ENGLISH

10 އޭޕްރީލު 2025

Advertisement

އަދާނީ ޕޯޓް މަޝްރޫޢު ކުރިއަށް ދާނެ ކަމަށް ލަންކާއިން ބުނެފި

13 ޑިސެމްބަރު 2024

|

އެމް އެމް

އެމެރިކާއިން ޚިޔާނާތުގެ ތުހުމަތުކޮށް، ދަޢުވާކޮށްފައިވާ އިންޑިއާގެ އަދާނީ ގްރޫޕުން ކުރިއަށް ގެންދާ ޕޯޓް މަޝްރޫޢު ހުއްޓައިލުމުގެ ވިސްނުމެއް ނެތް ކަމަށް ސްރީލަންކާ އިން ބުނެފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އަދާނީ ގްރޫޕްގެ ވެރިޔާ އެ ކުންފުނީގެ މައްޗަށް ދަޢުވާ އުފުލީ، ބިލިއަނަރު ގޯތަމް އަދާނީ އާއި ބައެއް އެހެން ވެރިން ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް އޮޅުވާލައިގެން "ރިޝްވަތު ސްކީމް" އެއް ހިންގާފައިވާ ކަމަށް ބުނެއެވެ.

އަދި އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތުގެ ފައިސާ އާއި އެކި ހުށަހެޅުންތައް ހުށަހެޅުމަށް މި ސްކީމް ބޭނުންކޮށްފައިވާ ކަމަށް ވެސް އެ ދަޢުވާތަކުގައި ބުނެފައިވެއެވެ.

ނަމަވެސް، ސްރީލަންކާގެ ޕޯޓްސް މިނިސްޓަރު ބިމާލް ރަތުނަޔަކަ ވިދާޅުވީ، އަދާނީގެ ގްރޫޕުގެ މައްޗަށް އެމެރިކާއިން ކުރާ ތުޙުމަތުތަކާ، ވެރިރަށް ކޮލަމްބޯގައި ހިންގާ ކޮންޓެއިނަރު ޓާމިނަލްގެ ބިޔަ މަޝްރޫޢު އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އަދާނީ އާއި އެމެރިކާ އާ ދެމެދު އޮތް މައްސަލައަކީ އަޅުގަނޑުމެންނާ ގުޅުން އޮތް ކަމެއް ނޫން،" ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންނާ އެކު އެ ބަނދަރަށް ކުރެއްވި ޒިޔާރަތަށްފަހު އޭނާ ވިދާޅުވިއެވެ.

"އަދާނީން ކޮންޓެއިނަރު ޓާމިނަލް ތަރައްގީ ކުރުން ކުރިއަށް ދިއުމަކީ އަޅުގަނޑުމެންނަށް ވަރަށް މުޙިންމު ކަމެއް."

ރަތުނަޔަކަ ވިދާޅުވި ގޮތުގައި، 2022 ވަނަ އަހަރުން ފެށިގެން އިޤުތިސާދީ ދަތިކަން ކުރިމަތިވެ، ދައްކަންޖެހޭ އެތައް ބިލިއަން ޑޮލަރުގެ ދަރަންޏަށް ޑިފޯލްޓުވެފައިވާ ލަންކާއަށް، މި މަޝްރޫޢު އަކީ އާމްދަނީ ހޯދުމަށް ވަރަށް ވެސް މުޙިންމު މަގެއް ކަމަށެވެ. 

ޗައިނާ އިން އަޅައި ހިންގަމުންދާ ޕޯޓާ އިންވެގެން ތަރައްޤީކުރާ މި ބަނދަރުގެ އަގު 700 މިލިއަން ޑޮލަރާ ގާތްކުރެއެވެ. 

މަޝްރޫޢު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރަތުނަޔަކަ ދެއްވާފައިމިވަނީ، ޚިޔާނާތުގެ ދަޢުވާ ކުރުމާ ގުޅިގެން، އެމެރިކާ ސަރުކާރުން ހޯދަން އުޅުނު 553 މިލިއަން ޑޮލަރުގެ ލޯނުގެ މަސައްކަތް ހުއްޓާލާފައިވަނިކޮށެވެ. 

އޭގެ ބަދަލުގައި އަދާނީ ގްރޫޕުން މިހާރު ބޭނުންވަނީ އެ ކުންފުނީގެ އަމިއްލަ ފައިސާއިން ލަންކާގެ ޕޯޓް މަޝްރޫޢު ކުރިއަށް ގެންދާށެވެ.

އަދާނީއަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ގާތް އެކުވެރިއެއް ކަމަށް ވާއިރު، މީގެކުރިން ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމުގައި ވެސް ހުރި އަދާނީގެ ސަބަބުން ނާޖާއިޒް ފައިދާތައް މޯދީ އަށް ލިބޭ ކަމަށް ސިޔާސީ ވާދަވެރިން ތުހުމަތުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު