ENGLISH

25 މާރިޗު 2026

Advertisement

ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމަކީ ބޮޑު އިސްލާހީ ޕެކޭޖެއްގެ ބައެއް: ރައީސް

23 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ގާނޫނުއަސާސީ އިސްލާހުކޮށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސަރުކާރުން ތަންފީޒުކުރަން ގަސްތުކުރާ ބޮޑު އިސްލާހީ އެޖެންޑާއެއްގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމާއި، އެކަމުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ތަރުތީބުވެގެން އަންނާނޭ ކަންކަމާމެދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. 

އެގޮތުން ރައީސް ފާހަގަަކުރެއްވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ނިންމާ ނިންމުމަކާ ގުޅިގެން އިތުރު އިސްލާހުތަކެއް ގާނޫނުއަސާސީއަށް ގެނައުމާމެދު ގޮތްތަކެއް ސަރުކާރުން ނިންމަަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބު އެއް ބުރުން ނިންމައިލުމަށްޓަކައި ޕްރިފެެރެންޝަލް ވޯޓިން ނިޒާމަކަށް ރިޔާސީ އިންތިހާބު ބަދަލުކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް ގެންނަންޖެހޭ އިސްލާހުތައް ހިމެނޭކަމަށް ވިދާޅުވިއެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދަންޖެހެނީ މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރަށް އެ އިސްލާހުގެ ސަބަބުން ބަދަލެއް އައިސް ވިހިވަނަ މަޖިލީހުގެ އުމުރުން ހައެއްކަ މަސް ދުވަސް ކުރުވާތީކަން ރައީސް ފާހަގަކުރެއްވިއެވެ. 

"މިކަންތައް ރައްޔިތުން ނިންމަވާ ގޮތެއްގެ މައްޗަށް ޑިޕެންޑު މިވަނީ ދެން ހުރި ރިފޯމުތައް ގެނައުމުގެ ކަންތައް. ހާއްސަކޮށް އަޅުގަނޑު ދެންނެވި ބޭނުމޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުމަށް ބަދަލެއް ގެންނަން. މިހާރު އޮަންނަ ގޮތަށްވިއްޔާ ކޮންމެ 5،000 ރައްޔިތަކަށް މެންބަރެއް އަންނާނެ. 70 ކޮނެމެވެސް މެންބަރުންނާއެކު ފެށީ، ދެން އިތުރުވަމުން އަށްޑިހައިން ގޮސް މިހާރު ނުވަދިހަ ތިނެއް އެބަތިބި. ރާއްޖޭގެ އާބާދީ ބޮޑުވަމުންދާ މިންވަރަކުން އެ އަދަދ ސަތޭކައިން މައްޗަށްވެސް އަރާފާނެ. އެހެންވީމާ އެއީ ރައްޔިތުން ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާނެ ކަމުގައި އަޅުގަނޑު ނުދެކެން،" ރައީސް ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ކުރިއަށްގެންދިއުމާމެދު ރައްޔިތުން ނިންމާ ގޮތަކާ ގުޅިފައި އޮތް ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު އެއް ބުރުން ނިމޭ ގޮތަށް ޕްރިފެރެންޝަލް ވޯޓިން ނެގުމާމެދުވެސް ދިރާސާތަކެއް ކުރެވެމުންދާ ކަމަށާއި، އެކަމަކީވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. 

އޭގެ އިތުރަށް ނޮވެންބަރު 17 ވަަނަ ދުވަހުގެ ބަދަލުގައި ނޮވެންބަރު 11 ވަނަ ދުވަހު ދައުރު ފެށުމަކީވެސް މި ވޯޓާ ގުޅޭ އިސްލާހެއް ކަމުގައި ރައީސް ވިދާޅުވިއެވެ. 

ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުން ގޮނޑިތަކެއް ހާއްސަކުރުން 

މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުން ހުއްޓޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއެކު ދެ އިސްލާހެއް ހުށަހެޅުމަށް ސަރުކާރުން ދިރާސާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ އިސްލާހަކީ މަޖިލީހުގެ ގޮނޑިތަކުގެ ވަކި ނިސްބަތެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމާ ގުޅޭ ދިރާސާއެވެ. 

އެގޮތުން މަޖިލީހުގެ ވަކި އިންސައްތައަކީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުމާއި، އަންހެނުންނަށް މަޖިލީހުގެ ގޮނޑީގެ ވަކި އިންސައްތައެއް ހާއްސަކުރުމަށް ސަރުކާރުން ދިރާސާތައް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރާނީ ކިހައި އިންސައްތައެއްގެ ގޮނޑިއެއްކަން އެމަނިކުފާނު ވިދާޅުނުވެއެވެ. 

"މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް، ދިރާސާކޮށް ނިންމާ ވަކި އަދަަދެއް ތިރީސް އަހަރުންގެ ދަށުގެ ޒުވާނުންގެ ގޮތުގައި ކަނޑައެޅުން އަދި ވަކި އިންސައްތައެއް އަންހެނުންގެ ގޮތުގައި ކަނޑައެޅުން،" ރައީސް ވިދާޅުވިއެވެ. 

މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީއަށް އިސްލާހުތަކެއް

ގާނޫނުތަކާއި ގާނޫނުއަސާސީއަށް ގެނައުމަށް ސަރުކާރުން ވިސްނާ އިސްލާހުތަކުގެ ތެރެއިން ދެން އެމަނިކުފާނު ފާހަގަކުރެއްވީ މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އިތުރަށް ހަރުދަނާކޮށް ހިންގުން ރަނގަޅުކުރުމަށް ގާނޫނުތަކަށް ގެނެވޭނެ އިސްލާހުތަކެއް އެބަހުރި ކަމެވެ.

ރައީސް ވިދާޅުވެފައިވަނީ އެ އިސްލާހުތައް ދެނެގަނެ، އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްގެންދަވާނެ ކަމަށެވެ. 

އޭގެ އިތުރަށް ރައީސް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނެވުމަކީ ކުރިއަށްގެންދަވާނެ މަސައްކަތެއް ކަމަށެވެ. އޭގެ އިތުރަށް މުޅި ޖުޑީޝަރީގެ މިނިވަންކަން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައްވެސް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. 

މިހާރުވެސް ބަޖެޓު ވަކިކުރެވި ޖުޑީޝަރީގެ ވަސީލަތްތަކަށް ބޮޑު ކުރިއެރުމެއް ސަރުކާރުން ހޯދައިދެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިތުރަށް އެކަން ހަރުދަނާކުރުމުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. 

ރައްޔިތުންގެ ޝަކުވާ ހުށަހެޅޭ އިދާރާ ގާއިމުކުރުން 

އެކި ކަންކަމާ ގުޅިގެން  ރައްޔިތުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅުމަށް ގާއިމުކުރާ ސިޓިޒެންސް ކޮމްޕްލެއިންސް ބިއުރޯގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތަސް ފަސް މަސްދުވަހުގެ ތެރޭގައި އެ ބިއުރޯ ގާއިމުކުރެވި ޖުލައި މަހު ހުޅުވޭނެ ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މަސައްކަތަަކީ މިފަދަ ގިނަ އިސްލާހުތަކެއް ހިމެނިގެން އެކުލަވައިލެވިފައިވާ އިސްލާހީ ޕެކޭޖެއްގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންެވޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މުޅި ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު