ENGLISH
23 މާރިޗު 2026
އިސްރާއީލް ބަލައެއް ނުގަންނަން، ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުން ނުކުރެވޭނެ: ރައީސް
23 މާރިޗު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. އިސްރާއީލު ބަލައިނުގަންނަކަމަށް އަދި އެއްވެސް ގައުމަކަށް މި ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވި. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ނުވަތަ ބައިނަލްއަގްވާމީ އެހެން އެއްވެސް ހަނގުރާމައެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންނުކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމެރިކާ އާއި ޣައިރު ގާނޫނީ ޔަހޫދީ ދައުލަތް- އިސްރާއީލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކަކީ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.
މި ހަނގުރާމައިގައި ރާއްޖޭގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދޭން ސަރުކާރުން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ފައިދާވާނެ ކޮންމެ ކަމެއްގައި އިސްރާއީލު ފިޔަވައި އެހެން ހުރިހާ ގައުމުތަކަކާއެކު ރާއްޖޭން ގުޅުން ބަދަހިކުރާނެ ކަމަށެވެ.
ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް ނުވަތަ އެއްވެސް ގައުމެއްގެ މިލިޓަރީ ބޭނުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ މަންދޫބެއް ރާއްޖެ ވަޑައިގެން އުޅުއްވާކަމަށްބުނެ ފެތުރެމުންދާ ޚަބަރަށް އިޝާރާތްކުރައްވައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްރާއީލު ނޫން އެހެން ޤައުމެއްގެ މަންދޫބެއް ރާއްޖެ ވަޑައިގެން މަޝްވަރާކުރައްވަން އެދިވަޑައިގެންފިކަމުގައިވާނަމަ، އެ ފުރުޞަތު ދެއްވާނޭކަމަށެވެ. ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ސަރޖިއޯ ގޯ، ދިވެހި ސަރުކާރާއެކު އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށާއި، އެހެންނަމަވެސް، ބައްދަލުވުމަކަށް އެދިވަޑައިގަންނަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަންދޫބާއެކު ކުރައްވާ މަޝްވަރާގައިވެސް، މި ހަނގުރާމައިގެ މައުޟޫޢު ފެންމަތިވިކަމުގައިވިޔަސް، ރާއްޖެއިން ދައްކާނޭ ވާހަކައެއް ނޯންނާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖެއަކުންނެއް އެއްވެސް ފުރުސަތެއް ނުދޭނަން އިސްލާމީ ގައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށެއް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދީގެންވާނެ ހަމަލާއެއް ނޫން. އީރާނުން ހަމަލާދޭނަމަ ދޭންޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެމެރިކާ އާއި ޔަހޫދީން އީރާނަށް ދެމުން އަންނަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު ހަމަލާތަކެއް ކަމަށެވެ. އިސްރާއީލަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަމަށާއި، މިއަދާ ހަމައަށް އައިއިރު، އެތައް ޒަމާނެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކުރަމުން އައި ނިކަމެތިކަމަކީ ދިވެހި ރައްޔިތިން އެއްގޮތަކަށްވެސް މަޢާފުކުރާނޭ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.