކޮށްލައިފި

13 ޑިސެމްބަރު 2024

|

އެމް އެމް

ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެންދިޔަ ވެހިކަލްތަކަކަށް އިޒްރޭލުން ދިން ވައިގެ ޙަމަލާއެއްގައި 58 މީހަކު ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލުން އަނެއްކާވެސް ރަހުމުކުޑަ ހަމަލާއެއް ދީފައިވަނީ، ޣައްޒާގައި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމަ ހުއްޓާލައި، ސުލްޙަ ޤާއިމުކުރެވޭނެކަމުގެ އުއްމީދު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ދެކުނުގެ ރަފާޙް އަށް ދިން ހަމަލާގައި އެހީ އުފުލާ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ހަތް ގާޑުން މަރުވެފައިވާއިރު، ކައިރީގައި އޮންނަ ޚާން ޔޫނިސްގައި ފަސް ގާޑުން މަރުވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުންޏެވެ.

އެ އުޅަނދުތަކުގައި ހުރީ. އދ.ގެ އެހީ ދޭ ޖަމާޢަތް، އަންރުވާއަށް ގެންދިޔަ ފުށް ޝިޕްމަންޓެއް ކަމަށް ވެސް އިދާރާތަކުން ބުނެއެވެ.

އެ ޙަމަލާތަކުގައި 30 މީހަކު ޒަޚަމްވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

މި ޢަމަލު ދިފާޢުކުރަމުން އިޒްރޭލުން ބުނީ، ޙަމަލާތައް ދީފައިވަނީ ހަމާސް ޖަމާޢަތުގެ ހަނގުރާމެރިންނަށް އަމާޒުކޮށް ކަމަށެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ހަނގުރާމައަށް 14 މަސް ދުވަސްވެފައިވާއިރު، އިޒްރޭލުން ދަނީ ތަކުރާރުކޮށް، ޣައްޒާއަށް އެހީ ވައްދަން އޮތް މަގުތައް ބަންދުކޮށް، އެހީ ވެއްދުމަށް ހުރަސްއަޅަމުންނެވެ. 

އެއާ އެކު، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އެތައް މިލިއަން މައުސޫމް ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަން ވަނީ އިންތިހާއަށް ފޯރައިފައެވެ. 

ފަލަސްތީނުގެ ޣައްޒާއަށް، އިޒްރޭލުން ދެމުންދާ ޙަމަލާތައް އެއްވެސް ޝަރުތަކާ ނުލައި، ވަގުތުން ހުއްޓައިލުމަށް ބާރު އަޅައި، އދ.ގެ ޢާންމު މަޖިލީހުން ޤަރާރެއް އިއްޔެ ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން، އދ.ގެ ޢާންމު މަޖިލީހުން ވަނީ، ނިމަކެތި ހާލުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެމުންދާ، އަންރުވާގެ ދިފާޢުގައި ތެދުވެ، އިތުރު ޤަރާރެއް ވެސް ފާސްކޮށްފައެވެ.

އިޒްރޭލުން ވަނީ، އަންރުވާގެ ޙަރަކާތްތައް އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ހުއްޓުވަން ޤާނޫނެއް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު