ENGLISH
23 މާރިޗު 2026
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655
23 މާރިޗު 2026
|
މާލޭގައި ޓެކްސީތަކެއް ޚިދުމަތް ދެނީ. ސަރުކާރުގެ ޓެކްސީ ލައިން ގެންނަނީ ޚިދުމަތާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުން ފާޅުކުރާތީ
އެންމެ މަޤްބޫލު
ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރުގެ ގޮތުގައި 1655 ހަމަޖައްސައިފިއެވެ.
ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރު އާއްމުކުރީ، މާލެ ޓެކްސީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެމްޓިސީސީއިންނެވެ.
އެ ކުންފުނިން މިއަދު އާއްމުކުރި ޕޯސްޓުގައި ބުނީ، އަލަށް ތައާރަފްކުރާ ޓެކްސީ ޚިދުމަތުގެ ހޮޓްލައިން ނަންބަރުގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ޓެކްސީތައް މާލެ ގެނައުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މާރިޗު 4 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ދެ ބެޗަކަށް ބަހާލައިގެން ތިން މޮޑެލްއެއްގެ ކާރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުރަތަމަ ބެޗް ތައިލެންޑުން ގެންނަން ނިންމިއިރު ދެވަނަ ބެޗްގެ ކާރުތައް ގެންނާނީ ޗައިނާއިންނެވެ.
ޓެކްސީ ލައިން ފަށަން ޑްރައިވަރުން ހޯދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކޮށްފައިވެއެވެ. އަދިވެސް އިތުރަށް ޑްރައިވަރުން ބޭނުންވާތީ އިތުރު ވޯކް-އިން އިންޓަވިއުތައް ބާއްވަން ވަނީ ނިންމައިފައެވެ. ޓެކްސީ ލައިނަށް ހޯދަނީ ފުލްޓައިމް ޑްރައިވަރުންނާއި ޕާޓްޓައިމް ޑްރައިވަރުންނެވެ.
މާލެއިން ޓެކްސީ ނުލިބުމުގެ ކަންބޮޑުވުން އާއްމު ރައްޔިތުން އަބަދުވެސް އަންނަނީ ފާހަގަކުރަމުންނެވެ. ފުރަތަމަ ފިޔަވަހީގައި ޓެކްސީ ލައިންގެ ޚިދުމަތް ދޭނީ މާލެ ސަރަޙައްދުގައެވެ. އެއީ މާލެ ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.